ޚަބަރު

ފަތުރުވެރިކަމާ ގުޅުންހުރި ދާއިރާތަކުން މިދިޔަ އަހަރު ދައުލަތަށް 13.5 ބިލިޔަން ރުފިޔާގެ ޢާމްދަނީއެއް


  • ފަތުރުވެރިކަމާ ގުޅުންހުރި ދާއިރާތަކުން 2022ގައި 11 ބިލިޔަން ރުފިޔާ ލިބުނު

  • ޓީޖީއެސްޓީގެ ގޮތުގައި 8.7 ބިލިޔަން ރުފިޔާ ލިބިފައިވޭ

  • ކޮންމެ ފަތުރުވެރިއެއްގެ އަތުން އެވްރެޖްކޮށް 467 ޑޮލަރު ލިބިފައިވޭ

ފަތުރުވެރިކަމާ ގުޅުންހުރި ދާއިރާތަކުން މިދިޔަ އަހަރު ދައުލަތަށް 13.5 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓަރސް މަޓާޓޯއިން ހާމަކޮށްފިއެވެ.

މަޓާޓޯއިން ނެރުނު ނޫސްމަޖައްލާއެއްގައި މީރާއާއި ފަތުރުވެރިކަމާބެހޭ ވުޒާރާއާއި އެމްއެމްއޭއާއި ޔޫއެންޑަބްލިޔުޓީއޯއާ ހަވާލާދީ ބުނެފައިވަނީ މިދިޔަ އަހަރު ފަތުރުވެރިކަމާ ގުޅުންހުރި ދާއިރާތަކުން ދައުލަތަށް 13،533،032،279 (ތޭރަ ބިލިޔަން ފަސްސަތޭކަ ތިރީސް ތިން މިލިޔަން ތިރީސް ދެހާސް ދުއިސައްތަ ހަތްދިހަ ނުވަ) ރުފިޔާ ލިބިފައިވާ ކަމަށެވެ. 2022 ވަނަ އަހަރު ފަތުރުވެރިކަމާ ގުޅުންހުރި ދާއިރާތަކުން ދައުލަތަށް ލިބުނީ 11 ބިލިޔަން ރުފިޔާގެ އާމްދަނީއެކެވެ.

2023 ވަނަ އަހަރު ދައުލަތަށް އާމްދަނީ ލިބިފައިވާ ގޮތްތައް:

* ޑިޕާޗަރ ޓެކްސްގެ ގޮތުގައި 983 މިލިޔަން ރުފިޔާ
* ގްރީން ޓެކްސްގެ ގޮތުގައި 999 މިލިޔަން ރުފިޔާ
* ޓީޖީއެސްޓީގެ ގޮތުގައި 8.7 ބިލިޔަން ރުފިޔާ
* އެއަރޕޯޓު ޑިވެލޮޕްމެންޓް ފީގެ ގޮތުގައި 1 ބިލިޔަން ރުފިޔާ
* ޓޫރިޒަމް ލޭންޑް ރެންޓުގެ ގޮތުގައި 1.7 ބިލިޔަން ރުފިޔާ

މިދިޔަ އަހަރު ރާއްޖެއަށް ޖުމްލަ 1.8 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މަޓާޓޯއިން ބުނީ ރާއްޖެއަށް ޒިޔާރަތްކުރި ކޮންމެ ފަތުރުވެރިއެއްގެ އަތުން ގާތްގަނޑަކަށް 467 ޑޮލަރުގެ ޢާމްދަނީއެއް ދައުލަތަށް ލިބިފައިވާ ކަމަށެވެ.

ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުކޮށް ދާއިރާގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން އަންނަނީ ކުރައްވަމުންނެވެ. އެގޮތުން ރާއްޖޭގެ ފަތުރުވެރިކަން އައު ހަރުފަތަކަށް ގެންދިޔުމަށް އެންމެ އިސްކަމެއް ދެއްވައިގެން ކުރައްވަމުން އަންނަ ކަމަކީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އައު ޓާމިނަލްގެ މަސައްކަތް ނިންމުމެވެ. ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވާ ގޮތުގައި ޓާމިނަލްގެ މަސައްކަތް މިއަހަރުގެ ފަހު ކޮޅު ނިމޭނެއެވެ.

އަހަރުގެ މިހާތަނަށް ރާއްޖެއަށް 5 ލަައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ސަރުކާރުން މިއަހަރަށް އަމާޒު ހިފާފައިވަނީ 2 މިލިއަން ފަތުރުވެރިން ގެނެސް ފަތުރުވެރިކަމުގެ އައު ރެކޯޑެއް ޤާއިމްކުރުމަށެވެ.