ރަމަޟާން މަހުގެ ފަހު 10ގައި ކުށާއި ދަރަނީގެ ރިކޯޑު ސާފުކޮށްދިނުމުގެ ޚިދުމަތް ޑިޕާޓްމަންޓް އޮފް ޖުޑީޝިއަލް އެޑްމިނިސްޓްރޭޝަން، ޑީޖޭއޭއިން ފޯރުކޮށްދޭނެކަމަށް އެ ޑިޕާޓުމަންޓުން ވިދާޅުވެއްޖެއެވެ. ރަމަޟާން މަހުގެ ފަހު 10 ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑައަޅުއްވާފައެވެ.
ޑީޖޭއޭއިން ވިދާޅުވީ، ދަރަނީގެ ރިކޯޑު ސާފުކޮށްދިނުމުގެ އިތުރަށް ކޯޓުތަކުގެ ޙުކުމްތަކާ ގުޅިގެން ކޯޓުތަކަށް ދައްކާ ފައިސާ އޭގެ ޙައްޤުވެރިންނަށް ރައްދުކުރުމުގެ ޚިދުމަތް ރަމަޟާން މަހުގެ ފަހު 10ގައި ފޯރުކޮށްދޭނެ ކަމަށެވެ.
ޑީޖޭއޭއިން ވިދާޅުވީ، އެ ޑިޕާޓުމަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ނިންމީ ރައްޔިތުންނަށް ކޮންމެހެން ދޭން ޖެހޭ ޚިދުމަތްތައް ރަމަޟާން މަހުގެ ފަހު ދިހައެއްގައި ލިބޭނޭ އިންތިޒާމު ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެންނެވުމެއްގައި ބަޔާންކޮށްފައިވާތީ ކަމަށެވެ. އަދި ބަންދު ދުވަސްތަކުގައި ކުށާއި ދަރަނީގެ ރިކޯޑު ސާފުކޮށްދިނުމަށް އެދި ގިނަ ބަޔަކު އެދޭކަމަށްވެސް ޑީޖޭއޭއިން ވިދާޅުވިއެވެ.
މީގެ އިތުރުން ކުރިއަށް އޮތީ ޢީދު ބަންދުކަމަށްވާތީ ރަމަޟާން މަހުގެ ފަހު ދިހައިގައި ދަރިންގެ ޚަރަދުގެ ގޮތުގައި ދައްކާ ފައިސާ އޭގެ ޙައްޤުވެރިންނަށް ލިބޭނެގޮތް ހަމަޖައްސައިދިނުމަކީވެސް މުހިންމުކަމެއްކަމަށް ޑީޖޭއޭއިން ވިދާޅުވިއެވެ.
ޑީޖޭއޭއިން ވިދާޅުވީ މި ޚިދުމަތްތައް ފަހު ދިހައިގައި ދިނުމަށް ނިންމި ނަމަވެސް، ރަމަޟާން މަހުގެ ފަހު 10 އަކީ ސަރުކާރު ބަންދު ދުވަސްތަކަކަށްވާތީ ޢާންމު އުޞޫލުން މުވައްޒަފުން އޮފީހަށް ހާޒިރުވާން ނުޖެހޭނެ ކަމަށެވެ. އަދި ޚިދުމަތްތައް ދިނުމަށް ހަމަޖެހިފައިވަނީ ވީހާވެސް މުވައްޒަފުންނަށް ލުއިވާނެހެން މަދު މުވައްޒަފަކު އޮފީހަށް ނެރިގެންކަމަށް ޑީޖޭއޭއިން ވިދާޅުވިއެވެ.