ޚަބަރު

ފަންނުތައް ކުރިއެރުވުމަށް ފަރުދުންގެ އެއްބާރުލުން ބޭނުންވޭ: ނައިބު ރައީސް


  • ޅެންވެރިކަމުގެ ދުވަހުގެ ތަހުނިޔާ ދިވެހި ޅެންވެރިންނަށް ވިދާޅުވި

ދިވެހި އަދަބިއްޔާތުގައި ހިމެނޭ ޅެންވެރިކަން ފަދަ ފަންނުތައް ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތަކުގައި ފަރުދުންގެ އެއްބާރުލުން ވަރަށްމުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ ދުނިޔޭގެ ޅެންވެރިކަމުގެ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ނައިބު ރައީސްވަނީ ވިދާޅުވީ ދުނިޔޭގެ ޅެންވެރިކަމުގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ މިފަންނުގައި ޙަރަކާތްތެރިވާ އެންމެހާ ފަރާތްތަކަށް އަރިސްކުރައްވާފައެވެ. އަދި ޤައުމިއްޔަތު ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގައި ދިވެހި އަދަބިއްޔާތުގައި ހިމެނޭ ޅެންވެރިކަންފަދަ ފަންނުތައް ކުރިއެރުވުމަށް ފަރުދުންގެ އެއްބާލުން ވަރަށް މުހިންމުކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

ޅެންވެރިކަމާއި ދިވެހި އަދަބިއްޔާތުގައި ހިމެނޭ ފަންނުތައް ދިރުވާ އާލާކޮށް ކުރިއެރުވުމަށް ސަރުކާރުން ވަނީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ނަމުގައި ޚާއްސަ ވުޒާރާއެއް އުފައްދަވާފައެވެ.

އެވުޒާރާއިން އަންނަނީ ޤައުމިއްޔަތު ދިރުވާ އާލާކުރުމުގެ މަޝްރޫޢުގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ޤައުމިއްޔަތާ ގުޅުންހުރި ކޮލެޖެއް އުފެއްދެވުމާއި ޤައުމިއްޔަތުގެ ބަހާތައް ދިރާސާކުރުމަށް ޤައުމީ މަރުކަޒެއް އުފައްދަވާ ދިރާސާތައް ފެށުމުގެ މަސައްކަތްތައް އަންނަނީ ކުރައްވަމުންނެވެ.

މީގެ އިތުރުން މުޖުތަމަޢުގައި ފޮތްތެރިކަން އާލާކުރުމަށް ޤައުމީ ޗާޕުޚާނާ އަލުން އިޢާދަކުރުމަށާއި ދާދިވަރުކޮށް ތަރިކައިގެ ވާހަކަތައް ބެލޭނެ ގޮތެއް ރަސްރަނި ބަގީޗާގައި ޤާއިމްކުރުމަށް ދިވެހިބަހާ ސަގާފަތާއި ބެހޭ ވުޒާރާއިން ވަނީ ނިންމަވާފައެވެ.