ޚަބަރު

3.3 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި


  • މިތަކެތި އަތުލައިގަތީ ގަން އިންޓަރނޭޝަނަލް އެއާޕޯޓުގައި ހިންގި އޮޕަރޭޝަނެއްގައި

  • މިތަކެތި ފެނުނީ އިންޑިއާ 2 ފަސިންޖަރުންގެ ލަގެޖް ބަލައި ފާސްކުރުމުގެ ތެރޭގައި

ވައިގެ މަގުން އެތެރެކުރަން އުޅުނު 3.3 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ވިދާޅުވީ، މިތަކެތި އަތުލައިގަތީ ގަން އިންޓަރނޭޝަނަލް އެއާޕޯޓުގައި މިމަހުގެ 22 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގެ ތެރެއިންކަމަށެވެ.

މި އޮޕަރޭޝަންގެ ތެރެއިން މިމަހުގެ 22 ވަނަ ދުވަހު އިންޑީއާއިން ރާއްޖެއައި އިންޑިއާގެ 2 ފަސިންޖަރުންގެ ލަގެޖުން މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާކަން ޝައްކުކުރެވިގެން، ލަގެޖް ބަލައިފާސްކުރުމުގެ ތެރޭގައި 3.3 ކިލޯގެ މަސްތުވާތަކެތި ވަނީ ފެނިފައެވެ.

މި 2 ފަސިންޖަރުން ބަލައި ފާސްކުރުމުގެ ތެރޭގައި ފެނިފައިވަނީ މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކެނަބިސްކަމަށް ކަސްޓަމްސްއިން ވިދާޅުވިއެވެ.

ވައިގެ މަގުން މަސްތުވާތަކެތި އެތެރެކުރަން މަަސައްކަތްކުރި 2 ފަސިންޖަރަކު ގަން އިންޓަރނޭޝަނަލް އެއާޕޯޓުން ހިފަހައްޓާފައިވާއިރު، މިދިޔަމަހުގެ 29 ވަނަ ދުވަހު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުންވެސް ވަނީ ދެ ފަސިންޖަރަކު ބަލައިފާސްކުރުމުގެ ތެރޭގައި 2 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން ވަނީ އަތުލައިގެންފައެވެ.