އިޤުތިޞާދު ސިންދަފާތުކުރުމަށާއި އިޖުތިމާޢީ ޚިދުމަތްދޭ ތަންތަން ބިނާކުރުމަށް ރާއްޖެއިންކުވާ މަސައްކަތަށް އ.ދގެ ތަޖުރިބާކާރަކު ތަޢުރީފްކޮށްފިއެވެ.
ޑިމޮކްރަސީއާ ބައިނަލްއަޤުވާމީ ހަމަހަމަކަން ޤާއިމްކުރުމުގެ ދާއިރާއިން އ.ދގައި ހިލޭސާބަހަށް މަސައްކަތްކުރާ ތަޖުރިބާކާރެއްކަމަށްވާ ލިވިންގްސްޓޯން ސީވަންޏާނާ ވަނީ ރާއްޖެއަށް 10 ދުވަހުގެ ދަތުރެއްކުރައްވާފައެވެ.
އޭނާގެ މި ދަތުރުގައި އަމާންކަމާއި ސަލާމަތްކަން ޤާއިމްކުރުމުގެ ދާއިރާއިން ރާއްޖެއިން ބައިނަލްއަޤުވާމީ ގޮތުން ޤާއިމްކޮށްފައިވާ ގުޅުންތަކާއި ދެމެހެއްޓެނިވި ތަރައްޤީއާއި މޫސުމަށް އަންނަ ބަދަލުތަކާއި އިޖުތިމާޢީ ރައްކާތެރިކަމާ ގުޅުންހުރި ދާއިރާތަކުގައި ރާއްޖެއިން މަސައްކަތްތައް ބައްޓަންކޮށްފައިވާ ގޮތް އޮބްޒަރވްކޮށް މޮނިޓަރކޮށްފައިވެއެވެ.
ހަމައެއާއެކު ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ ފަރާތްތަކާއި އިޖުތިމާޢީ ކަންކަމުގައި އަންހެނުން ބައިވެރިވާ މިންވަރާއި ކަންކަން ނިންމުމުގައި ޒުވާނުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބޭނުންކުރާ މިންވަރާއި ޢާންމު ތަންތަނުގައި ރައްކާތެރިކަން ހުރި މިންވަރުވެސް ސީވަންޏާނާ ވަނީ އޮބްޒަރވްކޮށްފައެވެ.
އޮބްޒަވޭޝަން ނިންމުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ލިވިންގްސްޓޯން ސީވަންޏާނާ ވަނީ ރާއްޖެއިން އިޖުތިމާޢީ ރައްކާތެރިކަން ކުރިއެރުވުމަށް އެކުލަވާލާފައިވާ ސްކީމްތަކަށް ތަޢުރީފުކުރައްވާފައެވެ. އަދި އިޖުތިމާޢީ ދުޅަހެޔޮކަމާއި ފަޤީރުކަން ނައްތާލުމަށްކުރާ މަސައްކަތްތައް އިތުރުކުރަންޖެހޭ ކަމަށް ސީވަންޏާނާ ވިދާޅުވިއެވެ.
"ރާއްޖެއަށް ހިޖުރަކޮށްގެން މަސައްކަތްކުރާ މަސައްކަތްތެރިންގެ ޙައްޤުތައް ރައްކާތެރިކުރުމަކީ އެންމެން ޝާމިލުވާ ވެރިކަމެއްކުރުމުގެ އެންމެ މުހިންމު އެއް ބަހާ. މިހެންވެ އަޅުގަނޑު ވަރަށް ބޮޑަށް އެދެން ރާއްޖޭގައި މަސައްކަތްކުރާ ބޭރު ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކުރުމުގެ އުޞޫލުތައް ސަރުކާރުން ހަރުދަނާކުރުމަށް" ލިވިންގްސްޓޯން ސީވަންޏާނާ ވިދާޅުވިއެވެ.
މީގެ އިތުރުން ސީވަންޏާނާ ވަނީ ރާއްޖެއިން އިޤުތިޞާދު ސިންދަފާތުކުރުމަށާއި އިޖުތިމާޢީ ޚިދުމަތްދޭ ތަންތަން ބިނާކުރުމަށް ސަރުކާރުން ކުރާ މަސައްކަތަށް މަރުޙަބާ ވިދާޅުވެ، ތަޢުރީފުކޮށްފައެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށް ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތައް ފާހަގަކުރެއްވިއެވެ.
މި ދަތުރުގައި ސީވަންޏާނާ ވަނީ ސަރުކާރުގެ އިސް ބޭބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އިޖުތިމާޢީ ޖަމިއްޔާތަކާ ބައްދަލުކުރައްވާފައެވެ.
ސްޕެޝަލް ޕްރޮސީޖަރސްއަކީ އ.ދގެ ހިއުމަން ރައިޓްސް ކައުންސިލްގެ ގޮތްޕެކެވެ. ސްޕެޝަލް ޕްރޮސީޖަރސްގައި ހިލޭ ސާބަހަށް ޤައުމުތަކުގެ ހާލަތާއި ދިމާވާ އެކި ކަހަލަ މައްސަލަތައް މޮނިޓަރކުރާ ދާއިރާތަކުގެ ތަޖުރިބާކާރުން މަސައްކަތްކުރެއެވެ. މި ތަޖުރިބާކާރުން މޭންޑޭޓަކާއެކު ޤައުމުތަކަށް ފޮނުވުމަށް އައްޔަންކުރަނީ އދ.ގެ ހިއުމަން ރައިޓްސް ކައުންސިލުންނެވެ.