ޚަބަރު

"އިންޓަރކަނެކްޝަން" ވިއުގައިގައި ހިމެނޭ ކޭބަލްތަކަށް ގެއްލުން ނުދިނުމަށް އިލްތިމާސްކޮށްފި


  • މިއީ މިވަގުތު ރާއްޖޭގައި ބޭނުންކުރާ މިފަދަ ހަމައެކަނި ވިއުގަ

  • މާލެ ސަރަހައްދަށް ފޯރުކޮށްދެމުންދާ ކަރަންޓުގެ ޚިދުމަތަށް ބުރޫ އެރުމަކީ އެކަށީގެންވާކަމެއް

  • ކޭބަލްތަކަށް ގެއްލުންވެދާނެ ގޮތްތަކަށް އަމަލުކުރަމުންދާ ފަރާތްތަކާއި މެދު ފިޔަވަޅުއަޅާނެ

މާލެއާއި، ހުޅުލެ، އަދި ހުޅުމާލެ ގުޅުވައިދޭ "އިންޓަރކަނެކްޝަން" ވިއުގައިގައި ހިމެނޭ ކޭބަލް މައްޗަށް ދަނގަޑުޖަހައި އިސްތިހާރު ބޯޑުތައް ބަހައްޓާ ގެއްލުންދެމުން ދާތީ އެކަން ނުކުރުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، ސްޓެލްކޯއިން އިލްތިމާސްކޮށްފިއެވެ.

ސްޓެލްކޯ އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ދައުލަތުން ޚަރަދުކޮށް 7 ކިލޯމީޓަރުގެ ދުރު ރާސްތާއަކަށް އަޅާފައިވާ މި ވިއުގައަކީ 200 މެގަވޮޓާއި ހަމައަށް އެއް ސަބްސްޓޭޝަނުން އަނެއް ސަބްސްޓޭޝަނަށް ކަރަންޓު ގެންދިޔުމުގެ ޤާބިލްކަން ލިބިފައިވާ ވިއުގައެއް ކަމަށެވެ. އަދި މިއީ މިވަގުތު ރާއްޖޭގައި ބޭނުންކުރާ މިފަދަ ހަމައެކަނި ވިއުގަކަންވެސް އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.

މާލޭ އިންޖީނުގޭގައި ޤާއިމްކޮށްފައިވާ 132kV ސަބްސްޓޭޝަނުން ނިކުންނަ މި ވިއުގައިގައި ހިމެނޭ ކޭބަލްތައް އަޅާފައިވަނީ މާލޭ އުސްފަސްގަނޑު ސަރަހައްދުން ފެށިގެން ސިނަމާލެ ބްރިޖާއި ހައިވޭ ހުރަސްކޮށް، ހުޅުމާޅޭ އިންޖީނުގޭގައި ޤާއިމްކޮށްފައިވާ 132kV ސަބްސްޓޭޝަނާ ހަމައަށެވެ. ސްޓެލްކޯ އިން ބުނީ، މާލެއަށް މިވަގުތު ބޭނުންވާ ކަރަންޓުގެ ބޮޑު އިންސައްތައެއް ވެސް ހުޅުމާލެއިން މާލެއަށް ފޯރުކޮށްދެމުންދަނީ މި ވިއުގަ މެދުވެރިކޮށް ކަމަށެވެ.

އެހެންކަމުން، މި ވިއުގައަށް ގެއްލުން ވެއްޖެނަމަ، މަރާމާތު ކުރަން ގިނަ ވަގުތު ތަކެއް ހޭދަވެ، އެކަމަށް ބޮޑު ހޭދައެއް ކުރަންޖެހޭނެކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ. އަދި، މާލެ ސަރަހައްދަށް ފޯރުކޮށްދެމުންދާ ކަރަންޓުގެ ޚިދުމަތަށް ބުރޫ އެރުމަކީ ވެސް އެކަށީގެންވާކަމެއްކަން އެކުންފުނިން ފާހަގަކުރެއެވެ.

މީގެ އިތުރުން، މި ވިއުގައިގައި ހިމެނޭ ކޭބަލަށް ދަނގަޑުފަދަ ތަކެތިން ގެއްލުމެއް ލިބިއްޖެނަމަ، ދަނގަޑު ޖަހާ ފަރާތުގެ ފުރާނައަށް ވެސް ނުރައްކާވާނެ ހާދިސާއެއް ހިނގާފާނެކަމަށް ސްޓެލްކޯގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މި ވިއުގައިގައި ހިމެނޭ ކޭބަލްތަކުގެ މައްޗަށް ދަނގަޑުޖަހައި، ކޭބަލްތަކަށް ގެއްލުންވެދާނެ ގޮތްތަކަށް އަމަލުކުރަމުންދާ ފަރާތްތަކާމެދު ފިޔަވަޅުއަޅާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި، މަގު ކޮންނަ ފަރާތްތަކާއި އިސްތިހާރު ބޯޑުތައް ޖެހުމުގެ ހުއްދަ ދޭ ފަރާތްތަކުން އިތުރަށް ޒިންމާދާރުވުމަށް ސެޓެލްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ.