ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޤާއިމްކުރާ ކެޓް ޝެލްޓަރގެ ބިންގާ އަޅައިފިއެވެ. މި ފެސިލިޓީގެ ބިންގާ އަޅުއްވައިދެއްވީ، އެކަމަށްޓަކާ ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި، މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމެވެ.
ކެޓް ޝެލްޓަރ އެޅުމުގެ މަސައްކަތް ދަނޑުވެރިކަމާ ދިރޭތަކެއްޗާބެހޭ ވުޒާރާއިން މާލެ ސިޓީ ކައުންސިލާ ހަވާލުކުރެއްވީ މިދިޔަ ޖަނަވަރީ މަހުގެ 25 ވަނަ ދުވަހުއެވެ. އަދި މި ފެސިލީޓީގެ މަސައްކަތް ފަށާފައިވަނީ މިމަހުގެ 19 ވަނަ ދުވަހުއެވެ.
ކެޓް ޝެލްޓަރ އެޅުމަށް ހުޅުމާލެ ދެވަނަ ފިޔަވަހިން 5000 އަކަފޫޓުގެ ބިމެއް ވަނީ ޚާއްސަކޮށްފައެވެ. މި މަޝްރޫޢުގެ ދަށުން އެންމެ ފުރަތަމަ އަޅަނީ ވަގުތީ ކެޓް ޝެލްޓަރ ނުވަތަ ބުޅާތައް ބެލެހެއްޓުމުގެ ފެސިލިޓީއެކެވެ.
މި ފެސިލިޓީގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، މާލެ ސަރަޙައްދުގައި ބުޅަލުގެ މައްސަލަ ވަރަށް ބޮޑު ކަމަށެވެ. އެގޮތުން ބުޅަލުގެ ނަޖިސް މަގުމަތީގައި ހުރުމުން އެކަމާ ގުޅިގެން ގިނަ ބަޔަކު ޝަކުވާކުރާކަން މޭޔަރ ފާހަގަކުރެއްވިއެވެ. އަދި ބުޅަލުގެ ނަޖިހާއި ބުޅަލުން ޖެހޭ ބަލިތަކުން ރައްކާތެރި މުޖުތަމަޢަކަށް މާލެ ސަރަޙައްދު ހަދަންޖެހޭކަމަށް ވެސް މޭޔަރ ވިދާޅުވިއެވެ.
"މާލޭގައި މިހާރު ގާތްގަނޑަކަށް 3000 ބުޅާ އުޅޭ. ދިރާސާތަކުން ދައްކާގޮތުން ކުރިއަށް އޮތް ދެތިން އަހަރު ތެރޭ ގާތްގަނޑަކަށް 9000 ބުޅާ މާލެ ސަރަޙައްދަށް އިތުރުވާނެ." މޭޔަރ އާދަމް ޢާޒިމް ވިދާޅުވިއެވެ.
މޭޔަރ ޢާޒިމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މޭޔަރަކަށް ކުރިން ހުންނެވިއިރު ކެޓް ޝެލްޓަރ ފެސިލިޓީއެއް އެޅުމުގެ މަސައްކަތް ފެށުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށެވެ. އަދި މި ފެސިލިޓީ ޤާއިމްކުރުމަށް ސަރުކާރުން ދެއްވާ އެއްބާރުލުން ފާހަގަކުރައްވާ ސަރުކާރަށް މޭޔަރ ޝުކުރުއަދާކުރެއްވިއެވެ.
މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ ސިޓީ ކައުންސިލްގެ އަމާޒަކީ ކުރިއަށް އޮތް ދެތިން މަސް ތެރޭ ކެޓް ޝެލްޓަރގެ މަސައްކަތް ނިންމުން ކަމަށެވެ.
މާލެ ސިޓީ ކައުންސިލުން ވިދާޅުވީ، މި މަޝްރޫޢުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި ކެޓް ޝެލްޓަރ ހެދި ނަމަވެސް ކުރިއަށް އޮތްތަނުގައި ދޫނި ފަދަ ރާއްޖޭގައި އޮޅުކޮށްގެން ގެންގުޅޭ ދިރޭތަކެތި ބެލެހެއްޓޭނެ އިންތިޒާމުވެސް ހަމަޖެހޭނެކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.
މި މަޝްރޫއުގެ ދަށުން ހަދާ ކެޓް ޝެލްޓަރގައި ބުޅަލާއެކު ޢާންމުންނަށް ވަގުތު ހޭދަކޮށްލެވޭ ގޮތަށް ކެޓް ކެފޭއަކާއި ވެޓް ކްލިނިކެއްގެ އިތުރުން ކެޓް ޝޮޕެއް ވެސް ހުޅުވާނެ ކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ. މި މަޝްރޫޢަށް ޖުމްލަ 18000 އަކަފޫޓުގެ ބިމެއް ކުރިއަށްއޮތްތާނގައި ހަމަޖެހިގެންދާނެކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.