ޚަބަރު

300 ޓަނުގެ ކާބޯތަކެއްޗާ އެކު ސައިޕްރަސުން ޣައްޒާއަށް ދެވަނަ އުޅަނދެއް ފުރައިފި


ޣައްޒާގައި ހާލުގައި ޖެހިފައިވާ 2.3 މިލިޔަން މީހުންނަށް ކަނޑުމަގުން ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދޭން ކުރަމުންދާ މަސައްކަތުގެ ދަށުން ކާބޯތަކެތި ބަރު ކޮށްފައިވާ ދެވަނަ އުޅަނދެއް ސައިޕްރަސުން ޣައްޒާއަށް ފުރައިފިއެވެ. 300 ޓަނުގެ ކާބޯތަކެއްޗާ އެކު ދަތުރު ކުރާ އެ އުޅަނދު މި ހަފުތާގެ ކުރީކޮޅު ޣައްޒާގެ އައްސޭރިފަށުގައި ބަނދަރު ކުރާނެއެވެ.

އޮކްޓޫބަރު 7ން ފެށިގެން ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ފެށި ލާއިންސާނީ ޢުދުވާނާ އެކު, ޔަހޫދީ ފައުޖުން ވަނީ ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރަން ހުރަސް އަޅާފައެވެ. ޞިއްޙީ ފަރުވާ ދިނުމަށް ބޭނުންވާ ސާމާނުގެ އިތުރުން ސާފު ބޯފެނާއި ތެޔޮ ވެސް ޣައްޒާއަށް އެތެރެއެއް ނުކުރެވެއެވެ. އަދި, މީގެ 17 އަހަރު ކުރިން ފެށި ޣައްޒާގެ ފުރަބަންދަށް ފަހު, ކަނޑު މަގުން ޣައްޒާއަށް ދަތުރު ކުރުމަށް ވެސް ޔަހޫދީން އޮތީ ހުރަސް އަޅާފައެވެ.

ސައިޕްރަސުން ޣައްޒާއަށް އެހީގެ ސާމާނު ބަރު ކޮށްގެން ދަތުރު ކުރާ އުޅަނދަކީ, ފާއިތުވި 17 ވަރަކަށް އަހަރުގެ ތެރޭގައި ޣައްޒާއަށް ބަނދަރު ކުރާނެ މި ފަދަ ދެވަނަ އުޅަނދެވެ. އެއީ, އިންސާނިއްޔަތަކަށް ޓަކައި މަސައްކަތް ކުރާ ޖަމުޢިއްޔާ, ވަރލްޑް ސެންޓްރަލް ކިޗަން (ޑަބްލިޔުސީކޭ)ން އިންތިޒާމު ކޮށްގެން ކާބޯތަކެއްޗާ އެކު ޣައްޒާއަށް ދަތުރު ކުރާ ދެވަނަ އުޅަނދެވެ.

އިންސާނިއްޔަތަށް ޓަކައި މަސައްކަތް ކުރާ ސްޕެއިންގެ އޯޕަން އާމްސް ޖަމާޢަތުން ވެސް ދަނީ މި ކަމުގައި އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ސައިޕްރަސްގެ އެހީތެރިކަމާ އެކު ޣައްޒާއަށް ކަނޑުމަގުން ކާބޯތަކެތި ފޯރުކޮށްދޭން ހިންގާ މި އޮޕަރޭޝަނަށް ޚަރަދު ކުރަނީ އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ)ންނެވެ.

ސައިޕްރަސްގެ އޮފިޝަލުން ބުނީ, އެ ޤައުމުން ފުރައިގެން ޣައްޒާއަށް ކުރާ ދަތުރަށް 60 ގަޑިއިރު ހޭދަވާނެ ކަމުގައެވެ. އަދި, ޣައްޒާގެ އައްސޭރިފަށުގައި ބަނދަރު ކުރުމަށް ފަހު, ބާޖާއި ޓަގުބޯޓު ފަަަދަ އުޅަނދުފަހަރު ބޭނުން ކޮށްގެން ކާބޯތަކެތި ޣައްޒާއަށް ގެންދެވޭނެ ކަމުގައެވެ. އެ އުޅަނދުގައި ޣައްޒާއަށް ގެންދަނީ ޔަހޫދީން މީގެ ކުރިން ބަލައިފާސްކޮށްފައިވާ ތަކެއްޗެވެ.

މި އޮޕަރޭޝަނުގެ ދަށުން މާރިޗު މަހުގެ ކުރީކޮޅު ޣައްޒާއަށް 200 ޓަނުގެ ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދީފައިވެއެވެ. އެ ތަކެތި ޣައްޒާގެ އައްސޭރިފަށަށް ބޭލުމަށް ވަގުތީ ފާލަމެއް ވަނީ ބިނާކޮށްފައެވެ. އެ ފާލަން ހަދާފައި ވަނީ, ޔަހޫދީ ފައުޖުގެ ޢުދުވާނުގައި ސުންނާފަތި ކޮށްލާފައިވާ ޢިމާރާތްތަކުން ކޮންކުރިޓާއި ގައުކުޑި ފަދަ ތަކެތި ބޭނުން ކޮށްގެންނެވެ.

ކަނޑު މަގުން ޣައްޒާއަށް އިންސާނީ އެހީގެ ސާމާނު ފޯރުކޮށް ދިނުމުގައި އެހީތެރިވުމުގެ ގޮތުން ޣައްޒާގެ އައްސޭރިފަށުގައި ވަގުތީ ބަނދަރެއް ތަރައްޤީ ކޮށްދޭން އެމެރިކާއިން ވެސް ވަނީ ނިންމާފައެވެ. އެ ބަނދަރުގެ މަސައްކަތް އޭޕްރިލް މަހުގެ 15 ވަނަ ދުވަހުގެ ކުރިން ނިިންމާނެ ކަމަށް ބެލެވެއެވެ.

ޔަހޫދީންގެ ޢުދުވާނާ ގުޅިގެން ޣައްޒާގެ އާބާދީގެ ބޮޑު އިންސައްތައަކަށް ވަނީ ބަނޑުފުރާނަ މުއްތި ކުރެވޭނެ ގޮތެއް ނެތިފައެވެ. ޣައްޒާއިން ކާބޯތަކެއްޗާއި ސާފު ބޯފެން ހުސްވެފައިވާއިރު, ޣައްޒާގެ އުތުރުގެ ރަށްތަކުގައި ދިރިއުޅޭ 300,000އެއްހާ މީހުންނަށް ކާބޯތަކެތި ފޯރު ކޮށްދެވޭނެ ގޮތެއް ނެތެވެ. އަދި, ޣައްޒާގެ އެކި ކަންކޮޅުތަކުގައި 576,000އަށް ވުރެ ގިނަ މީހުން ހައިހޫނު ކަމާ ހަނގުރާމަ ކުރަމުންދާ ކަމުގައި އދއިން ބުނެއެވެ. ފައިދާހުރި ކާނާ ނުލިބި, ގިނަ ޢަދަދެއްގެ ކުޑަކުދިން ޝަހީދުވެފައިވާ ކަމުގައި ޣައްޒާގެ ޞިއްޙީ ވުޒާރާއިން ބުނެއެވެ.

ޔަހޫދީންގެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 32,705އަށް އުފުލިފައެވެ. ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރެއިން 25,000އަކީ އަންހެނުންނާއި މައުސޫމު ކުޑަކުދިން ކަމުގައި އެމެރިކާގެ ދިފާޢީ ވަޒީރު ލޮއިޑް އޮސްޓިން ދާދި ފަހުން ވިދާޅުވެފައިވެއެވެ. އަދި, މި ޢުދުވާނުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 75,190އަށް އުފުލިފައެވެ.