ޚަބަރު

ޔަހޫދީންނާއި މުޖާހިދުންނާ ދެމެދު އަލުން މަޝްވަރާތައް ފަށަނީ


ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ނެތިކޮށްލަން ޔަހޫދީ ފައުޖުން ފަށާފައިވާ ލާއިންސާނީ ޢުދުވާން ހުއްޓުމަކަށް ގެނައުމާ ގުޅޭ މަޝްވަރާތައް މިޞްރުގެ ވެރިރަށް ޤާހިރާގައި އަލުން ފެށުމަށް ތައްޔާރުވެއްޖެއެވެ ޔަހޫދީންނާއި ފަލަސްޠީނުގެ މުޖާހިދުންނާ ދެމެދު މާރިޗު 31 ވަނަ ދުވަހު މަޝްވަރާތައް އަލުން ފެށުމަށް ތައްޔާރުވަމުންދާ ކަން ހާމަ ކޮށްފައި ވަނީ މިޞްރުގެ އަލް-ޤާހިރާ ޓީވީންނެވެ.

ޒަޔަނިސްޓު އިސްރާއީލުން ވެސް ވަނީ, ޔަހޫދީންގެ ވަފުދެއް ޤާހިރާއަށް ދަތުރު ކުރަން ހަމަޖެހިފައިވާ ކަން ކަށަވަރު ކޮށްދީފައެވެ. ނަމަވެސް, ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ މުޖާހިދުން ބުނީ, އެ ޖަމާޢަތުގެ އޮފިޝަލުން ޤާހިރާއަށް ދަތުރު ކުރާނީ, މިޞްރުގެ އޮފިޝަލުންނާއި ޔަހޫދީންނާ ދެމެދު މަޝްވަރާތައް ބޭއްވުމަށް ފަހުގައި ކަމުގައެވެ.

އޮކްޓޫބަރު 7ވަނަ ދުވަހު ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ފެށި ލާއިންސާނީ ޢުދުވާނާއި ގަތުލުއާންމު ހުއްޓުމަކަށް ގެނައުމަށް މަސައްކަތް ކުރަމުން ދަނީ މިޞްރާއި ޤަޠަރުން ގުޅިގެންނެވެ. މި ކަމުގައި, ޔަހޫދީންގެ މަސްލަޙަތު ހިމާޔަތް ކޮށްދޭން އެމެރިކާއިން ވެސް ބައިވެރިވެއެވެ.
ޤަޠަރާއި މިޞްރު މެދުވެރިއެއްގެ ގޮތުގައި ބޭނުންކޮށް ޔަހޫދީންނާއި މުޖާހިދުންނާ ދެމެދު މަޝްވަރާ ކުރަމުންދާ އެއްބަސްވުމުގައިވާ ހުށަހެޅުންތަކުގެ ތެރޭގައި ހަ ހަފުތާގެ މުއްދަތަކަށް ޔަހޫދީ ފައުޖުގެ ޢުދުވާންތައް މެދުކަނޑައިލުން ހިމެނެއެވެ. އަދި, ޙަމާސް ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިބި ޔަހޫދީންގެ 130 ވަރަކަށް އަސީރުންގެ ތެރެއިން 40 މީހުން މިނިވަން ކުރުން ހިމެނެއެވެ.

ޙަމާސުން ވަކާލާތު ކުރަމުން ދަނީ ޔަހޫދީންގެ ޢުދުވާން މެދުކަނޑައިލުމުގެ ބަދަލުގައި ހުއްޓުމަކަށް ގެނައުމަށެވެ. އަދި, ޣައްޒާގެ ރަށްތަކަށް އެއްގަމު މަގުން އަރައި, މުސްލިމުންނާ ދެކޮޅަށް ގަތުލުއާންމު ހިންގަމުންދާ ޔަހޫދީ ފައުޖުގެ ސިފައިން ޣައްޒާއިން ބޭލުމަށެވެ. ޔަހޫދީން ބޭނުން ވަނީ ޣައްޒާގެ ވެރިކަމުން ޙަމާސް ދުރު ކުރާށެވެ. އަދި, އެ ކަން ކާމިޔާބު ނުކޮށް, ޣައްޒާއިން ފޭބުމަށް ޔަހޫދީ ސިފައިން ދަނީ ދެކޮޅު ހަދަމުންނެވެ.

މި ޢުދުވާނުގައި ޔަހޫދީ ފައުޖުން މި ވަގުތު އެންމެ ވަރުގަދަ ޙަމަލާތައް އަމާޒު ކުރަމުން ދަނީ ޣައްޒާގެ ހަސްފަތާލުތަކަށެވެ. މި ގޮތުން, ޔަހޫދީ ފައުޖުން ވަނީ މާރިޗު 18 ވަނަ ދުވަހު އަލް-ޝިފާ ހަސްފަތާލުގެ ތެރެއަށް ގަދަ ބާރުން ވަދެގަނެ, ހަސްފަތާލުގެ ތެރޭގައި ގަތުލުއާންމު ހިންގަން ފަށާފައެވެ. އެެއީ, އިންސާނިއްޔަތާ ބެހޭ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު, ހަނގުރާމައިގެ ކުށެކެވެ.

އަލް-ޝިފާ ހަސްފަތާލުގައި ހިންގަމުންދާ ޢުދުވާނުގައި 400އެއްހާ މީހުން ޝަހީދު ކޮށްލާފައިވާ ކަމުގައި ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނެއެވެ. އޭގެ ތެރޭގައި, ހަސްފަތާލުގައި އެޑްމިޓު ކޮށްފައި ތިބި ބަލި މީހުންނާއި, ހަސްފަތާލުން ރައްކާތެރިކަން ހޯދަމުން ދިޔަ ޢާންމު ރައްޔިތުންނާއި, ގިނަ ޢަދަދެއްގެ ޑޮކްޓަރުންނާއި ޞިއްޙީ ޚިދުމަތްތެރިން ހިމެނެއެވެ.

އެ ހަސްފަތާލުގެ ތެރޭގައި އަދިވެސް 107 ބަލިމީހުން ތާށިވެފައި ތިބި ކަމުގައި ޣައްޒާގެ ޞިއްޙީ ވުޒާރާއިން ބުނެއެވެ. ޔަހޫދީ ފައުޖުގެ ސިފައިން ވަނީ ހަސްފަތާލުން ފެނާއި ކަރަންޓުގެ ޚިދުމަތް ކަނޑައިލާފައެވެ. އަދި, ޞިއްޙީ ފަރުވާ ދިނުމަށް ބޭނުންވާ ސާމާނާއި ބޭސް އެތެރެ ކުރަން ހުރަސް އަޅާފައެވެ. ޔަހޫދީ ފައުޖުން މަސައްކަތް ކުރަމުން ދަނީ, ހަސްފަތާލުގައި ބާކީ ތިބި މީހުން ވެސް ޝަހީދު ކޮށްލާށެވެ.

ޔަހޫދީންގެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 32,705އަށް އުފުލިފައެވެ. ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރެއިން 25,000އަކީ އަންހެނުންނާއި މައުސޫމު ކުޑަކުދިން ކަމުގައި އެމެރިކާގެ ދިފާޢީ ވަޒީރު ލޮއިޑް އޮސްޓިން ދާދި ފަހުން ވިދާޅުވެފައިވެއެވެ. އަދި, މި ޢުދުވާނުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 75,190އަށް އުފުލިފައެވެ.