ކުޅިވަރު

ދެއަހަރެއްގެ ތެރޭގައި އީގަލްސް ތަށި ހޯދާނެ - ސާންތި


 ކުރިއަށް އޮތް ދެ ސީޒަނެއްގެ ތެރޭގައި އީގަލްސް ބޮޑު މުބާރާތެއްގެ ތަށި ހޯދާނެކަމަށް އެ ޓީމުގެ ކޯޗް އިޙްސާން އަބުދުލް ޣަނީ (ސާންތި) ބުނެފިއެވެ.

އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި ރޭ ކްލަބް ވެލެންސިޔާއާ ބައްދަލުކޮށް ލަނޑެއް ނުޖެހި އެއްވަރުވި މެޗަށްފަހު ސާންތި ބުނީ މިއަހަރު އަދި ކުރިއަށް އޮތް އަހަރުވެސް އީގަލްސްއިން ނުކުންނަނީ ތަށި ހޯދަން ނޫން ކަމަށާ މިހާރު އީގަލްސްއިން މި ނުކުންނަނީ ރަނގަޅު ޒުވާން ކުޅުންތެރިންތަކެއް ދަނޑަށް ނެރެދޭންކަމަށެވެ. އެހެންނަމަވެސް ކުރިއަށް އޮތް ދެއަހަރެއް ނުވަތަ ތިން އަހަރެއްގެ ތެރޭގައި އީގަލްސްއިން ބޮޑު މުބާރާތެއްގެ ތަށި ހޯދާނެކަމަށް ސާންތި ބުންޏެވެ.

"އީގަލްސްއިން މި ނިކުންނަނީ ޒުވާން ކުޅުންތެރިންތަކެއް ދަނޑަށް ނެރެދޭން. ފަހަރުގައި މި އަހަރު އަދި މި އަންނަ އަހަރުވެސް އީގަލްސްއަށް މުބާރާތެއްގެ ތައްޓެއް ނުލިބިދާނެ. އެހެންނަމަވެސް ކައިރި މުސްތަޤްބަލެއްގައި އީގަލްސްއިންވެސް މުބާރާތެއްގެ ތައްޓެއް ނަގާނެ. އެކަން މާ ލަސްތަކެއްނުވެ ފެނިގެންދާނެ." ސާންތި ބުންޏެވެ.

މެޗަށްފަހު ވެލެންސިޔާގެ މެނޭޖަރ އަބުދުﷲ ޝިބާޢު ބުނީ އީގަލްސްއާ ވެލެންސިޔާ ބައްދަލުކުރާ މެޗްތަކަކީ އަބަދުވެސް ވަރަށް ވާދަވެރި މެޗްތަކެއް ކަމަށާ އެގޮތުން ރޭގެ މެޗްގައިވެސް ފެނިގެން ގޮސްފައިވަނީ ވަރަށް ހަމަހަމަ ކުޅުމެއް ކަމަށެވެ. އަދި މެޗްގައި ލަނޑު ޖެހުމަށްވެސް ރަނގަޅު ފުރުޞަތުތަކެއް ލިބިގެން ދިޔަކަން ޝިބާ ފާޙަގަކުރިއެވެ. 

"މި ލީގުގައި އަދި އެހެން މުބާރާތްތަކުގައިވެސް ވެލެންސިޔާއާ އީގަލްސް ބައްދަލުކުރާ މެޗްތަކަކީ އަބަދުވެސް ވަރަށް ވާދަވެރި މެޗްތަކެއް. މި ދެޓީމް ބައްދަލުކުރާއިރު ވަރަށް ހަމަހަމަ ރީތި ކުޅުމެއް ފެނިގެންދާނީ. މި މެޗްގައި ވެލެންސިޔާގެ ފަރާތުން ފެނުނު ކުޅުމާމެދު ވަރަށް ހިތްހަމަ ޖެހޭ. ލަނޑު ޖަހަންވެސް ރަނގަޅު ފުރުޞަތުތަކެއް ލިބި އެ ފުރުޞަތު ތަކުގެ ބޭނުން ނުކުރެވި ދިޔަތަން ފެނުނީ. ޖުމްލަކޮށް ކުޅުމާމެދު ވަރަށް ހިތްހަމަ ޖެހޭ." ޝިބާ ބުންޏެވެ.

މި މެޗުން ލިބުނު ޕޮއިންޓާއެކު ވެލެންސިޔާ އޮތީ ހަތަރު ޕޮއިންޓާއެކު ތާވަލްގެ ދެވަނާގައެވެ. ހަމަ މި އަދަދަށް ޕޮއިންޓް ލިބިގެން ތާވަލްގެ ތިންވަނާގައި ކްލަބް އީގަލްސް އޮތީ ފައިދާ ގޯލްގެ ތަފާތުންނެވެ.