ޚަބަރު

ލުބްނާނަށް ބޮން އަޅައި ޙިޒްބުاللهގެ އިސް މެންބަރެއް ޝަހީދުކޮށްލައިފި


ޒަޔަނިސްޓު އިސްރާއީލުގެ ޔަހޫދީ ފައުޖުން ލުބްނާނަށް ވައިގެ ޙަމަލާތަކެއްދީ, އެ ޤައުމުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތް, ޙިޒްބުاللهގެ އިސް މެންބަރެއް ޝަހީދު ކޮށްލައިފިއެވެ. ލުބްނާންގެ ދެކުނުުގައި އޮންނަ ކޫނައިނަށް ޔަހޫދީ ފައުޖުގެ އަސްކަރީ މަތިންދާބޯޓުތަކުން ދިން ވައިގެ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައި ވަނީ އިސްމާޢީލް އަލް-ޒައިނެވެ. އެއީ, ޙިޒްބުاللهގެ ރަޟްވާން ލަޝްކަރުގެ މެންބަރެކެވެ.

ޒައިނަކީ އަސްކަރީ ޓޭންކުފަހަރަށް ޙަމަލާ ދިނުމަށް ބޭނުން ކުރާ މިސައިލް ފަދަ ހަތިޔާރާ ބެހޭ މާހިރެއް ކަމުގައި ޔަހޫދީ ފައުޖުން ބުނެއެވެ. އަދި, ޒަޔަނިސްޓު އިސްރާއީލުގެ ޢާންމުންނާއި, ޔަހޫދީ ފައުޖުގެ އަސްކަރީ ޓޭންކުފަހަރަށް ޙިޒްބުاللهން ދެމުންދާ ޙަމަލާތަކުގައި އޭނާ އިސް ދައުރެއް އަދާ ކޮށްފައިވާ ކަމުގައި ވެސް ޔަހޫދީން ބުނެއެވެ. ޔަހޫދީ ފައުޖުގެ ގިނަ ޢަދަދެއްގެ އަސްކަރީ ޓޭންކުފަހަރަށް ދީފައިވާ ޙަމަލާތަކުގެ ފަހަތުގައި ޒައިން ހުރި ކަމަށް ޔަހޫދީ ބުނާއިރު, އޭނާއަކީ ޔަހޫދީ ފަައުޖަށް ހުރި ބޮޑު ނުރައްކަލެކެވެ.

ޒައިނަކީ ޙިޒްބުاللهގެ އިސް ކޮމާންޑަރެއް ކަމަށް ޔަހޫދީ ފައުޖުން ބުނުމުން ޙިޒްބުاللهން ވަނީ އެ ކަން ދޮގު ކޮށްފައެވެ. ނަމަވެސް, އޭނާއަކީ ރަޟްވާން ލަޝްކަރުގެ މެންބަރެއް ކަން އެ ޖަމާޢަތުން ކަށަވަރު ކޮށްދެއެވެ. ޒައިން ޝަހީދު ކޮށްލުމާ އެކު, ޔަހޫދީ ފައުޖުން ޝަހީދު ކޮށްލާފައިވާ ރަޟްވާން ލަޝްކަރުގެ މެންބަރުންގެ ޢަދަދު ވަނީ 25އަށް އުފުލިފައެވެ.

ޔަހޫދީ ފައުޖުން ވަނީ ރަޟްވާން ލަޝްކަރުގެ އިސް ތިން ކޮމާންޑަރެއް ވެސް ޝަހީދު ކޮށްލާފައެވެ. އޭގެ ތެރޭގައި ވިސާމް އަލް-ޠަވީލް ހިމެނެއެވެ. ޠަވީލަކީ ލުބްނާންގެ ދެކުނުގެ ސަރަޙައްދުތަކުގައި ހަރަކާތްތެރިވާ ޙިޒްބުاللهގެ ލަޝްކަރުގެ އަސްކަރީ އޮޕަރޭޝަންތައް ރާވައި, ހިންގުމުގައި އިސް ދައުރެއް އަދާ ކޮށްފައިވާ ކޮމާންޑަރެކެވެ. ޙިޒްބުاللهން ޔަހޫދީންނަށް އަމާޒުކޮށް ދެމުންދާ ޙަމަލާތަކުގައި އޭނާ އިސް ދައުރެއް އަދާ ކޮށްފައިވެއެވެ.

އޮކްޓޫބަރު 7ވަނަ ދުވަހު ޔަހޫދީ ފައުޖުން ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ލާއިންސާނީ އުދުވާންތައް ހިންގަން ފެށި ފަހުން, ޙިޒްބުاللهއާއި ޔަހޫދީ ފައުޖާ ދެމެދު ކޮންމެ ދުވަހަކު ވެސް ދަނީ ޙަމަލާ ބަދަލު ކުރަމުންނެވެ. ޔަހޫދީ ފައުޖުން ލުބްނާނަށް ދީފައިވާ ރަޙުމު ކުޑަ ޙަމަލާތަކުގައި ޙިޒްބުاللهގެ 270އެއްހާ މެންބަރުން ވަނީ ޝަހީދު ކޮށްލާފައެވެ. އަދި, ލުބްނާންގެ ޢާންމުންގެ 50އަށްވުރެ ގިނަ މީހުން ވަނީ ޝަހީދު ކޮށްލާފައެވެ. އޭގެ ތެރޭގައި ގިނަ ޢަދަދަކަށް އަންހެނުންނާއި ކުޑަކުދިން ހިމެނެއެވެ.