ޚަބަރު

އެމް-ފައިސާ މެދުވެރިކޮށް ދުނިޔޭގެ އެކި ހިސާބުތަކަށް މިހާރު ފައިސާ ފޮނުވޭނެ


  • އުރީދޫގެ އެމް-ފައިސާ އާއި މަނީގްރާމް އިންޓަރނޭޝަނަލާއެކު ވަނީލ ޕާޓްނަރޝިޕެއް އެކުލަވާލާފައި

  • މަނީގްރާމްއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ފައިސާ ފޮނުވައިދިނުމުގައި ތަޖުރިބާކާރު ކުންފުންޏެއް

އުރީދޫގެ އެމް-ފައިސާ މެދުވެރިކޮށް ދުނިޔޭގެ އެކި ހިސާބުތަކަށް ފައިސާ ފޮނުވުމުގެ ޚިދުމަތް ފަށައިފިއެވެ.

މިކަމަށްޓަކައި އުރީދޫގެ އެމް-ފައިސާ އާއި މަނީގްރާމް އިންޓަރނޭޝަނަލާއެކު ވަނީ ޕާޓްނަރޝިޕެއް އެކުލަވާލާފައެވެ.

މަނީގްރާމް އިންޓަރނޭޝަނަލް އަކީ ދުނިޔޭގެ އެކި ހިސާބުތަކަށް ފައިސާ ފޮނުވައިދިނުމުގެ ތަޖުރިބާކާރު ކުންފުންޏެކެވެ. އުރީދޫއިން ބުނީ މި ޕާޓްނަރޝިޕާއެކު ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކުން ދުނިޔޭގެ އެކި ހިސާބުތަކަށް ފަސޭހަ ކަމާއެކު ފައިސާ ފޮނުވުމުގެ މަގު މިހާރު ފަހިވެފައިވާ ކަމަށެވެ. އަދި އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންނަށް ދުނިޔޭގެ އެކި ހިސާބުގައި ދިރިއުޅެމުންދާ އާއިލާ އަދި ރައްޓެހިންގެ ބެންކު އެކައުންޓް، މޮބައިލް ވޮލެޓު ނުވަތަ މަނީގްރާމްގެ އޭޖަންޓެއް މެދުވެރިކޮށް ނަގުދު ފައިސާ ނެގޭގޮތަށް ފޮނުވިދާނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ..

އުރީދޫގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޚާލިދް އަލް- ހަމާދީ ވިދާޅުވީ، މިއީ ދިވެހިންނާއި، ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނާއި، ވިޔަފާރިވެރިން އަދި ދުނިޔޭގެ އެކި ހިސާބުގައި އުޅޭ ދިވެހި ކިޔަވާ ކުދިންނަށް އަވަސް، ފަސޭހަ އަދި ރައްކާތެރި ޚިދުމަތެއް ކަމަށެވެ.

"އުރީދޫގެ ޑިޖިޓަލް ވޮލެޓް، އެމް-ފައިސާ އަދި މަނީގްރާމްއާއި ގުޅިގެން ދުނިޔޭގެ އެކި ހިސާބުތަކަށް ފައިސާ ފޮނުވުމުގެ ޚިދުމަތް ރާއްޖޭގައި މިއަދު މިފެށުނީ. ޑިޖިޓަލް ޚިދުމަތުގެ ސަބަބުން މިހާރު ދިމާވަމުންދާ ގޮންޖެހުންތަކަށް ލުޔެއް ލިބިގެން ދާނެކަމަށް ޔަގީންކުރަމެވެ. މި ޚިދުމަތް ދިނުމުގައި މަނީގްރާމް ފަދަ ތަޖުރިބާކާރު ކުންފުންޏަކާއެކު ކުރިއަށް ދިޔުމަކީ އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ދެވޭ ޚިދުމަތް އެންމެ ރަގަޅަށް ދިނުމުގައި މަގުފަހިވާނެ ކަމެކެވެ." ޚާލިދް އަލް- ހަމާދީ ވިދާޅުވިއެވެ.

މަނީގްރާމް އަކީ ފިންޓެކް އިނޮވޭޝަންގައި ވަރުގަދަ، ކަސްޓަމަރުންނާއި ގާތުން މަސައްކަތްކުރަމުންދާ ކުންފުންޏެކެވެ. މްނީގްރާމްގެ ޒަމާނީ ޕްލެޓްފޯމް މެދުވެރިކޮށް ދުނިޔޭގެ އެންމެ ކުޅަދާނަ ކުންފުނިތަކާއެކު މާލީ ޚިދުމަތްދިނުމުގެ މަސައްކަތުގައި ކުރިއަށްދަމުންނެވެ. މި އެއްބަސްވުމާއެކު ރާއްޖެއިން ފައިސާ ފޮނުވުމުގެ ޚިދުމަތް ފަހިވެގެން ދާނެކަމަށް އުރީދޫއިން ހާމަކުރެއެވެ.

މަނީގްރާމް ރީޖަނަލް ހެޑް ނަވީދު އަޝްރަފު ވިދާޅުވީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުންދާ އާއިލާ އަދި ރައްޓެހިންނަށް ފައިސާ ފޮނުވުމުގައި ކަސްޓަމަރުންނަށް ފަސޭހަ އަދި ރައްކާތެރި މަގެއް މިހާރު މިވަނީ ހުޅުވިފައި ކަމަށެވެ.

އުރީދޫ މޯލްޑިވްސް އަށް ލައިސަންސް ލިބުމާއެކު، އިންޓަނޭޝަންލް ޕާޓްނަރުންނާއެކު ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ. ރާއްޖޭގައި ދިރިއުޅޭ ކޮންމެ ފަރާތަކަށްވެސް، އެމް-ފައިސާގެ ޚިދުމަތް، އިންޓަނޭޝަނަލް މަނީ ޓްރާންސްފަރގެ ޚިދުމަތާއެކު ބޭނުންކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް އުރީދޫއިން މައުލޫމާތުދެއެވެ.