ޚަބަރު

ސޫރިޔާގައި ހުންނަ އީރާނުގެ އެމްބަސީއަށް ބޮން އަޅައި ގިނަ ޢަދަދެއްގެ ބަޔަކު ޝަހީދުކޮށްލައިފި


ސޫރިޔާގެ ވެރިރަށް ދިމިޝްޤުގައި ހުންނަ އީރާނުގެ އެމްބަސީއަށް ޔަހޫދީ ފައުޖުން ޙަމަލާތަކެއްދީ, އީރާނުގެ އަސްކަރިއްޔާގެ އިސް އޮފިޝަލުންތަކެއް ޝަހީދުކޮށްލައިފިއެވެ. ތެހެރާނުން ބުނީ, ޔަހޫދީންގެ ޙަމަލާގައި އީރާނުގެ އަސްކަރިއްޔާގެ ހަތް މުޝީރުންނާއި އިސް ތިން ކޮމާންޑަރުން ޝަހީދު ކޮށްލާފައިވާ ކަމުގައެވެ.

މި ޙަމަލާއަކީ ޒަޔަނިސްޓު އިސްރާއީލާއި އީރާނާ ދެމެދު އޮތް ނުތަނަވަސް ކަން އިތުރަށް ހޫނުވާނެ އަމަލެކެވެ. ޙަމަލާތަކުގައި އީރާނުގެ އެމްބަސީ ޢިމާރާތުގެ ބޮޑު ބައެއް ވަނީ ސުންނާފަތިކޮށް ބިމާ ހަމަ ކޮށްލާފައެވެ. ޢިމާރާތުގެ ދަށުގައި ތާށިވެފައިވާ ކަމަށް ބެލެވޭ މީހުން ސަލާމަތްކޮށް, ޝަހީދު ކޮށްލާފައިވާ މީހުންގެ ހަށިތައް ހޯދަން ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ ޓީމުތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.

ސޫރިޔާގެ ޚާރިޖީ ވުޒާރާއި ދާޚިލީ ވުޒާރާއިން ވަނީ ޔަހޫދީ ފައުޖުގެ ޙަމަލާތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައެވެ. "ދިމިޝްޤުގައި ހުންނަ އީރާނުގެ ކޮންސިއުލޭޓް ޢިމާރާތަށް ޓެރެރިސްޓު ޙަމަލާއެއްދީ, ކުށެއް ނެތް ގިނަ ޢަދަދެއްގެ ބަޔަކު ޝަހީދު ކޮށްލުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަން،" ސޫރިޔާގެ ޚާރިޖީ ވަޒީރު ފައިޞަލް މިޤްދާދް ވިދާޅުވިއެވެ.

އޮކްޓޫބަރު 7ގައި ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ނެތިކޮށްލަން ޔަހޫދީ ފައުޖުން ފެށި ލާއިންސާނީ ޢުދުވާނާ އެކު, ސޫރިޔާގައި ހަރަކާތްތެރިވާ އީރާނުގެ އަސްކަރިއްޔާގެ އޮފިޝަލުންނަށް ޙަމަލާ ދިނުން ޔަހޫދީ ފައުޖުން ވަނީ އިތުރު ކޮށްފައެވެ. މީގެ ތެރެއިން ގިނަ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ އީރާނުގެ އިސްލާމީ އިންޤިލާބީ ލަޝްކަރު (އައިއާރްޖީސީ)ގެ ސިފައިންނާއި ކޮމާންޑަރުންނަށެވެ. އަދި, އީރާނުން ވާގިވެރިވާ ލުބްނާނުގެ ޙިޒްބުالله ޖަމާޢަތުގެ ހަނގުރާމަވެރިންނަށެވެ. ނަމަވެސް, މިއީ އީރާނުގެ އެމްބަސީ ހުންނަ ޢިމާރާތަށް ޔަހޫދީ ފައުޖުން ޙަމަލާތައް އަމާޒު ކޮށްފައިވާ ފުރަތަމަ ފަހަރެވެ.

ޔަހޫދީ ސިފައިންގެ ޙަމަލާގައި ސޫރިޔާގައި ހުންނަވާ އީރާނުގެ ސަފީރު ޙުސައިން އަކްބަރީގެ ފުރާނައަށް ނުރައްކާވެފައެއް ނުވެއެވެ. އޭނާ ވިދާޅުވީ, ޔަހޫދީ ފައުޖުން ދިން ޙަމަލާގައި އީރާނުގެ ޚާރިޖިއްޔާގައި މަސައްކަތް ކުރާ މުވައްޒަފުންތަކެއް ވެސް ޝަހީދު ކޮށްލާފައިވާ ކަމުގައެވެ.

އައިއާރްޖީސީން ބުނީ, ޔަހޫދީ ފައުޖުން ދިން ޙަމަލާގައި ޝަހީދު ކޮށްލާފައިވާ އަސްކަރިއްޔާގެ އިސް މުޝީރުންގެ ތެރޭގައި މުޙައްމަދު ރިޟާ ޒާހިދީ ހިމެނޭ ކަމުގައެވެ. އޭނާއަކީ އައިއާރްޖީސީގެ އެންމެ ބާރުގަދަ ޤުދްސް ލަޝްކަރުގެ އިސް ކޮމާންޑަރެކެވެ. މިއީ, ޒާހިދީ ޝަހީދު ކޮށްލުމުގެ ބޭނުމުގައި ދީފައިވާ ޙަމަލާއެއް ކަމުގައި އީރާނުން ދެކެއެވެ. މި ޙަމަލާގައި އޭނާގެ ނައިބުގެ އިތުރުން އެހެން ކޮމާންޑަރެއް ވެސް ވަނީ ޝަހީދު ކޮށްލާފައެވެ.

ދިިމިޝްޤުގައި ހުންނަ އީރާނުގެ އެމްބަސީ ޢިމާރާތަށް ޙަމަލާ ދީފައި ވަނީ ޔަހޫދީ ފައުޖުން ކަން އީރާނުން ވަނީ ކަށަވަރު ކޮށްފައެވެ. ނަމަވެސް, އީރާނުގެ އަސްކަރިއްޔާއާ ދެކޮޅަށް ދެމުންދާ މި ފަދަ ޙަމަލާތަކުގެ ޒިންމާ އުފުލަން ޔަހޫދީން ދަނީ ދެކޮޅު ހަދަމުންނެވެ. ޔަހޫދީ އަސްކަރިއްޔާގެ ތަރުޖަމާނަކު ބުނީ, މި ފަދަ ރިޕޯޓުތަކާ ގުޅޭ ގޮތުން ބަހެއް ބުނަން ބޭނުން ނުވާ ކަމުގައެވެ.

މި ހާދިސާއާ ގުޅޭ ގޮތުން އެމެރިކާގެ ވައިޓް ހައުސުން ވަކި އެއްޗެއް ހާމަ ކޮށްފައެއް ނުވެއެވެ. ނަމަވެސް, އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މެތިއު މިލަރ ވިދާޅުވީ, މެދުއިރުމަތީގެ ސަރަޙައްދީ ހަމަޖެހުމަށް ބުރޫ އަރާ ފަދަ އަމަލުތަކާ މެދު އެމެރިކާއިން ކަންބޮޑުވާ ކަމުގައެވެ. ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން ރަހީނު ކޮށްފައިވާ ޔަހޫދީ އަސީރުން މިނިވަން ކުރުވަން ކުރަމުންދާ މަސައްކަތްތަކަށް މި ޙަމަލާއާ ގުޅިގެން އަސަރު ކުރާނެ ކަމަށް ނުބެލެވޭ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ޙަމާސްގެ އިތުރުން ޔަމަނުގައި ހަރަކާތްތެރިވާ ޙޫޘީ ޖަމާޢަތުން ވެސް ވަނީ ދިމިޝްޤަށް ޔަހޫދީ ފައުޖުން ދިން ޙަމަލާ ކުށްވެރި ކޮށްފައެވެ. މާރިޗު 30 ވަނަ ދުވަހު ވެސް ޔަހޫދީ ފައުޖުން ވަނީ ސޫރިޔާގެ ޙަލަބަށް ބޮން އަޅައި, ޙިޒްބުاللهގެ އިސް ހަނގުރާމަވެރިއަކު ޝަހީދު ކޮށްލާފައެވެ. މީގެ އިތުރުން, ދިމިޝްޤާއި ޙަލަބުގައި ހުންނަ ވައިގެ ބަނދަރުތަކަށް ވެސް ޔަހޫދީ ފައުޖުން ދަނީ ދޭތެރެދޭތެރެއިން ވަރުގަދަ ޙަމަލާތަކެއް އަމާޒު ކުރަމުންނެވެ.