މިދިޔަމަހުގެ ނިޔަލަށް ރާއްޖެއަށް 6 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން ނެރެފައިވާ ޑެއިލީ އަޕްޑޭޓު ރިޕޯޓުގައިވާގޮތުން އަހަރުގެ ފުރަތަމަ ތިންމަސް ދުވަސްތެރޭ ރާއްޖެއަށްވަނީ 604004 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 523928 ފަތުރުވެރިންނާއި އަޅާ ބަލާއިރު 15.3 އިންސައްތަ އިތުރު އަދަދެކެވެ.
ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުތަކަށް ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ލިބެމުންދާއިރު، މިދިޔަމަހު ރާއްޖެއަށްވަނީ ރެކޯޑު އަދަދަކަށް ފަތުރުވެރިން އައިސްފައެވެ. އެގޮތުން މިއަހަރުގެ ފެބްރުއަރީމަހު ރާއްޖެއަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
* ޖަނަވަރީ - 192385 ފަތުރުވެރިން
* ފެބުރުއަރީ - 217394 ފަތުރުވެރިން
* މާރޗު – 196227 ފަތުރުވެރިން
ތަފާސްހިސާބުތައް ދައްކާގޮތުގައި ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 6265 ފަތުރުވެރިން އާދެއެވެ. އަދި ރާއްޖޭގައި އެވްރެޖްކޮށް 8 ދުވަހުގެ ޗުއްޓީއެއް ހޭދަަކުރެއެވެ.
ރާއްޖެއަށް މިހާރު އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަނީ ޗައިނާއިންނެވެ. އެގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ 11.2 އިންސައްތަ ހިއްސާކުރަނީ ޗައިނާ ފަތުރުވެރިންނެވެ.
ޗައިނާ - 67399 ފަތުރުވެރިން
ރަޝިއާ - 61752 ފަތުރުވެރިން
އިނގިރޭސިވިލާތް – 58382 ފަތުރުވެރިން
އަހަރުގެ މިހާތަނަށް ރާއްޖެއަށް 6 ލަައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ސަރުކާރުން މިއަހަރަށް އަމާޒު ހިފާފައިވަނީ 2 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނެސް ފަތުރުވެރިކަމުގެ އައު ރެކޯޑެއް ގާއިމްކުރުމަށެވެ.
އަދި މި އަމާޒު ހާސިލްކުރުމަށްޓަކައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް ޕްރޮމޯޓުކުރުމަށްޓަކައި މިއަހަރުތެރޭ ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިޔުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.