ޚަބަރު

ވެވަޑައިގެންނެވި ހުރިހާ ވަޢުދުތައް ފުއްދޭނެ، އެކަމަށް މަޖިލީހުގެ އެއްބާރުލުން މުހިއްމު: ރައީސް


  • ޤާނޫނުތައް ހުރިގޮތުން މަޖިލީހުގެ އެއްބާރުލުން ނުލިބި ކަންކަން ކުރެވޭނެ ގޮތެއް ނޯވޭ

  • މިހާރު މަޖިލީހުގެ އެއްބާރުލުން ސަރުކާރަށް ނުލިބޭ

ވެވަޑައިގެންނެވި ހުރިހާ ވަޢުދުތައް ފުއްދޭނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތްކަމަށާއި، އެވަޢުދުތައް ފުއްދުމަށް ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުންލިބުން މުހިއްމުކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ "ރައީސްގެ ޖަވާބު" ޕްރޮގްރާމަށް އާންމު ރައްޔިތަކު ދެންނެވި ސުވާލަކަށް ދެއްވި ޖަވާބުގައެވެ.

ރައީސްގެ ޖަވާބު ޕްރޮގްރާމްގެ ތެރެއިން މ. މެޑަލްމާގެ، އިސްމާޢީލް ނިޔާޒް، ރައީސުލްޖުމްހޫރިއްޔާއާ ސުވާލު ދެންނެވީ ކުރީގެ ސަރުކާރުތަކުންވެސް އެތަކެއް ވަޢުދެއްވެ ނުފުއްދިވާއިރު، ރައީސް ޑރ. މުޢިއްޒު ވެވަޑައިގަންނަވާފައިވާ ވަޢުދު ފުއްދޭނެ ކަމުގެ ޔަޤީކަންއޮތް މިންވަރާ ގުޅޭގޮތުންނެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގެން ފުރަތަމަ 100 ދުވަހު ނުވަތަ ހަފްތާ-14 ހިމެނޭ ހުރިހާ ވަޢުދެއްހެން ގާތްގަނޑަކަށްހެން ފުއްދިފައިވާ ކަމަށެވެ. އެގޮތުން 97 އިންސައްތަ ވަޢުދު ފުއްދިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މައިގަނޑު ވަޢުދުތައް ފުއްދުމާއި ގުޅޭގޮތުން ރައީސް ވިދާޅުވީ އެ ވަޢުދުތައް ފުއްދުމަށް މަޖިލީހުގެ ތެރެއިން އެއްބާރުލުން ބޭނުންވާ ކަމަށެވެ. އެގޮތުން ބޯހިޔާވަހިކަމުގެ ދައިރާއިންނާއި ޢުމްރާނީ ތަރައްޤީގެ ދައިރާއިން ޤާނޫނުތައް ހަދަން ޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި މަޖިލީހުގެ އެއްބާރުލުން ނުލިބޭނަމަ ޤާނޫނާއެއްގޮތަށް ކަންކަން ފުރިހަމަކުރުމަށް ދަތިތަކާ ކުރިމަތިވާނެކަން ރައީސް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑަށް ފުރިހަމަ ޔަޤީންކަން އެބައޮތޭ އިރާދަ ކުރެއްވީތީ އަޅުގަނޑުވީ ހުރިހާ ވަޢުދެއް މި ދައުރުގައި އަޅުގަނޑަށް ފުއްދޭނެ. އެ ވަޢުދުތަށް ފުއްދުމަށްޓަކައި ބޭނުންވާ ކަންތައްތަކެއް އެބަހުރި. އެންމެ މުހިންމު ކަމަކީ ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުން. ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުން ނުލިބިއެއް ސަރުކާރަކަށް މިރާއްޖޭގައި މިއޮތް ޤާނޫނު އަސާސީގެ ތެރެއިން ރައްޔިތުންނަށް ކަންކަން ސަރުކާރަށް ފުރިހަމަކަމާއި އެކީ ކުރެވޭނެ ގޮތެއް ނޯވޭ" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިހާރުވެސް މަޖިލީހުން އެއްބާރުލުން ނުދިނުމުން ހުރަސްތަކެއް ކުރިމަތިވަމުންދާ ކަމަށެވެ. އެގޮތުން އެމަނިކުފާނު ބަޖެޓުގައި ހިމަނައިގެން ހުށަހެޅުއްވި ގިނަ މަޝްރޫޢުތަކަށް ބަޖެޓުގައި ހިމަނާފައިވަނީ މަދު މިންވަރެއް ކަމަށާއި ގިނަ މަޝްރޫޢުތަކުގައި ހިމަނާފަހުރީ، ފަހު އަހަރުގެ ފަހު ކުއާޓާގައި މަޝްރޫޢުތައް ކުރިއަށް ގެންދެވޭ ވަރަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން މަޖިލީހުގެ އެއްބާރުލުން ސަރުކާރަށް ލިބޭނަމަ، މިހާރު ހުރިކަންކަން ބަދަލުވެ ސަރުކާރު ކުރިއަށް ގެންދަން ބޭނުންވާ ސްޕީޑުގައި ކަންކަން ކުރެވޭނެ އިންތިޒާމުތައް ހަމަޖެހިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.