ޚަބަރު

ކުޅުދުއްފުށީ ގޭބީސީތަކުގެ ކަަރަންޓު ބިލަށް 50 އިންސައްތައިގެ ޑިސްކައުންޓެއް!


  • ކަރަންޓު މައްސަލަ ހައްލު ކުރަން 800 ކިލޯ ވޮޓްގެ ޖެނެރޭޓަރެއް ވަނީ ގެންގޮސްފައި

  • ކަރަންޓު މައްސަލަ ދިމާވީ ކަރަންޓު އުފައްދާ މިންވަރަށްވުރެ ބޭނުން ކުރާ ވަރު އިތުރުވުމުން

ކުޅުދުއްފުށީ ގޭބީސީތަކުގެ އޭޕްރީލްމަހުގެ ކަަރަންޓު ބިލަށް 50 އިންސައްތައިގެ ޑިސްކައުންޓެއް ދިނުމަށް ފެނަކަ ކޯޕަރޭޝަނުން ނިންމައިފިއެވެ.

ފެނަކަ ކޯޕަރޭޝަނުން މިގޮތަށް ނިންމާފައި މިވަނީ ކުޅުދުއްފުށްޓަށް ފޯރުކޮށްދޭ ކަރަންޓުގެ ޙިދުމަތަށް ބުރޫ އަަރައި، ރައްޔިތުންނަށް ތަކުލީފުތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ.

ފެނަކަ ކޯޕަރޭޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ކުޅުދުއްފުށްޓަށް ކަރަންޓް ފޯރުކޮށްދިނުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް މިހާރުވެސް މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން އައު ޖަނަރޭޓަރު ސެޓެއް ގެނެސް، އިންސްޓޯލް ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް އެކުންފުނިން ބުނެއެވެ.

ފެނަކަ ކޯޕަރޭޝަނުން ބުނީ ކަރަންޓް ފޯރުކޮށްދިނުމުގައި ދިމާވި ދަތިތަކުގެ ސަބަބުން ރައްޔިތުން އުފުލަން ޖެހުނު ތަކުލީފާއި މެދު އެކުންފުނިން ނުހަނު ކަންބޮޑުވެ ހިތާމަ ކުރާކަމަށެވެ. އަދި އެކަމުގެ ފުރިހަމަ ޒިންމާ ނެގުމާއެކު، މިހިނގާ އެޕްރީލް މަހުގެ ކަރަންޓު ބިލުން ކުޅުދުއްފުށީ ރައްޔިތުންނަށް 50 އިންސައްތަ ޑިސްކައުންޓެއް ދިނުމަށް ނިންމާފައިވާކަމަށެވެ.

ކުޅުދުއްފުށި ސިޓީއަށް ފޯރުކޮށްދޭ ކަރަންޓުގެ ހިދުމަތަށް ބުރޫ އެރީ ކަރަންޓު އުފެއްދޭ މިންވަރަށް ވުރެ، ބޭނުންކުރާ މިންވަރު އިތުރުވުމުގެ ސަބަބުންކަމަށެވެ. އެކަމާއި ގުޅިގެން ރަށުގެ އެކި ސަރަހައްދުތަކުން މެންދުރު 12:00 އިން ރޭގަނޑު 7:00 އާ ދެމެދު އެއް ގަޑިއިރަށް ކަރަންޓު ދަނީ ކަނޑަމުންނެވެ.

މިމައްސަލަ ހައްލު ކުރުމަށް އެ ސިޓީއަށް ގެންގޮސްފައިވާ 800 ކިލޯ ވޮޓްގެ ޖެނެރޭޓަރާއެކު ކަރަންޓުގެ މައްސަލައަށް ހައްލު ލިބިގެންދާނެކަމަށް ފެނަކައިން މަޢުލުމާތު ދެއްވިއެވެ.

ފެނަކައިން ބުނީ ކުޅުދުއްފުށީގެ އިންސްޓޯލިން ކެޕޭސިޓީއަކީ 7 މެގަ ވޮޓްކަމަށާއި އަލަށް ގެނެވުނު ޖަނަރޭޓަރާއެކު އެ އަދަދު 7.8 މެގަ ވޮޓަށް އިތުރު ވެގެންދާނެކަމަށެވެ.