ޚަބަރު

"އޮންލައިންކޮށް ކިޔެވުމުގެ ފުރުސަތު އެއްކޮށް ހިފެހެއްޓުން ރަނގަޅެއް ނޫން"


  • ކޯސްތަކުގެ ފެންވަރު ހިފެހެއްޓުމަށް އިދާރާތަކުން އަބަދުވެސް މަސައްކަތްކުރޭ

  • ޒަމާނާއި އެއްވަރަށް ތަޢުލީމީ ނިޒާމް ކުރިއަރަންޖެހޭ

ފަންނީގޮތުން ބަލާއިރު އޮންލައިންކޮށް ކިޔެވުމުގެ ފުރުސަތު އެއްކޮށް ހިފެހެއްޓުމަކީ ރަނގަޅު ގޮތެއް ނޫންކަމަށް ތަޢުލީމާއި، މަތީތަޢުލީމާއި މަސައްކަތްތެރިކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޝަފީޢު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދު ކޮމިޓީގައި ވާހަކަދައްކަވަމުން، ޝަފީޢު ވިދާޅުވީ ތަޢުލީމީ ނިޒާމަކީ ޒަމާނަށް އަންނަ ބަދަލުތަކާއި އެކު ކުރިއަށްގެންދަންޖެހޭ ނިޒާމެއްކަމަށެވެ. އެ ނޫންގޮތަކަށް ތަޢުލީމީ ނިޒާމްގެ ކަންކަން ބައްޓަންކުރުމަކީ ރަނގަޅު ގޮތެއް ނޫންކަން ފާހަގަކުރައްވާ ޝަފީޢު ވިދާޅުވީ ވަކި ގޮތަކަށް އުނގެނުމުގެ ފުރުސަތު ހިފަހައްޓައިފިނަމަ، ވަރަށް ގިނަ ބަޔަކަށް އުނގެމުގެ ހައްގު ގެއްލޭނެކަމަށެވެ.

ޝަފީއު ވިދާޅުވީ އޮންލައިން ނިޒާމެއްގެ ތެރެއިން ޚިދުމަތްތައް ހޯދުމުގެ އާދަ ދިވެހިންގެ ކިބައިގައި އަށަގަންނަމުންދާއިރު ތަޢުލީމު އުނގެނުމުގައި ވެސް އޮންލައިންގެ ނިޒާމްގެ ބޭނުން ހިފެންވާނެކަމަށް ޤަބޫލުކުރައްވާކަމަށެވެ. އަދި ޒަމާނާއި އެއްވަރަށް ތަޢުލީމީ ނިޒާމް ކުރިނާރާކަމަށް ބުނެ ބައެއް ފަރާތްތަކުން މިހާރުވެސް އެ ނިޒާމަށް ފާޑުކިޔުންތައް އަމާޒުކުރާކަމަށް ޝަފީޢު ފާހަގަކުރެއްވިއެވެ.

"މިފަދަ ފުރުސަތުތަކެއް ފަހިވެގެން ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ޑިޕްލޮމާވިޔަސް ޑިގްރީވިޔަސް ހޯދުމަކީ އަޅުގަނޑު ދެކޭ ގޮތުގައި ރަނގަޅުކަމެއް. ރާއްޖެ ފަދަ ޤައުމެއްގައި އިންސްޓިޓިއުޝަންތަކާއި ދުރުގައި ވަރަށް އެކަހެރި ހިސާބުތަކުގައި ރައްޔިތުން ތިބޭއިރު ތަޢުލީމީ ނިޒާމްތައް ބައްޓަންކުރަންވާނީ އެ ފުރުސަތު ވީހާވެސް ބޮޑަށް ލިބޭގޮތަށް." ތަޢުލީމާއި، މަތީތަޢުލީމާއި މަސައްކަތްތެރިކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޝަފީޢު ވިދާޅުވިއެވެ.

މީގެއިތުރުން، އޮންލައިން ނުވަތަ ވަރޗުއަލް ނިޒާމްގެ ތެރެއިން ކަންކަން މޮނިޓަރކުރަން އެހެން ނިޒާމްތަކަށްވުރެ ފަސޭހަކަމަށް ޝަފީޢު ފާހަގަކުރެއްވިއެވެ. އެގޮތުން ދަރިވަރުންނަށް އުނގަންނައިދިނުމާއި، ދަރިވަރުންނާއި ހިންގާ މުޢާމަލާތުތައް ދެނެގަތުމުގައި އޮންލައިން ނިޒާމެއްގައި ކަންކަން ބެލެހެއްޓުން ފަސޭހަވާނެކަމަށް ޝަފީޢު ވިދާޅުވިއެވެ.

ސްޓޭޓް މިނިސްޓަރ ޝަފީޢު ވަނީ، ކޮންމެ ދާއިރާއަކުން ކިޔެވިޔަސް ދަސްވެނިންގެ ތެރޭގައި އެކިފެންވަރުގެ މީހުން ތިބޭނެކަން ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް އެއިން ކޮންމެ މީހަކަށްވެސް ދަސްވެނިވުމަށް ފުރުސަތު ދެނީ އެ މީހަކު ކިޔަވާ ކޯހެއްގައި ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށް، އެ ކޯހެއް ނިންމާއިރު އެ މީހެއްގެ ކިބައިގައި ހުންނަންޖެހޭ ޤާބިލްކަން ފުރިހަމަވިކަން ކަށަވަރުކުރުމަށްފަހުކަމަށް ޝަފީޢު ވިދާޅުވިއެވެ.

ޝަފީޢު ވިދާޅުވީ، ކޯސްތަކުގެ ފެންވަރު ކަނޑައެޅިފައިވާ މިންގަނޑަށް ފެތޭކަން ޔަޤީންކުރުމަށް އިދާރާތަކުން އަބަދުވެސް މަސައްކަތްކުރާކަމަށެވެ. އެގޮތުން ޒަމާނާ އެކު އަންނަ ބަދަލުތަކަށް ހޭނުމަށް އޮންލައިން އަދި އެހެނިހެން މޮޑަލިޓީގެ ކޯސްތަކުގެ އުސޫލުތައް އަދާހަމަކުރުމުގެ މަސައްކަތް ކުރިއަށްގެންދާކަމަށް ވިދާޅުވިއެވެ.