ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އެންމެ ރަނގަޅު ބަޔަކީ އެމްޑީޕީ މެންބަރުކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް ސާލިހު މިހެން ވިދާޅުވެފައިވަނީ، މަޖިލިސް އިންތިހާބަށް އެޕާޓީން ކުރަމުން ގެންދަވާ ކެމްޕެއިންގެ ތެރެއިން ފުވަމުލަކު ސިޓީގައި ބޭއްވި ހަރަކާތެއްގައި ވާހަކަފުޅުދައްކަވަމުންނެވެ. އެ ހަރަކާތުގައި އެމްޑީޕީގެ އެޑްވައިޒަރުކަންވެސް ކުރައްވަމުން ގެންދަވާ ރައީސް ސާލިޙް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު ޕާޓީގެ ދައުރު މުހިންމު ކަމަށެވެ.
އެގޮތުން ބަޖެޓުގައި ހިމަނާކަންކަން ނުކުރާނަމަ އެކަމަށް މަޖިލީހުގައި ސަރުކާރު ޖަވާބުދާރީ ކުރަން ޖެހޭކަމަށް ވިދާޅުވިއެވެ. އަދި އެކަމަށް އެންމެ ރަނގަޅުވާނީ އެމްޑީޕީ މެންބަރުން ކަމަށް ވިދާޅުވެ ރައީސް ޞާލިޙް ވަނީ އެޕާޓީގެ ސިޔާސަތަކީ ރައްޔިތުންނަށް ޚިދުމަތް ކުރުން ކަމަށް ވިދާޅުވެފައެވެ.
މީގެއިތުރުން ފުވަމުލަކު ސިޓީގައި ބޭއްވި މި ޖަލްސާގައި ރައީސް ސާލިހު ވަނީ މިއަދުގެ ސަރުކާރުން ވެފައިވާ ވަޢުދާއި އެއްގޮތަށް ފުވައްމުލަކު އެއާޕޯޓު ތަރައްޤީ ކުރުމުގެ މަޝްރޫޢުއަށް އެމްޑީޕީގެ މެންބަރުން އެއްބާރުލުން ދޭނެ ކަމަށް ވިދާޅުވެފައެވެ.
މިވަގުތު ކެމްޕެއިނަށް އެމްޑީޕީ ލީޑާޝިޕް އަދި ރައީސް ސާލިހު ދަނީ އައްޑޫ އަދި ފުވައްމުލަކަށް ޒިޔާރަތް ކުރައްވަމުންނެވެ. މިގޮތުން އެމްޑީޕީން ވަނީ ފުވައްމުލަކު ސިޓީގައި ދެ ހަރަކާތެއް މިރޭ ކުރިއަށް ގެންގޮސްފައެވެ.