ޚަބަރު

މަނަދޫ، ކެނދިކުޅުދޫ އަދި އަލިފުށީ މަގުހަދަން ބޭނުންވާ ސާމާނު ފޮނުވައިފި


  • މި 3 ރަށުގެ މަސައްކަތްވެސް ޙަވާލުކޮށްފައިވަނީ އާރްޑީސީއާއި

  • ތާރު އެޅުމާއި ފެންހިންދާ ނިޒާމު ޤާއިމުކުރާނެ

  • ރަށުގެ ބޮޑެތި ހުރިހާ މަގުތަކުގައި ތާރު އަޅާނެ

ޒަމާނީ ފެންވަރަށް މަގުތައް ތަރައްޤީކުރުމުގެ މަސައްކަތް ފެށުމަށް 3 ރަށަކަށް ބޭނުންވާ ސާމާނު ފޮނުވައިފިއެވެ. އެއީ ނ. މަނަދޫ، ނ. ކެނދިކުޅުދޫ އަދި ރ. އަލިފުއްޓެވެ. މި 3 ރަށުގެ މަގު ހެދުމުގެ މަސައްކަތްވެސް ކުރިއަށްގެންދަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރް.ޑީ.ސީންނެވެ.

އާރް.ޑީ.ސީން ބުނީ މި 3 ރަށުގެ މަގު ހެދުމުގެ މަޝްރޫޢުގެ މަސައްކަތްތައް ކުރުމަށް ބޭނުންވާ ސާމާނާއި ވެހިކަލްތައް އަދި މަސައްކަތު ސައިޓް ހެދުމަށް ބޭނުންވާ ސާމާނު ފޮނުވުމުގެ މަސައްކަތްތައް މިހާރު ކުރަމުންދާކަމަށެވެ.

ނ. މަނަދޫ މަގުތައް ހެދުމުގެ މަޝްރޫޢުގެ ދަށުން 4.2 ކިލޯމީޓަރުގެ މަގުގައި ތާރު އެޅުމާއި މަގުތަކުގައި ފެންހިންދާ ނިޒާމް ޤާއިމްކުރުމުގެ އިތުރުން މަގުބައްތި ހަރުކުރުން ހިމެނެވެ. މި މަޝްރޫޢަކީ 75.7 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ނ. ކެނދިކުޅުދޫ މަގުތައް ހެދުމުގެ މަޝްރޫޢުގައި ރަށުގެ 3.7 ކިލޯމީޓަރުގެ މަގު ތާރުއަޅާ ތަރައްޤީކުރާނެއެވެ. އަދި މަގުތަކުގައި ފެންހިންދާ ނިޒާމު ޤާއިމުކޮށް މަގުބައްތި ޖެހުމުގެ މަސައްކަތް ކުރާނެއެވެ. މިއީ 90.8 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫޢެކެވެ.

ރ. އަލިފުށީގެ މަގުހެދުމުގެ މަޝްރޫޢު ފެށުމަށްވެސް އާރް.ޑީ.ސީން ވަނީ ތައްޔާރުވެފައެވެ. މި މަޝްރޫޢުގެ ދަށުން އަލިފުށީގެ 8.3 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢުގައިވެސް މަގުތަކުގައި ފެންހިންދާ ނިޒާމް ޤާއިމްކޮށް، މަގުތަކުގައި މަގުބައްތިޖެހުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢަށް 90 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރެއެވެ.


މި 3 ރަށުގެ މަގު ހެދުމުގެ މަސައްކަތަކީ މިދިޔަ އަހަރު ޙަވާލުކޮށްފައިވާ މަޝްރޫޢުތަކެވެ. މި މަޝްރޫޢުތަކުގައި ރަށުގެ ބޮޑެތި މަގުތަކާއި އާއްމު ޚިދުމަތްތައް ދޭ އިދާރަތަށް ހުރި މަގުތަކުގައި ތާރު އަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކުރާނެއެވެ.

މި ސަރުކާރުގައި ވަނީ ރާއްޖޭގެ ހުރިހާ ރަށްތަކެއްގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ނިންމާފައެވެ. އެގޮތުން ސިޓީތަކުގެ ހުރިހާ މަގުތައް ތަރައްޤީކުރުމަށް ނިންމާފައިވާއިރު، އެހެން ރަށްތަކުގައި އާއްމުކޮށް ބޭނުންކުރާ ބޮޑެތި ހުރިހާ މަގުތައް ތަރައްޤީކުރުމަށް ނިންމާފައިވެއެވެ.