ޚަބަރު

ރައީސް ނިލަންދޫއަށް: މާޔޫސްނުވޭ، ރައްޔިތުން އެދޭ މިންވަރަށްވުރެ އިތުރަށް ތަރައްޤީކޮށްދޭނަން!


  • ނިލަންދޫ އެއަރޕޯޓު ތަރައްޤިކުރާނީ ޖެޓު ޖެއްސޭ ފެންވަރަށްކަމަށް

  • ފަޅުގައި 2 ރިސޯޓާއި ސިޓީ ހޮޓަލެއް

  • ނަރުދަމާ ރަނގަޅުކޮށް މަގުތަށް ތަރައްޤީކޮށްދޭނެ

  • ނިލަންދޫ އާބަން ސެންޓަރަކަށް ހަދާނެކަމަށް ވިދާޅުވި

ފ. ނިލަންދޫގައި އެއަރޕޯޓު ތަރައްޤީކުރާނީ އެންމެ ޒަމާނީ ފެންވަރަށް ރައްޔިތުން އުންމީދުކުރާގޮތަށް ކަމަށާއި، ޖެޓު ޖެއްސޭގޮތަށް އެ އެއަރޕޯޓު ތަރައްޤީކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިރޭ ނިލަންދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ނިލަންދޫގެ ގިނަ ޢަދަދެއްގެ ރައްޔިތުން ބައިވެރިވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ނިލަންދޫގެ ތަރައްޤީގެ ލިސްޓުގައި ހިމެނޭ ހުރިހާ ކަމެއް ހަގީގަތަކަށް ހައްދަވައިދެއްވާނެކަމަށެވެ. އެގޮތުން އެއަރޕޯޓު ތަރައްޤިކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫޢު ފެށިގެން ކުރިއަށްދާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ނިލަންދޫގައި ތަރައްޤީކުރާ އެއަރޕޯޓަކީ އެންމެ ޒަމާނީ އެއަރޕޯޓަކަށް ހައްދަވާނެކަމަށެވެ. 1800 މީޓަރުގެ ދިގު ރަންވޭއަކާއެކު ތަރައްޤީކުރާ އެ އެއަރޕޯޓު ތަރައްޤީކުރައްވާނީ ޖެޓު ޖެއްސޭ ފެންވަރަށްކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެއަރޕޯޓާއެކު އެ ދާއިރާއި އަތޮޅަށް އިޤްތިޞާދީ ކުރިއެރުން ގެނެސްދިނުމަށްޓަކައި ނިލަންދޫ ފަޅުގައި 2 ރިސޯޓާއި ސިޓީ ހޮޓަލެއްވެސް ތަރައްޤީކުރައްވާނެކަމަށެވެ.

ސަރުކާރުގެ ތަރައްޤީގެ ތަސައްވުރަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ރާއްޖެ ތަރައްޤިކުރާނީ 20 އަހަރުގެ މާސްޓަރ ޕްލޭނެއްގެ ދަށުންކަމަށާއި މުޅި ރާއްޖެއަށް އެމަނިކުފާނު ގެންގުޅުއްވާނެ ތަރައްޤީއަކީ ދެމެހެއްޓެވިނި ތަރައްޤީއަކަށް ހައްދަވާނެކަމަށެވެ. އެގޮތުން އެ ޕްލޭނަށް ޤާނޫނީ ބާރުވެރިކަން ދިނުމަށް މަޖިލީހުގެ އެއްބާރުލުން ބޭނުންވާކަމަށް ރައީސް ވިދާޅުވިއެވެ.

އުތުރުގެ 4 އަތޮޅާއި ދެކުނުގެ 4 އަތޮޅު ތަރައްޤީ ކުރައްވާނީ ސަރަަޙައްދީ ތަރައްޤީގެ ޒޯންތަކެއްގެ ގޮތުގައިމަށާއި، ދެންހުރި އަތޮޅުތަކުގައިއާބަން ސެންޓަރުތަކުގެ ގޮތުގައި 7 ރަށެއް ތަރައްޤީކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ނިލަންދޫއަކީ އޭގެތެރެއިން އެއް އާބަން ސެންޓަރުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވި ނިލަންދޫގައި ހުރިޙާ ޚިދުމަތްތައްވެސް ޤާއިމްކުރައްވާނީ އެންމެ މަތީ ފެންވަރުގައިކަމަށެވެ.

“މާޔޫސްކަން ދޫކޮށްލާ. އެދިވަޑައިގެންނެވި ކަންކަމުގެ އިތުރަށް ކުރާނެ ކަންކަން އެބަހުރި. މިރަށަށް އޮތީ ފުރިހަމަ ޕްލޭނެއް. މި އަތޮޅުގެ ރައްޔިތުން ފަޚުރުވެރިވާނެފަދަ އާބަން ސެންޓަރަކަށް ހަދައިދޭނަން.” ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ނިލަންދޫގެ ސިއްޙީ ޚިދުމަތުގެ ދާއިރާވެސް އިތުރަށް ތަރައްޤީކުރައްވާނެކަމަށެވެ. އެގޮތުންމިއަހަރު އަމަލީ މަސައްކަތްފެށޭ ފ.އަތޮޅު ހޮސްޕިޓަލުގެ އައު ޢިމާރާތާއެކު އައު ޚިދުމަތްތައްވެސް އެންމެ މަތީ ފެންވަރުގައި ޤާއިމްކުރައްވާނެކަމަށް ވިދާޅުވިއެވެ.

ނިލަންދޫގެ މަގުތަކުގެ ޙަލަތު ދަށްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މަގުތައް ތަރައްޤީކުރުމުގެ ކުރިން ނަރުދަމާގެ މައްސަލަ ޙައްލުކުރަންޖެހޭކަމަށެވެ. އެހެންކަމުން ނަރުދާމާގެ މައްސަލަ ޙައްލުކޮށް މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށްދެއްވާނެކަމުގެ ފުރިހަމަ ޔަޤީންކަން ރައީސްވަނީ ނިލަންދޫގެ ރައްޔިތުންނަށް ދެއްވާފައެވެ. އަދި ތަރައްޤީކުރާނެ މަގުތަށް ކައުންސިލާއެކު މަޝްވަރާކުރެވި މިހާރު މަގުތައް ކަނޑައެޅިފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެހުރިހާ ކަމެއްކުރުމަށް ސައްތައިންސައްތަ އެއްބާރުލުން އެމަނިކުފާނަށް ބޭނުންވާނެކަމަށެވެ. އެހެންކަމުން އެ މަސައްކަތްތަކަށް އެއްބާރުލުން ދޭނެ މެންބަރުން އިންތިޚާބުކޮށްދެއްވުމަށް އެދިވަޑައިގެން ރައީސް ވަނީ ހުރިހާ ރައްޔިތުންވެސް އެކަތިގަނޑަކަށްވެ އެކަމުގައި އެއްބާރުލުން ދެއްވުމަށް އެދިވަޑައިގެންފައެވެ.

އެމަނިކުފާނު ވެރިކަމާ ހަވާލުވިއިރު ގިނަ ރަށްތަކުގެ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓިފައި އޮތްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެ މަސައްކަތްތައް މިހާރު ފަށައިގެން ކުރިއަށްދާކަަމަށެވެ. އަދި އެމަނިކުފާނަށް ރައްޔިތުން ބޭނުންވާ ކަންކަން ފެނިވަޑައިގަންނަވާކަމަށްވެސް ވިދާޅުވިއެވެ.

“ނަރުދަމާގެ ހުރިހާކަމެއް ހައްލުކޮށް މަގު ހެދުމުގެ މަސައްކަތް މަޝްވަރާކުރަމުންދަނީ. ހަދާނެ މަގުތައްވެސް ވަނީ ކަނޑައެޅިފަ. ހަމައެހެންމެ ސިއްޙީ ދާއިރާ ވަރުގަދަ ކުރުމުގެ ހުރިހާ މަސައްކަތެއް، އެއީ ޢިމާރާތް ހެދުންކަމަށްވިޔަސް، ޚިދުމަތް އިތުރުކުރުންވިޔަސް، އާބަން ސެންޓަރެއްގައި ހުންނަޖެހޭ ފެންވަރަށް ކުރާނަން. އަންނަ އަހަރުގެ ބަޖެޓުގައިވެސް ބައެއް ކަންކަން ހިމެނޭނެ.” ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއަހަރުގެ ބަޖެޓުގައި ކުރީ ސަރުކާރުން މަޝްރޫޢުތައް ހިމަނާދީފައިވަނީ މަޝްރޫޢުތައް ނުހިންގޭހާ މަދު ޢަދަދެއްގެ ފައިސާކަމަށާއި، ނަމަވެސް އެމަނިކުފާނު ބޭނުންވަނީ އަންނަ އަހަރުގެ ބަޖެޓަކީ މަޝްރޫޢުތައް ފަށައި ނިންމޭނެ ޢަދަދަށް ފައިސާ ކަނޑައަޅާ ބަޖެޓަކަށް ހެދުމަށްކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވާހަކަފުޅުގައި ނިލަންދޫގެ ހުރިހާ މަޝްރޫޢުއެއްވެސް ބާރު ދުވެލީގައި ކުރިއަށްގެންގޮސް ނިންމަވައިދެއްވާނެކަމުގެ ޔަޤީންކަން ވަނީ ރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ.