ފ.ފީއަލީގެ ބިންހިއްކުމުގެ މަސައްކަތް އިތުރަށް ފުޅާކޮށް، ހިއްކެން އޮތް އެންމެ ބޮޑަކަށް ބިން ހިއްކަވައިދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. ރައީސް މިޔަޤީންކަން ދެއްވީ ފީއަލީ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ފީއަލީގެ ބިން ހިއްކުމުގެ މަސައްކަތް ފެށީ ނިމިދިޔަ ސަރުކާރުގައެވެ. އެގޮތުން 13.8 ހެކްޓަރުގެ ބިން ހިއްކުމަށް ކުރީ ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރި ނަމަވެސް، އެ މަޝްރޫޢު ކުރިއަށްދަނީ ރައްޔިތުން އެންމެ ބޭނުންވާގޮތަށް ނޫންކަމަށް ފީއަލީ ކައުންސިލުން ވަނީ ފާހަގަކުރައްވާފައެވެ.
ފީއަލީ ރައްޔިތުންނާ ބައްދަލުކުރުމަށް ބޭއްވި މިޖަލްސާގައިވެސް ފީއަލީ ކައުންސިލްގެ ރައީސް ވަނީ ބިން ހިއްކުމުގެ މަޝްރޫޢު ރައްޔިތުން ބޭނުންވާގޮތަށް ކުރިއަށް ގެންގޮސްދެއްވުމަށް އެދިވަޑައިގެންފައެވެ.
މިއާއެކު ރައީސް ދެއްކެވި ވާހަކަފުޅުގައިވަނީ ރައްޔިތުން އެދޭގޮތަށް މަޝްރޫޢު ބަދަލުކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އެގޮތުން މިމަޝްރޫޢަށް 15 ހެކްޓަރުގެ ބިން އިތުރުކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ފީއަލީ ފަޅުގައި އިތުރަށްވެސް ޖާގަ އޮތްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ހިއްކެން އޮތް އެންމެ ބޮޑަކަށް ބިން ހިއްކަވައިދެއްވާނެކަމަށެވެ.
މީގެ އިތުރުންވެސް ރައީސް ވަނީ ފީއަލީގެ ތަރައްޤީއަށް ހުރި މުހިންމު މަޝްރޫޢުތައް ނުހުއްޓި ބާރު ދުވެލީގައި ކުރިއަށް ގެންގޮސް ނިންމަވާދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
"ދެންހުރި މަޝްރޫޢުތައްވެސް، އެއީ ފެށިފައި ހުރި މަޝްރޫޢުތަކާ އަލަށް ފަށަންހުރި މަޝްރޫޢުތައްވެސް، އޭގެތެރޭގައި ސިއްޙީ ދާއިރާގައި ފެށިފައިހުރި މަސައްކަތްތައްވެސް އެބަހުރި. ލެބޯރެޓަރީ. ތައުލީމީ ދާއިރާއިން ސްކޫލް ފެންވަރު ރަނަގޅުކޮށް މަލްޓިޕާޕަސް ހޯލެއް ތަރައްޤީކުރުންކަމުގައިވިޔަސް ކުޅިވަރާ ގުޅުންހުރި ކަންކަންވިޔަސް މިހެންގޮސް ބައިވަރުކަންކަން." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވަނީ މި ހުރިހާ ކަމެއް އެންމެ ބާރު ދުވެލީގައި ހިންގާނެކަމަށްވެސް ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ ސަރުކާރު އައިއިރު ގިނަ ކަންކަންހުރީ ފައިސާ ދިނުމުގައި ދަތިތަކެއް ހުރުމުން ހުއްޓިފައިކަމަށެވެ. ނަމަވެސް އެމަޝްރޫޢުތަކަށް ފައިސާ ދީގެން މިހާރު ގިނަ ކަންކަން ފެށިފައިވާކަަމަށާއި، އެގޮތުން ފީއަލީގައިވެސް ރައްޔިތުން ބޭނުންވާ ތަރައްޤީގެ ހުރިހާ މަސައްކަތްތައް ކުރިއަށް ގެންދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.