ޚަބަރު

ނ. ކެނދިކުޅުދޫ މަގު ހެދުމުގެ ޢަމަލީ މަސައްކަތް ފަށައިފި


  • ކެނދިކުޅުދޫގެ 8 މަގެއް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރާނެ

  • މިއީ ސަރުކާރުން 90.8 މިލިއަން ރުފިޔާ ޚަރަދު ކުރާ މަޝްރޫޢެއް

  • މިމަސައްކަތް އެކުންފުންޏާއި ހަވާލު ކުރެވުނީ މިދިޔަ އަހަރު ޖޫން މަހު

ނ. ކެނދިކުޅުދޫ މަގު ހެދުމުގެ ޢަމަލީ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އާރް.ޑީ.ސީއިން ފަށައިފިއެވެ.

ކެނދިކުޅުދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތް ޢަމަލީ ގޮތުން ފައްޓަވައި ދެއްވީ އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވަޒީރު މުހައްމަދު ސަޢީދު އަދި އާރްޑީސީގެ މޭނޭޖިންގް ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަޑް) އަލީ ޒުހޭރެވެވެ. މި ރަސްމީއްޔާތުގައި ކެނދިކުޅުދޫ ކައުންސިލް މެންބަރުންނާއި ރައްޔިތުން ވަނީ ބައިވެރިވެފައެވެ.

ކެނދިކުޅުދޫ މަގުތައް ރަނގަޅު ފެންވަރެއްގައި ހެދުމުގެ މަސައްކަތުގެ ދަށުން އެ ރަށުގެ 8 މަގެއް ޒަމާނީ ފެންވަރެއްގައި ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ. މިގޮތުން 3.7 ކިލޯމީޓަރުގެ މަގުގެ ފެން ހިންދާ ނިޒާމު ޤާއިމްކޮށް އެ މަގުތަކުގެ ޔޫޓިލިޓީ ޖަންކްޝަންތައް ހަދާނެއެވެ.

މީގެ އިތުރުން ތާރުއަޅައި ދުވާރާއެކު މަގުގެ ޓްރެފިކް ސައިންތައް ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މަގު ބައްތި ޖެހުމާއި ސްޕީޑް ބްރޭކަރުތައް ވެސް މި މަސައްކަތުގެ ދަށުން ހެދިގެން ދާނެއެވެ.

ސަރުކާރުން މި މަސައްކަތް އާރް.ޑީ.ސީއާއި ޙަވާލުކޮށްފައިވަނީ 90.8 މިލިއަން ރުފިޔާއަށެވެ. މި މަސައްކަތް އެކުންފުންޏާއި ހަވާލުކުރީ މިދިޔަ އަހަރު ޖޫން މަހުއެވެ.

ކެނދިކުޅުދޫ މަގު ހެދުމުގެ މަޝްރޫޢުގެ އިތުރުން އާރްޑީސީން ދަނީ ރ. އަލިފުށި މަގު ހެދުމުގެ މަޝްރޫޢުގެ މަސައްކަތްވެސް ފެށުމަށް ތައްޔާރުވަމުންނެވެ. އެގޮތުން މި މަޝްރޫޢަށް ސަރުކާރުން 90.5 މިލިއަން ރުފިޔާ ޚަރަދުކުރާއިރު އެ ރަށުގެ 7 މަގެއް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތްވެސް ކުރިއަށް ގެންދާނީ ކެނދިކުޅުދޫ މަގު ހެދުމުގެ މަސައްކަތާއި އެއްގޮތަށް ކަމަށް އާރް.ޑީ.ސީން ހާމަކުރެއެވެ.

މީގެ އިތުރުން އއ. ތޮއްޑޫ އަދި ނ. މަނަދޫ މަގު ހެދުމުގެ މަސައްކަތް ފެށުމަށް ސައިޓް މޯބަލައިޒޭޝަން މަސައްކަތް މިހާރު ފެށިފައިވާ ކަމަށް އެކުންފުނިން ބުނެއެވެ.