ޚަބަރު

ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު މިމަހު 23ގައި ހުޅުވާލަނީ


  • މިއަހަރު ޤައުމީ އިނާމަށް ދެ ދާއިރާއެއް ވަނީ އިތުރުކޮށްފައި

  • ޤައުމީ އިނާމު ދޭނީ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި

މިއަހަރު ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު މި މަހުގެ 23ވާ އަންގާރަ ދުވަހު ހުޅުވާލުމަށް ޤައުމީ އިނާމާބެހޭ ކޮމިޓީން ނިންމަވައިފިއެވެ.

އިނާމަށް ނަން ހުށައެޅުމަށް ހުޅުވާލުމުގެ ކުރިން ޤައުމީ އިނާމާބެހޭ ކޮމިޓީން ވަނީ އިނާމުދޭނެ ދާއިރާތަކާއި ރޮނގުތަކާ ގުޅޭގޮތުން ކަމާބެހޭ ވުޒާރާތަކުގެ ޚިޔާލު ހޯއްދަވާފައެވެ. އަދި ޤައުމީ އިނާމު ދެވޭ ދާއިރާތަކަށް ދެ ދާއިރާއެއް މިއަހަރު ވަނީ އިތުރުކުރުމަށް ކޮމިޓިން ވަނީ ނިންމަވާފައެވެ. އެއީ ދިވެހި ޤައުމިއްޔަތުގެ ދާއިރާއާއި ދެމިހުންނަނިވި ޚާއްޞަ ޚިދުމަތެއް ކުރުމުގެ ދާއިރާއެވެ.

ދިވެހި ޤައުމިއްޔަތުގެ ދާއިރާއިން އިނާމު ދިނުމުގައި ކޮމިޓީން ބައްލަވާ ރޮނގުތަކުގެ ތެރޭގައި ދިވެހިންގެ މެދުގައި އެއްބައެއްވަންތަކަން އާލާކުރުމާއި ދެމެހެއްޓުމަށް މަސައްކަތް ކުރުމާއި އިސްލާމީ ގިއުގަނޑުގެ ތެރެއިން އިސްލާމީ ދިވެހި ސަގާފީ އާދަކާދަތައް ދިރުވައި އާލާކުރުމަށް މަސައްކަތް ކުރުމާއި ދިވެހިންގެ އަސާސީ ދެމިތިބުމާއި ދިވެހި ރަށްވެހިކަމާއި ވަޒަންވެރިކަމަށް ފަހިވާނޭހެން ޢިލްމާއި ވިސްނުމާއި ފަންނިއްޔާތާއި އުފެއްދުންތެރިކަން ރާއްޖެއަށް ވެހިކުރުން ހިމެނެއެވެ.

ދެމިހުންނަނިވި ޚާއްޞަ ޚިދުމަތެއް ކުރުމުގެ ދާއިރާއިން އިނާމު ދިނުމުގައި ބަލާގޮތަށް ހަމަޖެހިފައިވަނީ އެ މީހަކަށް ލިބިފައިވާ ޚާއްޞަ ހުނަރެއް ބޭނުންކޮށްގެން ޒަމާންތަކަކަށް ދެމިހުންނަނިވި ގޮތަކަށް ކޮށްފައިހުރި މުޖުތަމަޢުން ބަލައިގެންފައިވާ ޚާއްޞަ ޚިދުމަތަށާއި ދިވެހި ދައުލަތުގެ ޙިމާޔަތުގައި ކޮށްފައިވާ ޚާއްޞަ ޚިދުމަތަށެވެ. މި ދާއިރާއިން އިނާމު ދިނުމުގައި ބަލާގޮތަށް ހަމަޖެހިފައިވަނީ ޚިދުމަތްކޮށްދީފައިވާ ގޮތަށާއި ފެންވަރަށާއި ދެމިހުންނަނިވި މިންވަރަށެވެ.

ޤައުމީ އިނާމުގެ ގޮތުގައި ދެއްވުމަށް ހަމަޖެހިފައިވަނީ ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި ހިތްވަރު ދިނުމުގެ ޤައުމީ އިނާމެވެ. ޝަރަފުވެރިކަމުގެ ޤައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ އައްޑަނައަކާއި ޝަރަފުގެ ބެޖަކާއި ހަނދާނީ ލިޔުމެކެވެ. ހިތްވަރު ދިނުމުގެ ޤައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ ހަނދާނީ ފިލަޔަކާއި ހަނދާނީ ލިޔުމެކެވެ.

ޤައުމީ އިނާމު މި އަހަރުވެސް ދެއްވާނީ ޤައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.