ރަށްރަށުގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމަށް ހިންގާ މަޝްރޫޢުތަކުގެ ތެރެއިން، ނިމިދިޔަ ސަރުކާރުން ކޮންޓްރެކްޓަރުންނާއި ހަވާލުކޮށް ހުއްޓިފައިވާ 16 ރަށެއްގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުލްމަތީން މުޙައްމަދު ވިދާޅުވެއްޖެއެވެ.
މަތީން ވިދާޅުވީ، އެހެން ފަރާތްތަކާ ހަވާލުކުރެވިފައި ހުރި މަޝްރޫޢުތައް ތަފާތު އެކި ސަބަބުތަކާއި ހެދި ހުއްޓިފައި ހުރިކަމަށެވެ.
ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުލްމަތީން މުޙައްމަދު ވިދާޅުވީ، އިމާރާތްކުރުމާއި ބިނާރާއި ބެހޭ ވުޒާރާއާއި މަޝްވަރާކުރެވި، 16 ރަށެއްގެ، ހުއްޓިފައިވާ މަޝްރޫޢުތައް ފެށުމުގެ މަސައްކަތް، މިހާރު ކުރައްވަމުން އަންނަ ކަމަށެވެ. އެގޮތުން އެރަށްރަށަށް ގޮސް ސަރވޭކޮށް، މަސައްކަތް ކުރިއަށް ގޮސްފައިވާ މިންވަރު ބެލުމަށްފަހު މިހާރު އެވުޒާރާއަށް ޕްރޮޕޯސަލް ހުށަހަޅާފައިވާކަމަށް މަތީން ވިދާޅުވިއެވެ.
މަތީން ވިދާޅުވީ، އޭގެތެރެއިން ގިނަ ރަށްރަށުގައި މަސައްކަތް ކުރިއަށް ގޮސްފައިވަނީ އެންމެ ތިން ހަތަރު ޕަސެންޓަށްކަމަށެވެ.
އެމްޑަބްލިޔުއެސްސީން މަސައްކަތް ނިންމުމަށް ހަވާލުވެފައިވަނީ 11 ރަށެއްގެ ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމަށާއި 5 ރަށެއްގައި ފެނުގެ ނިޒާމް ޤާއިމްކުރުމަށެވެ.
* ބ.ފެހެންދޫ - ފެނާއި ނަރުދަމާގެ ނިޒާމް
* ބ.ފުޅަދޫ - ފެނާއި ނަރުދަމާގެ ނިޒާމް
* ބ.ކިހާދޫ - ފެނާއި ނަރުދަމާގެ ނިޒާމް
* ބ.ކުޑަރިކިލު - ފެނާއި ނަރުދަމާގެ ނިޒާމް
* ބ.ދޮންފަނު - ފެނާއި ނަރުދަމާގެ ނިޒާމް
* މ.ނާލާފުށި - ފެނާއި ނަރުދަމާގެ ނިޒާމް
* މ.ރަތްމަންދޫ - ފެނާއި ނަރުދަމާގެ ނިޒާމް
* ނ.މަގޫދޫ - ފެނާއި ނަރުދަމާގެ ނިޒާމް
* ނ.ލަންދޫ - ފެނުގެ ނިޒާމް
* ނ.މިލަދޫ - ފެނުގެ ނިޒާމް
* ށ.ނޫމަރާ - ފެނާއި ނަރުދަމާގެ ނިޒާމް
* ށ.ބިލެތްފަހި - ފެނާއި ނަރުދަމާގެ ނިޒާމް
* ލ.ކުނަހަންދޫ - ފެނާއި ނަރުދަމާގެ ނިޒާމް
* ތ.މަޑިފުށި – ފެނުގެ ނިޒާމް
* ތ.ދިޔަމިގިލި – ފެނުގެ ނިޒާމް
* އދ.ފެންފުށި – ފެނުގެ ނިޒާމް
މަތީން ވިދާޅުވީ މިރަށްރަށުގެ މަސައްކަތް މިމަހުގެ ތެރޭގައި ފަށާނެކަމަށެވެ.
" މިދެންނެވި ރަށްރަށުގެ މަސައްކަތް އިރާދަކުރެއްވިއްޔާ، މިއޭޕްރީލް މަސްތެރޭގައި އަޅުގަނޑުމެން ފަށާނަން، އެމަސައްކަތް އަޅުގަނޑުމެންނާއި ހަވާލުކުރުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިވަނީ ނިމިފައި" އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުލްމަތީން މުޙައްމަދު ވިދާޅުވިއެވެ.
މީގެ އިތުރުން ލ.ގަން، ގއ.ވިލިނގިލި އަދި ސ.ހިތަދޫގެ ބަނދަރު ބޮޑުކުރުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ތެރެއިން ވަރަށް އަވަހަށް ފައްޓަވާނެ ކަމަށް މަތީން ވިދާޅުވިއެވެ.