ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ އަޣްލަބިއްޔަތާއެކު ދެން ފެންނާނީ މިޤައުމު ތަރައްޤީކުރުމުގެ މަސައްކަތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މަޖިލިސް އިންތިޚާބުގައި ސަރުކާރަށް ލިބިވަޑައިގެންނެވި ކާމިޔާބީ ފާހަގަކުރުމަށް އާޓިފިޝަލް ބީޗް ސަރަޙާއްދުގައި ސަޕޯޓަރުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ގިނަ ޢަދަދެއްގެ ރައްޔިތުން ބައިވެރިވި ޙަރަކާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ޔަޤީންވެގެން މިދިޔައީ ޤައުމު ނުބައި މިސްރާބަކުން ދަނިކޮށް ރަނގަޅު، ހެޔޮ މިސްރާބަށް ރައްޔިތުންގެ ބުރަ މަސައްމަތުން ރިޔާސީ އިންތިޚާބުގައި ގެނެސް، އެ މަސައްކަތް ބޭކާރުވިޔަ ނުދިނުމަށްޓަކައި ބޭނުންވާ މިންވަރުކަމަށެވެ. އަދި މިޤައުމު މާތްވެގެންވާ އިސްލާމްދީނުގެ މަތީ ކުރިއަށްގޮސް އިސްލާމީ ޝިއާރުގެ މަތިވެރިކުރާ ޤައުމެއްގެ ގޮތުގައި އޮތުމަށް ބޭނުންވާ މިންވަރުވެސް ފެނިވަޑައިގެންނެވިކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ޤައުމުގެ ކުރިމަގު ފެނިވަޑައިގަންނަވަނީ ވަރަށް އުޖާލާކޮށްކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ޤައުމުގެ މިނިވަންކަން ޔަޤީންވެފައި އޮތުމަށާއި، ރައްޔިތުން ބޭނުންވާ ތަރައްޤީ ބާރު ދުވެލީގައި ހޯދުމަށް ބޭޏުންވާ މިންވަރު ރައްޔިތުން ސާބިތުކޮށްދެއްވައިފިކަމަށެވެ.
"ދެން އޮތީ މަސައްކަތްކުރުން. މަސައްކަތުގެ ދުވެލި އަވަސްކުރުން. މި ވޭތުވެދިޔަ 5 މަސް ދުވަހުގެ ތެރޭގައި ވަރަށް ދަތި އުނދަގުލުގެ ތެރޭގައި ނަމަވެސް އަޅުގަނޑުމެންނަށް ކޮންމެވެސްވަރަކަށް ނަތީޖާ ނެރެވުނު. ދެން އޮތީ ރައްޔިތުން ތިޔަ ދެއްވި އިތުބާރާ ދެއްވި ތާޢީދުގެ މައްޗަށް މި ފަސް މަހުގެތެރޭގައި ކުރެވުނު މަސައްކަތަށްވުރެ އެތައް ގުނައަކުން މައްޗަށް ސްޕީޑް އަވަސްކޮށް ރައްޔިތުން އެދޭ ތަރައްޤީ ގެނައުމުގެ މަސައްކަތް ފެށުން. އިރާދަކުރެއްވިއްޔާ ދެން ފެށޭނީ މިޤައުމު ތަރައްޤީވާން." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދެން އޮތީ ޤައުމު ތަރައްޤީކުރުމަށް ބޭނުންވާ ހުރިހާ މަގެއް މަޖިލީހުގެ ތެރެއިން ކޮށައި ފުރިހަމަކުރުންކަމަށެވެ.
"އަޅުގަނޑުގެ ކެބިނެޓެ މެބަރުންނާއި ކުންފުނިތަކުގެ ވެރިންނާ އަދި އަޅުގަނޑުމެންގެ އިއްޒަތްތެރި މަޖިލިސް މެންބަރުންނަށް ދަންނަވާލަން ބޭނުންވަނީ މި ވޭތުވެދިޔަ 5 މަސް އެއީ އަދި އެއްވެސް އެއްޗެއް ނޫނޭ. ދެން ތިބޭފުޅުން އުޅުއްވަންޖެހޭނީ 24 ގަޑިއިރު ހޭލައޭ. ހަމަސީރިއަސްކޮށް މި ދަންނަވަނީ އަޅުގަނޑު ބޭނުންވަނީ ރައްޔިތުންނަށް ތަރައްޤީ އަޅުގަނޑު ބޭނުންވިގޮތަށް ގެނެސްދޭން." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ދެއްވި ޔަޤީންކަމަކީ ގެދޮރުވެރިކަމުގެ ހިތި މާޒީ ތާއަބަދަށް ދޫކޮށްލާ، ގެދޮރުވެރިކަމުގެ މައްސަލަ ޙައްލުކޮށްދިނުމުގެ ވަޢުދު ފުއްދަވާނެކަމެވެ. ހަލާކުވަމުންދިޔަ އިޤްތިޞާދު ކޮޅަށްޖެހުމަށް ފާއިތުވި ފަސް މަހު ކުރެވުނު މަސައްކަތް ގިނަކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ދެން އޮތީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އެކަމަށް ބޭނުންވާ ހުރިހާ މަގެއް ކޮށައި ފުރިހަމަކުރުންކަމަށެވެ. އަދި ކޮންމެ ރައްޔިތަކަށް މުއްސަނދިކަން އިޙްސާސްކޮށްދިނުމަށްޓަކައި ކުރަން އޮތް މަސައްކަތް ބުރަކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަކީ ބަހަނާ ދައްކާ ބައެއް ނޫން. އަޅުގަނޑުމެންގެ ޓީމަކީ އެންމެންނަކީ އިޚްލާސްތެރިކަމާއެކު ސީރިއަސް މަސައްކަތެއް ކުރަންތިބި ބައެއް." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އިންތިޚާބުން ރައްޔިތުން ދިން މެސެޖަކީ ވާހަކަ ނުދައްކާ އަމަލުން ކަންކުރަން ބޭނުންވާކަންކަމަށެވެ. އެހެންކަމުން ދެން ފެންނާނީ އަމަލުން ޤައުމު ތަރައްޤީކުރާ މަންޒަރުކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި މިއީ ރައްޔިތުން ފަޚުރުވެރިވާ އަދި އުފާވެރި ޤައުމެއްގެ ގޮތުގައި ފެންނާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވަހަކަފުޅުގައި އެމަނިކުފާނު ވެވަޑައިގެންނެވި ވަޢުދުތައް ފުއްދުމަށް އެކުވެރިކަން މުހިންމުކަމަށް ވިދާޅުވެ ވަނީ އަމިއްލަ މަސްލަހަށްވުރެ ވަޠަނީ ޢަޒުމް އިސްކުރުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.
"އަޅުގަނޑު ދޭ ޔަޤީންކަމަކީ މިއަދު މިފެށޭ މަސައްކަތް އިރާދަކުރެއްވިއްޔާ ކާމިޔާބުކޮށްފަ އަޅުގަނޑުމެން ނިންމާލާނީ. ގެދޮރުވެރިކަން ޔަޤީންކޮށް، އިޤްތިޞާދު ވަރުގަދަކޮށް އަޅުގަނޑުމެންގެ ޢުމްރާނީ ތަރައްޤީ އަޅުގަނޑުމެން އެދޭގޮތަށް ހުރިހާ ރަށެއްގައި ހާސިލްކޮށް އަދި ދެމެހެއްޓެނިވި ތަރައްޤީގެ ސިޔާސަތު އަޅުގަނޑުމެން ކަނޑައަޅާފައިވާގޮތަށް ތަންފީޒްކޮށް، އަޅުގަނޑުމެން ބޭނުންވާގޮތަށް މިޤައުމު ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ދިވެހީންނަށް ދިވެހީން ރާއްޖެ ބިނާކުރުމުގެ ހައްގު އޮންނަންވާނެކަން ވަރަށް ސާފުވެއްޖެކަމަށެވެ. މި އަޒުމައިގެން ކުރިއަށް ވަޑައިގަތުމަށް ރައީސް ވަނީ އިންތިޚާބުވެވަޑައިގެންނެވި މެންބަރުންގެ ކިބައިން އެދިވަޑައިގެންފައެވެ. މިއާއެކު ރައްޔިތުން ބޭނުންވާ ނަތީޖާ ހާސިލްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.