ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރާ މަސައްކަތުގެ ފުރަތަމަ މަރުހަލާގެ ދަށުން "އޮޕަރޭޝަން ކުރަނގި" ފަށައިފިއެވެ. 
އޮޕަރޭޝަން ކުރަނގި ފަށާފައިވަނީ ކ.ހިންމަފުށީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.  
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާއިން ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މި އޮޕަރޭޝަން ކުރިއަށްގެންދާނެކަމަށެވެ. 
"އޮޕަރޭޝަން ކުރަނގި" ފެށުމަށް ހިންމަފުށީގައި ބޭއްވި ރަސްމިއްޔާތުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް 3 އަހަރު ދުވަހުގެ ތެރޭގައި ހައްލު ލިބިގެންދާނެ ކަމަށެވެ. އެގޮތުން، ފުރަތަމަ މަސައްކަތެއްގެ ގޮތުން ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ފިންގަރ ޕްރިންޓާއި ފޮޓޯ އަދި މައުލޫމާތު އެއް އަހަރު ދުވަހުގެ ތެރޭގައި އެއްކުރެވިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. 
ވަޒީރު ވިދާޅުވީ އެކި މައްސަލަތަކުގެ ސަބަބުން އެހެން ކުންފުންޏަކަށް ބިދޭސީ މީހާ  ބަދަލުވުމަކީވެސް ގަވާއިދާ ޚިލާފުވުން ކަމަށެވެ. އެގޮތަށް މިހާރު ބަދަލުވެފައިވާ ފަރާތްތަކަށް ފުރަތަމަ މަރުހަލާގެ ތެރެއިންވެސް ނިޒާމުގެ ތެރެއަށް ވަނުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ..
		
										
			ވަޒީރު ވިދާޅުވީ ގަވާއިދުތައް ހުރިގޮތުން ބިދޭސީންގެ ސްޕޮންސަރުން ބަދަލުކުރުމަށް އުނދަގޫތަކާ ދިމާވެ،  ގަވާއިދާ ޚިލާފަށް އަމަލުކުރަމުންދާކަން ފާހަގަކުރެވިފައިވާކަމަށެވެ.  
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވާ މަޝްރޫއުތަކާއެކު ރައްޖެއަށް އަންސްކިލްޑް ލޭބަރުން ބޭނުންވާނެކަން ފާހަގަކުރައްވަމުން އިޙްސާން ވިދާޅުވީ ފުރަތަމަ މަރުހަލާގެ ބޭނުމަކީ ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންނަކީވެސް ގަވާއިދުގެ ތެރޭގައި މަސައްކަތް ކުރާ ބަޔަކަށް ހެދުން ކަމަށެވެ.  
"މިވަގުތު މި އޮޕަރޭޝަނުގެ އެއްވެސް ވިސްނުމެއް ނޫން މީހުން ހިފާ ހައްޔަރުކޮށް ބޭރަށް ފޮނުވާލުމަކީ. މިވަގުތު އޮޕަރޭޝަންގެ ފުލް ފޯކަސްއަކީ މީހުންތައް ދެނެގަނެފަ، ކާކު ހުރި ކޮންތާކުތޯ، ކީއްކުރަނީތޯ އެމީހާ، އެމީހާގެ އައިޑެންޓިޓީއަކީ ކޮބައިތޯ ކަށަވަރުކުރުން،" އަލީ އިޙްސާން ވިދާޅުވިއެވެ. 
އިޙްސާން ވިދާޅުވީ ކައުންސިލްތަކުން އެ ރަށެއްގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރު ބެލެހެއްޓުމަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް ދާޚިލީ ވުޒާރާގެ މެއިން ޑާޓާބޭސްއަށް ކައުންސިލްތަކުގެ އެކްސެސް ދޭނެ ކަމަށެވެ. އަދި އެ މައުލޫމާތު އަދާހަމަކުރުމުގައި ކައުންސިލްތަކުގެ އެއްބާރުލުން ބޭނުންވާނެކަން ވަޒީރު ފާހަގަކުރެއްވިއެެވެ.  
ވަޒީރު ވިދާޅުވީ ފުރަތަމަ މަރުހަލާ ނިމުމަށްފަހު ރަސްމީ ލިޔެކިޔުން ނެތި، ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ ބަޔޯ މެޓްރިކް އައިޑެންޓިފިކޭޝަނެއް ހަދައި، ގައުމުތަކުގެ އެމްބަސީތަކާއި ގުޅިގެން އެމީހުން ފޮނުވާލެވޭނެކަމަށެވެ..