ޚަބަރު

މާލޭގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް މަޝްރޫއެއް ފަށައިފި


  • މިއީ ވަގުތީ ހައްލެއް ގެނައުމަށް ފަށާފައިވާ މަޝްރޫއެއް

  • ފެން ބޭރުކުރުމަށް ހަރުކުރަންޖެހޭ ވަޞީލަތްތައް ހަރުކުރާނެ

  • މިއީ ފެންބޮޑުވެ ގެތަކަށް ގެއްލުންވުން ކުޑަކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުއެއް

ވިއްސާރަ ދުވަސްވަރުގައި މާލޭގައި ފެންބޮޑުވާ މައްސަލައަށް ހައްލުތަކެެއް ހޯއްދެވުމަށް ސަރުކާރުން މަޝްރޫއެއް ފަށައިފިއެވެ.

މިއީ މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން ފެންބޮޑުވާ މައްސަލައަށް ވަގުތީ ހައްލެއް ހޯދައިދިނުމަށް ފެށި މަޝްރޫއެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ.

މާލޭގައި ފެން ބޮޑުވާ މައްސަލައަށް ހައްލު ހޯދުމަށް ފެށި މަޝްރޫއު ކުރިއަށް ގެންދަނީ ޤައުމީ ދިފާޢީ ބާރާއި އިމާރާތް ކުރުމާއި ބިނާރާ ބެހެ ވުޒާރާއާއި ރޯޑްޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީ ގުޅިގެންނެވެ. މިގޮތުން މި މަޝްރޫޢުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ މާލޭގައި އެންމެ ބޮޑަށް ފެންބޮޑުވާ އެއް ސަރަހައްދުކަމުގައިވާ ވެސްޓް ޕާކް ސަރަހައްދުންނެވެ.

މި މަޝްރޫޢު ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އިމާރާތް ކުރުމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ މި މަސައްކަތަކީ މާލޭގެ މަގުތަކަށް ދިމާވެފައިވާ މައްސަލަތަކަށް ދާޢިމީ ޙައްލެއް ގެނައުމުގެ ކުރިން، ކުއްލި ހާލަތެއް ދިމާވުމުގެ ކުރިން އަޅާ ފިޔަވަޅެއްކަމަށެވެ.

ވަޒީރު ވިދާޅުވީ ވެސްޓްޕާކް ސަރަޙައްދުގައި އުފެދޭ ފެން ބޭރުކުރުމަށް ހަރުކުރަންޖެހޭ ވަޞީލަތްތައް ހަރުކުރާނެކަމަށެވެ. ކަނބާއައިސާރަނި ހިނގުމުގެ އިތުރުން އިތުރު ސަރަޙައްދުތަކުގައިވެސް ފެން ބޮޑުވުމުގެ މައްސަލަތައް ހައްލުކުރުމަށް ކުރައްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މާލޭގެ މަގުތަކުން ފެން ހިންދުމަށް ބޭނުންވާ ބޮޑެތި ޕަންޕުތައް ހޯދުމުގެ މަސައްކަތްތަކާއި އަމީނީމަގުގައި ހުރި ޕަންޕުތައް އަޕްގްރޭޑް ކުރުމުގެ މަސައްކަތްތައް ކުރައްވަމުންގެންދަވާކަމަށެވެ.

"ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން އެމްއެންޑީއެފްއިން ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާ. ބޮޑެތި ޗެލެންޖަސްތަކެއްވެސް ކުރިމަތިވޭ. ފެންބޮޑުވުމުގެ ސަބަބުން ގެތަކަށް އެންމެ ބޮޑު ގެއްލުންތަކެއް ލިބޭ ސަރަހައްދަކީ މިއީ. އެއީ މި ސަރަޙައްދުގެ މަގުތައް ހެދިފައި ހުރި ގޮތުން. މި ސަރަޙައްދަށް ހުރިހާ ފެންތަކެއް ޖަމާވާގޮތަކަށް މި އޮންނަނީ."އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބު ވިދާޅުވިއެވެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު ޢާދަމް ޝަރީފު ވިދާޅުވީ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރާ ވިއްސާރައިގައި ރައްޔިތުންނަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށްޓަކައި ސަރުކާރުން މަސައްކަތްތައް ކުރަމުން އަންނަކަމަށެވެ. އަދި ރައްޔިތުންނަށް ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި މުޅި ރާއްޖެއަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ޚާއްސަ ތަޞައްވުރެއް އޮތްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މި މަސައްކަތަކީ ރައީސްގެ އެ ތަޞައްވުރާއެކު ފަށާ މަސައްކަތެއްކަމަށެވެ.

"ވާރޭވެހި ފެންބޮޑުވާ ކޮންމެ ދުވަހަކު ރައްޔިތުންނަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދޭ. އެ ދިމާވާ ކޮންމެ ތަކުލީފްތަކާ ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުންތައް ރައްޔިތުން އަޑުއަހާ އެވަގުތަކަށް ބޭނުންވާ ހައްލެއް ހޯދައިދިނުމަށްޓަކައި ސަރުކާރުން މިގެންދިޔައީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން. ވަގުތީ ބޯހިޔަވާހިކަން ފޯރުކޮށްދިނުމާއި ލިބޭ ގެއްލުމަށް ސަރުކާރުން ކޮންމެވެސް އެހީތެރިކަމެއް ވެދެއްވާ." ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު ޢާދަމް ޝަރީފު ވިދާޅުވިއެވެ.

ދިފާޢީ ވަޒީރު ޢައްޞާން މައުމޫން ވަނީ މާލޭގެ މަގުތައް އަލުން ހެދުމުގެ މަސައްކަތް ވަރަށް އަވަހަށް ފެއްޓެވުމަކީ ރައީސްގެ އަމާޒެއްކަން ފާހަގަކުރައްވާފައެވެ. އަދި ވިއްސާރައިގައި ރައްޔިތުންނަށް ލިބޭ ގެއްލުން ކުޑަކުރެއްވުމަކީ ރައީސްގެ އެދިވަޑައިގަތުމެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

" ރައީސްގެ ސީދާ އިރުޝާދުގެ ދަށުން މިނިސްޓްރީ އޮފް ޑިފެންސްއިން އެމްއެންޑީއެފްގެ އިންޖިނިއަރުންނާއި އިންފްރާސްޓްރަކްޗަރގެ އިންޖިނިއަރުންނާ އާރްޑީސީއާއެކު ތައްޔާރުކޮށްފައިވާ ޕްލޭނެއް މިއީ. ރައީސް ބެއްލެވުމަށްފަހު ފައިސާ ހަމަޖައްސާފައިވާ މަސައްކަތެއް މިއީ."ދިފާޢީ ވަޒީރު ޢައްޞާން މައުމޫން ވިދާޅުވިއެވެ.

މާލޭގެ މަގުތައް ހަދާފައި ހުރިގޮތުން ވާރޭވެހޭ ދުވަސްވަރު ފަސޭހައިން ފެންބޮޑުވުމުގެ މައްސަލަތައް ކުރިމަތިވެއެވެ. މިއާއެކު ބައެއް ގެތަކަށް ފެނުގެ އަސަރުކޮށް ގެތަކަށް ގެއްލުންވެއެވެ. އަދި އެ ގެތަކުގައި ދިރިއުޅޭ ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިއްކަން ފޯރުކޮށްދިނުމާއި ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ހާލަތްތައް ކުރިމަތިވެއެވެ.

ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށާއި މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އެގޮތުން ޗައިނާ ސަރުކާރުގެ އެހީތެރިކަމާއެކު ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢު ހިމެނޭހެން، މާލޭގެ މަގުތައް ތާރުއަޅައިގެން ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިއަހަރުގެ ފަހުކޮޅު ފެށުމަށް ވަނީ ނިންމަވާފައެވެ.