ޚަބަރު

މީރާއަށް ނުލިބި ހުރި ފައިސާގެ ތެރެއިން 797 މިލިއަން ރުފިޔާ ހޯދައިފި


  • ޓެކްސް ބަޔާން ހުށަނާޅާ 9244 ފަރާތަކަށް ފައިނަލް ނޯޓިސް ވަނީ ހަވާލުކޮށްފައި

  • ގަވާއިދުން ފައިސާ ނުދައްކާ ފަރާތްތަކަށް މީރާއިން ވަނީ ލުއިގޮތްތަކެއް ހަމަޖައްސައިދީފައި

  • އެކި ދުވަސްތަކަށް ބަހާލައިގެން ފައިސާ ދެއްކޭނެ ގޮތް 231 ފަރާތަކަށް ހަމަޖައްސައިދީފައިވޭ

އެކި ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާ ހޯދުމަށް މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ކުރި މަސައްކަތުން 797 މިލިއަން ރުފިޔާ ހޯދާފައިވާކަމަށް މީރާއިން ހާމަކޮށްފިއެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާއިން އާއްމުކޮށްފައިވާ މިއަހަރުގެ ފުރަތަމަ ކުއާޓަރގެ މާލީ ރިޕޯޓުގައިވާ ގޮތުން މީރާއަށް ނުލިބި ހުރި ފައިސާ ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެ ކުއާޓަރުގައި 797.8 މިލިއަން ރުފިޔާ ވަނީ ހޯދާފައެވެ.

މީރާއަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން ނުދައްކާހުރި ފައިސާތައް ހޯދާފައިވާގޮތުގެ މައުލޫމާތުވެސް ކުއާޓަރލީ ރިޕޯޓުގައި ހިމަނާފައިވެއެވެ.

ފައިސާތައް ހޯދާފައިވާގޮތުގެ ތަފްސީލް

ޑަނިންގ ނުވަތަ އެކި ގޮތްގޮތުން މުއާމަލާތްކޮށްގެން : 488 މިލިއަން ރުފިޔާ
ޑިއުސް ކްލިއަރަންސް : 277 މިލިއަން ރުފިޔާ
ބޭންކް އެކައުންޓް ފްރީޒްކުރުމުގެ ޕޮލިސީގެ ދަށުން : 43 މިލިއަން ރުފިޔާ
ހަނދާންކޮށްދިނުމަށް ގުޅައިގެންނާއި މެއިލްކޮށްގެން : 12 މިލިއަން ރުފިޔާ

ފުރަތަމަ ކުއާޓަރގައި ޓެކްސް ބަޔާން ހުށަނާޅާ 9244 ފަރާތަކަށާއި، ދައުލަތަށް ފައިސާ ދައްކަންޖެހި ނުދައްކާ ތިބި 5860 ފަރާތަކަށް އެކަން ހަނދާންކޮށްދީ ފައިނަލް ނޯޓިސް ވަނީ ހަވާލުކޮށްފައެވެ.

ދައުލަތަށް ފައިސާ ދައްކަންޖެހޭ ފަރާތްތަކުގެ ތެރެއިން ގަވާއިދުން ފައިސާ ނުދައްކާ ފަރާތްތަކަށް މީރާއިން ވަނީ ލުއިގޮތްތަކެއް ހަމަޖައްސައިދީފައެވެ. އެގޮތުން ފައިސާ އެކި ދުވަސްތަކަށް ބަހާލައިގެން ދެއްކޭނެ ގޮތް 231 ފަރާތަކަށް ހަމަޖައްސާދީފައިވާއިރު، އެއީ ޖުމްލަ 502 މިލިއަން ރުފިޔާގެ ޓެކްސް ފައިސާ ކަމަށް މީރާގެ މިއަހަރުގެ ފުރަތަމަ ކުއާޓަރގެ ރިޕޯޓުގައިވެއެވެ.