ޚަބަރު

ހިޔާ ސަރަހައްދު ތަރައްޤީކޮށް ރައްޔިތުންނަށް ހިތްހަމަޖެހުން ގެނެސްދިނުމަށް ގިނަ މަސައްކަތްތަކެއް!


  • ކުޅިވަރު ކުޅޭނެ ބިންތަކާއި ޕާކުތައް ތަރައްޤީކުރުމަށް ވަނީ ރޭވިފައި

  • ކޮންމެ ޓަވަރެއްގެ މީހުން ބޭރަށް ގޮސް މަޑުކޮށްލެވޭ ތަންތަން ހެދޭނެ

  • އިތުރު މިސްކިތްތައް އެޅުމުގެ މަސައްކަތް މުސްތަޤުބަލުގައި ފެށޭނެ

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ސަރަހައްދު ތަރައްޤީކޮށް އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ހިތްހަމެޖުހުން ގެނެސްދިނުމަށްޓަކައި ގިނަ މަސައްކަތްތަކެއް ރާވަމުންދާކަމަށް ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން އެޗްޑީސީން ބުނެފިއެވެ.

މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ގެނައުމަށްޓަކައި ހުޅުމާލޭގެ ދެވަނަ ފިޔަވައްސެއް ތަރައްޤީކުރަން ފެށި ހިޔާ މަޝްރޫޢަކީ އެތައް ރައްޔިތުންތަކަކަށް ފޮނި އުންމީދުތަކެއް ގެނެސްދިން މަޝްރޫޢެކެވެ.

ރައްޔިތުންގެ އުންމީދުތަކާ ގުޅިފައިވާ މި މަޝްރޫޢު އޭރުގެ ޕީޕީއެމްގެ ސަރުކާރުން ނިންމާލި ނަމަވެސް، ހިޔާ މަޝްރޫޢުގެ ދަށުން ހެދި ފްލެޓުތައް ރައްޔިތުންނާ ހަވާލުކުރީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުގައެވެ. ރައީސް ޞާލިހުގެ ސަރުކާރުން ހިޔާ ފްލެޓުތައް އޭރު ހަވާލުކުރިއިރު، ފްލެޓު ލިބުނު ރައްޔިތުން ކުރި އުންމީދުތައް އެންމެ ފުރިހަމައަށް ޙާސިލްވެފައިނުވެއެވެ. އެގޮތުން ފްލެޓުތައް އޭރު ހަވާލުކުރިއިރު އެތަނުގައި އަސާސީ އެތައް ޚިދުމަތެއް ޤާއިމްވެފައިނުވެއެވެ. އެގޮތުން ހިތްހަމަޖައްސާލައިގެން މަޑުކޮށްލާނެ ތަންތަނާއި މާރުކޭޓުތަކާއި އެތަނުގައި ދިރިއުޅޭ މީހުންނަށް އެކަށީގެންވާ ވަރަށް މިސްކިތްތައްވެސް އަޅާފައިނުވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވީ ހިޔާ ފްލެޓުތަކުގައި ދިރިއުޅެމުންދިޔަ ތަކުލީފު ބޮޑު ދިރިއުޅުމަށް ނިމުން ގެނެސްދެއްވުމަށެވެ. އެގޮތުން ރައީސް ޑރ. މުޢިއްޒު ވެރިކަމާ ހަވާލުވެ، މިވީ 5 މަސް ދުވަހުގެ ކުރު މުއްދަތުގައި ހިޔާ ސަރަހައްދަކީ ދިރިއުޅެން އެކަށޭނަ ހިތްހަމަޖެހޭ މާޙައުލަކަށް ހެދުމަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާފައިވެއެވެ. އެގޮތުން މިދިޔަ ރޯދަ މަހާ ދިމާކޮށް ވަގުތީ މާރުކޭޓެއް ހިޔާ ސަރަހައްދުގައި އަޅައިދެއްވުމާއި އިސްރަށްވެހިންގެ ނާދީއެއް ޤާއިމްކޮށްދެއްވުމާއި އިތުރު މިސްކިތްތައް މި ސަރުކާރުން ވަނީ އަޅައިދެއްވާފައެވެ.

ހިޔާ ސަރަހައްދުގެ ތަރައްޤީއަށް ސަރުކާރުން ރާވާފައިވާ ކަންކަމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގުރާމުގައި ވާހަކަދައްކަވަމުން ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަންގެ އެސިސްޓެންޓް މެނޭޖަރ މުހައްމަދު ސިރާޖް ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިތުރު މިސްކިތްތައް އެޅުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއެކު މިހާރު މަޝްވަރާކުރަމުންދާ ކަމަށެވެ. އަދި ކުޑަކުދިން ކުޅޭނެ ސަރަހައްދުތަކާއި ތަފާތު ކުޅިވަރުތައް ކުޅެވޭނެ ބިންތައް ހިޔާ ސަރަހައްދުގައި ޤާއިމްކުރުމުގެ ކަންކަން މިހާރު ރާއްވަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ހިޔާ ސަރަހައްދުގައި މަސް މާރުކޭޓެއް އެޅުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ސިރާޖް ވިދާޅުވިއެވެ.

"ޕާކުތައް ތަރައްޤީކުރުމުގެ މަސައްކަތްތައް ވަނީ ރޭވިފައި. ހުރިހާ ޓަވަރެއްގައި އުޅޭ މީހުން ބޭރަށް ނުކުމެލާ މަޑު ކޮށްލާނެ ތަންތަން ހެދުމަށްވެސް ވަނީ ރޭވިފައި. މި މަސައްކަތްތައް އަމާޒާ އެއްގޮތަށް ކުރިއަށް ގެންދިޔުމަށް އަޅުގަނޑުމެން ވަރަށް މަސައްކަތް ކުރާނަން. ފާހަގަކޮށްލަން ބޭނުން ރައްޔިތުންނަށް މިގޮތަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ވީހާވެސް އަވަހަކަށް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ސަރުކާރުން ބާރު އަޅުއްވާ. އަޅުގަނޑުމެން މަސައްކަތްތައް ކުރާނީ ވަރަށް ހަލުވިކަމާއެކު." ސިރާޖް ވިދާޅުވިއެވެ.

މީގެ އިތުރުން ޕްރޮގުރާމުގައި ވާހަކަދައްކަވަމުން އެޗްޑީސީގެ ޖެނެރަލް މެނޭޖަރ އިސްމާޢިލް އަދްލީ ވަނީ ހިޔާ ސަރަހައްދުގެ ކުނީގެ މައްސަލަ ހައްލުކުރުމަށްޓަކައި ކުރަމުންދާ ކަންކަމަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން ކުނީގެ މައްސަލަ ހައްލުކުރުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް ވެމްކޯގެ ފްރަންޓް އޮފީހެއް ހިޔާ ސަރަހައްދުގައި ޤާއިމްކޮށްފައިވާކަމަށް އަދްލީ ވިދާޅުވިއެވެ. އަދި މީގެ ސަބަބުން ކުނި ނެގުމުގައި ދިމާވާ ލަސްތައް އަވަސްވެ، ފައިސާ ދައްކަން ރައްޔިތުންނަށް ލުއި ފަސޭހަވާނެކަމަށް އަދްލީ ވިދާޅުވިއެވެ.

"ހިޔާ ސަރަހައްދުގައި މިހާރު އިތުރުވާ ކުންޏަކީ ބޮޑެތި ކުނީގެ ގޮތުގައި ހުންނަ އެއްޗެހި. މިއަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ވެމްކޯއާ އެކީގައި ކުނި ނެގުމުގައި އެޗްޑީސީން ޢަމަލީ ގޮތުން ހަރަކާތްތެރިވި." އަދްލީ ވިދާޅުވިއެވެ.

ހިޔާ ސަރަހައްދު އިތުރަށް ތަރައްޤީކުރުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ރާވާފައިވާއިރު، އެތަނަކީ ދިރިއުޅެން އެކަށޭނަ ތަނަކަށް ހެދުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ސަރުކާރުން ފަށާފައިވެއެވެ. އެގޮތުން ރައީސް ޑރ. މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ހިޔާ މަޝްރޫޢުގައި ހިމެނޭ 16 ޓަވަރުގެ ތެރެއިން ކޮންމެ ޓަވަރެއްގައި 2 ލިފްޓު ހަރުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. މި މަސައްކަތް މިދިޔަ މަހުގެ 18 ވަނަ ދުވަހު ފަށާފައިވާއިރު ސަރުކާރުގެ އަމާޒަކީ 1 އަހަރު ދުވަހުގެ ތެރޭ މަސައްކަތް ނިންމުމެވެ.