ޚަބަރު

ޓްރީޓޮޕްގެ އައިވީއެފް ފަރުވާއިން 2 ކުދިން އުފަންވެއްޖެ


  • ޓްރީޓޮޕްގައި އައިވީއެފް ޚިދުމަތް ފަށާފައިވަނީ މިދިޔަ އަހަރު

  • ޚިދުމަތް ހޯދުމަށް މިހާރު ވެއިޓް ލިސްޓުކުރަން ނުޖެހޭ

ޓްރީޓޮޕް ހޮސްޕިޓަލުގެ އައިވީއެފް ފަރުވާ ހޯދި، ދެމީހަކަށް މިހާތަނަށް ދަރިން ލިބިފައިވާ ކަމަށް އެ ހޮސްޕިޓަލުން ހާމަކޮށްފިއެވެ.

މިދިޔަ އަހަރުގެ މެއި މަހު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފަރޓިލިޓީ ސެންޓަރެއް ހުޅުވައި، އައިވީއެފްގެ ފަރުވާދޭން ފަށާފައިވަނީ މިދިޔަ ޖުލައި މަހުގެތެރޭގައެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީއޯއޯ އާދިލް މޫސާ ވިދާޅުވީ އެ ހޮސްޕިޓަލުން ކާމިޔާބުކަމާއެކު އައިވީއެފްގެ ފަރުވާ ހޯދައި ދަރިއެއް ލިބުނު ފުރަތަމަ މީހާއަކީ މީގެކުރިން ރާއްޖެއިން ބޭރުން 4 ފަހަރަށް އައިވީއެފް ހަދައިގެންވެސް އެކަން ކާމިޔާބު ނުވެހުރި ފަރާތެއް ކަމަށެވެ.

އެ ހޮސްޕިޓަލުން ދިން ފަރުވާގެ ތެރެއިން ކާމިޔާބުކަމާއި އެ ފަރާތަށް ދަރިއެއް ލިބިގެން ދިޔުމަކީ އިތުބާރާއެކު އެހޮސްޕިޓަލުންދޭ ފަރުވާގެ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް އާދިލް މޫސާ ވިދާޅުވިއެވެ.

"ކުރިން 4 ފަހަރު ހެދި، މިކޮޅުގައި ފުރަތަމަ ފަހަރު ހަދައިގެން ލިބުނީ، ޕޭޝަންޓުގެ ކޮންޓިޝަނަށް ބަލާފަ ހަމައެކަނި ޕޮޒިޓިވް ޕޭޝަންޓްސް އެއް ނޫން ނަގަނީގީ"އާދިލް ވިދާޅުވިއެވެ.

އާދިލް މޫސާ ވިދާޅުވީ އެހޮސްޕިޓަލުން ފޯރުކޮށްދޭ މުހިއްމު ޚިދުމަތްތަކުގެ ކާމިޔާބީއާއެކު ރައްޔިތުންގެ އޮންނަ އިތުބާރު ޓްރީ ޓޮޕަށް އިތުރުވަމުންދާކަމަށެވެ.

ޓްރީޓޮޕްގެ އައިވީއެފް ކޮންސަލްޓަންޓު ޑރ. ޒާކިޔާ އަހުމަދު ވިދާޅުވީ އައިވީއެފް ހިދުމަތް ހޯދުމަށް މިހާރު ވެއިޓު ލިސްޓުކުރާކަށް ނުޖެހޭނެ ކަމަށެވެ. އަދި މިހާރު އާސައިންދައިން އެ ޚިދުމަތް ދިނުމަށް ސަރުކާރުން ނިންމާފައިވީ ނަމަވެސް ގިނަ ބަޔަކު އާސަންދަ ލިބެންދެން މަޑުކުރާކަން ފާހަގަކުރޭކަމަށެވެ.

"މިހާރު އިން ހައުސް އެންބިއޮރޮލޮޖިސްޓެއްވެސް ލިބިފައިވާއިރު، ވެއިޓުލިސްޓެއް ނޯންނާނެ، ހަމަ އައިސް ކޮންސަލްޓުކޮށްލެވޭނެ،" ޒާކިޔާ ވިދާޅުވިއެވެ.

ޑރ.ޒާކިޔާ ވިދާޅުވީ އައިވީއެފް ހިދުމަތް ދެމުން ދަނީ އެންމެ ދޮށީ އުމަރަކީ 45 އަހަރުކަމަށް ކަނޑައަޅައިގެން ކަމަށެވެ.

ޓްރީޓޮޕް ފަރޓިލިޓީ ސެންޓަރ ހުޅުވާފައިވަނީ އެ ހޮސްޕިޓަލުގެ 3 ވަނަ ފަންގިފިލާގެ ވިމަން އެންޑް ޗައިލްޑް ސެންޓަރުގައެވެ. ޚާއްސަ ތަޖުރިބާކާރުންގެ އެހީއާއެކު ދަރިމައިވުމާ ގުޅޭ ފަރުވާ އެ ސެންޓަރުން ދަނީ ފޯރުކޮށްދެމުންނެވެ.

މި ޚިދުމަތް ދެނީ އަވައްޓެރި ޤައުމުތަކުން ދޭ އަގަށްވުރެ ކުޑަ އަގެއްގައިކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ވަނީ ބުނެފައެވެ. އެގޮތުން ކޮންސަލްޓޭޝަންއިން ފެށިގެން އައިވީއެފް ނުވަތަ އައިޔޫއައިގެ ޚިދުމަތް ދިނުމަށް ކުރިއަށްގެންދާ އެއް ސައިކަލްއަށް 46000 ރުފިޔާގެ އަގެއް އެހޮސްޕިޓަލުން ކަނޑައަޅާފައިވެއެވެ. އަދި ޕްރޮސީޖަރއަށް ދާން ނުޖެހޭ ފަރާތްތަކުން ބޮޑު ހޭދައެއް ކުރަން ނުޖެހޭނެކަމަށް އެހޮސްޕިޓަލުން ފާހަގަކުރެއެވެ.

އައިވީއެފް އަދި އައިޔޫއައި ގެ ޕްރޮސީޖަރއަށް ދަނީ އެންމެ ފުރަތަމަ ބޭހާއި، ދިރިއުޅުމުގެ އާދަކާދަތަކަށް ބަދަލު ގެނެސްގެން ވެސް ދަރިމައިވުމުގައި ހުރަސް ހުންނަ ފަރާތްތަކެވެ.