ޚަބަރު

މިރޭގެ މަޣުރިބު ނަމާދަށްފަހު މުދަލު ޒަކާތާ ބެހޭ ދަރުސްތަކެއް


  • މާލެއާއި އަތޮޅުތަކުގެ މިސްކިތްތަކުގައިވެސް ދަރުސް އޮންނާނެ

  • ވީހާވެސް ގިނަ ބަޔަކު ދަރުސްތަކުގައި ބައިވެރިވުމަށް ވުޒާރާއިން އިލްތިމާސްކުރޭ

މިއަދުގެ މަޣުރިބު ނަމާދަށްފަހު މާލެއާއި އަތޮޅުތަކުގެ މިސްކިތްތަކުގައި މުދަލު ޒަކާތާ ބެހޭ ގޮތުން ދަރުސްތަކެއް ބާއްވަން ނިންމާފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ މުދަލު ޒަކާތުގެ އުޞޫލުތަކާއި މުހިންމުކަމާ ބެހޭގޮތުން މާލެއާއި އަތޮޅުތަކުގެ މިސްކިތްތަކުގައި މިއަދުގެ މަޣުރިބު ނަމާދަށްފަހު ދަރުސްތަކެއް ބާއްވާގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.


އެ ވުޒާރާއިން ވިދާޅުވާ ގޮތުގައި މި ދަރުސްތައް ބޭއްވުމުގެ މަޤްސަދުތަކުގެ ތެރޭގައި އިޖުތިމާޢީ ރައްކާތެރިކަމާއި ހަމަހަމަކަން ކުރިއެރުވުމުގައި އިސްލާމީ އުޞޫލުތަކަށް ބާރުއަޅާއި މުދަލު ޒަކާތުގެ މުހިންމުކަމާމެދު މުޖުތަމަޢު ހޭލުންތެރިކުރުވުން ހިމެނެއެވެ.

މިއަދު ބާއްވަން ހަމަޖެހިފައިވާ ދަރުސްތަކުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އިލްތިމާސްކުރެއެވެ.

މިއަދުގެ ހުކުރު ޚުތުބާވެސް ޚާއްސަކޮށްފައިވަނީ މުދަލު ޒަކާތާ ބެހޭގޮތުންނެވެ.