ޚަބަރު

ރާއްޖެ އަންނަ ބޮޑެތި ކުށްތަކުގައި ޝާމިލުވާ މީހުން ދުރާލައި ދެނެގަތުމަށް ޤަވާއިދެއް


  • މިޤަވާއިދުގެ މަޤުޞަދަކީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުން

  • ޤަވާއިދަށް އަމަލުކުރަން ފަށާނީ އަންނަ މަހުގެ 30އިން ފެށިގެން

ރާއްްޖެއަށް ވައިގެ މަގުން އަންނަ މީހުންނާއި ފުރާ މީހުންގެ މައުލޫމާތު މޯލްޑިވްސް އިމިގްރޭޝަނަށް ފޯރުކޮށްދިނުމުގެ ޤަވާއިދެއް އެކުލަވައިލައިފިއެވެ.

މި ޤަވާއިދަކީ ރާއްްޖެއަށް ވައިގެ މަގުން އަންނަ އުޅަނދުފަހަރާއި ވައިގެ މަގުން ފުރާ އުޅަނދުފަހަރާއި އެ އުޅަނދު ފަހަރުގައި ދަތުރުކުރާ މީހުންގެ މައުލޫމާތު ހޯދުމަށް އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ޤަވާއިދެކެވެ.

މި ޤަވާއިދު އެކުލަވާލުމުގެ މަޤްޞަދަކީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމެވެ. އެގޮތުން ބިދޭސީންގެ ތެރެއިން ނުރައްކާތެރި ކުށްކުށާއި އިންތިޒާމުވެގެން ކުރާ ބޮޑެތި ކުށްތަކުގައި ޝާމިލުވާ މީހުންނާއި ޓެރަރިސްޓް ޖަމާޢަތްތަކަށް ނިސްބަތްވާ މީހުންނާއި، އެފަދަ ޖަމާޢަތްތަކާ ގުޅުންހުރިކަމަށް ބެލެވޭ މީހުންނާއި، ޓެރަރިސްޓުންކަމަށް މައުލޫމާތު ލިބިފައިވާ މީހުން ރާއްޖެ އެތެރެވުމުގެ ކުރިން ދުރާލައި ދެނެގަތުމަށް މަގުފަހިވާނެ އިންތިޒާމެއް ހަމަޖެއްސުން ހިމެނެއެވެ.

މި ޤަވާއިދު ހިނގާނީ ރާއްޖެއަށް ވައިގެ މަގުން އަންނަ އުޅަނދުފަހަރާއި ބޭރަށް ފުރާ އުޅަނދުތަކާއި އެފަދަ އުޅަނދެއްގެ މިލްކުވެރިކަން ލިބިފައިވާ ފަރާތްތަކާއި ޗާޓަރުކޮށްފައިވާ ފަރާތްތަކާއި އޭޖެންޓުކަން ކުރާ ފަރާތްތަކުގެ އިތުރުން އުޅަނދުގެ ކެޕްޓަނުންނާއި އެ ނޫން ވެސް އެފަދަ އުޅަނދެއްގެ މައްޗަށް ޒިންމާވާ އެންމެންނަށެވެ.

މި ޤަވާއިދުގެ ދަށުން ދިވެހިރާއްޖެއަށް އަންނަ އުޅަނދެއްގައި ތިބި މީހުންނާއި ދިވެހިރާއްޖެއިން ފުރާ އުޅަނދެއްގައި ތިބި މީހުންގެ މައުލޫމާތު އެ ފަރާތްތައް ރާއްޖެއަށް އައުމުގެ ކުރިން ނުވަތަ ފުރުމުގެ ކުރިން އިމިގްރޭޝަންއަށް ހުށަހަޅަންޖެހެއެވެ.

ޤަވައިދުގައި ވާގޮތުން އިމިގްރޭޝަނަށް ލިބޭ މައުލޫމާތު ބޭނުންކުރަންވާނީ ޤައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށާއި، ރާއްޖޭގެ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތީން ޓެރަރިޒަމާއި ބޮޑެތި ކުށްތަކާ ދެކޮޅަށް މަސައްކަތްކުރުމަށްޓަކައި އަދި ރާއްޖެއިން ޢަމަލުކުރުން ލާޒިމުވާ ވައިގެ ދަތުރުފަތުރުގެ މުޢާހަދާ ތަންފީޒުކުރުމުގެ ބޭނުމަށެވެ.

އިމިގްރޭޝަނާ ހިއްސާކުރާ ހުރިހާ މައުލޫމާތުގެ ސިއްރު ހިފަހައްޓަން އެ މުއައްސަސާއަށް މި ޤަވާއިދުގެ ދަށުން ލާޒިމުވެއެވެ. އަދި މި ޤަވާއިދާ ޚިލާފުވެއްޖެ ނަމަ 2،000 ރުފިޔާގެ ގެ ޖޫރިމަނާއެއް ކުރެވޭނެއެވެ. މި ޤަވާއިދަށް އަމަލުކުރަން ފަށާނީ އަންނަ މަހުގެ 30އިން ފެށިގެންނެވެ.

މި ޤަވާއިދުގެ ދަށުން ފޯރުކޮށްދޭން ޖެހޭ ބައެއް މަޢުލޫމާތުތަކަށް ބަލާއިރު ދަތުރުކުރާ ބޯޓުގެ މައުލޫމާތާއި ފުރާ ދުވަހާއި ވަގުތާއި، ޖައްސާ ދުވަހާއި ގަޑިއާއި، ފަސިންޖަރުންގެ އަދަދު ފޯރުކޮށްދޭން ޖެހެއެވެ. އަދި ފަސިންޖަރުންގެ ނަމާއި ޖިންސާއި ޤައުމާއި ޕާސްޕޯޓް ނުވަތަ އެފަދަ ލިޔެކިޔުމުގެ ނަމްބަރުވެސް ފޯރުކޮށްދެން ޖެހެއެވެ. މީގެ އިތުރުން ފަސިންޖަރެއްގެ ސީޓު ނަމްބަރާއި ދާގީނާގެ މައުލޫމާތާއި ވިސާގެ މައުލޫމާތާއި އެ މީހާގެ ދާއިމީ އެޑްރެހުގެ އިތުރުން އެ މީހަކު ދަތުރުކުރާ މަންޒިލެއްގެ އެޑްރެސްފަދަ މަޢުލޫމާތުވެސް ފޯރުކޮށްދޭންޖެހެއެވެ.