ޚަބަރު

އޮޔާދާ ކަނދުފަތީގެ މަސްވެރިކަން ރެގިއުލޭޓްކުރުމާއި ބެހޭ ޤަރާރު ފާސްކޮށްފި


  • މި ޤަރާރު ފާސްކޮށްފައިވަނީ އައިއޯޓީސީގެ 28 ވަނަ ބައްދަލުވުމުގައި

  • މިއީ ރާއްޖެއިން ކޯ-ސްޕޮންސަރކުރި ގަރާރެއް

ރާއްޖެއިން ކޯ-ސްޕޮންސަރކުރި އޮޔާދާ ކަނދުފަތީގެ މަސްވެރިކަން ރެގިއުލޭޓްކުރުމާއި ބެހޭ ޤަރާރު އިންޑިއަން އޯޝަން ޓޫނާ ކޮމިޝަނުން ފާސްކޮށްފިއެވެ. މި ޤާރާރު ފާސްކޮށްފައިވަނީ އައިއޯޓީސީގެ 28 ވަނަ ބައްދަލުވުމުގައެވެ.

މި ބައްދަލުވުމުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާގެ ފަރާތުން ވަނީ ބައިވެރިވެފައެވެ. އިންޑިއާ ކަނޑުގައި އޮޔާދާ ކަނދުފަތީގެ މަސްވެރިކަން ރެގިއުލޭޓްކުރުމަށް ކުރިން ވަކި ޤަވައިދެއް ހެދިފައެއް ނޯވެއެވެ. އެހެންކަމުން މިކަމުގެ އަސަރު ކޮންމެވެސް ވަރަކަށް ރާއްޖެއަށްވެސް ދިޔައީ ކުރަމުންނެވެ.

އިންޑިއާ ކަނޑުގައި ބޮޑުދާ ޖަހައިގެން މަސްވެރިކަން ކުރާ އުޅަނދުތަކުން މަސް އެއްކުރުމަށް އޮޔާދާ ކަނދުފަތި ދޫކުރެއެވެ. މީގެ ސަބަބުން ރާއްޖޭގެ ސަރަހައްދަށް މަސް ވަންނަ މިންވަރުވެސް މަދުވެއެވެ. އަދި ކުދިމަސް ހިފޭ މިންވަރުވެސް އިތުރުވެއެވެ. އެހެންކަމުން މަހުގެ ސްޓޮކަށް ވަރަށް ބޮޑަށް އަސަރުކުރެއެވެ.

ނަމަވެސް މި ޤަރާރު ފާސްކުރުމުގެ ސަބަބުން މިކަންކަމަށް ހައްލެއް ލިބިގެންދާނެއެވެ. ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ، މި ޤަރާރު ފާސްކުރުމުގެ މަސައްކަތް ކުރާތާ 3 އަހަރު ވެފައިވާކަމަށެވެ.

ރާއްޖެއިން ކޯ-ސްޕޮންސަރ ކޮށްފައިވާ މި ޤަރާރު ހުށައެޅީ އިންޑޮނޭޝިއާއާއި، ސައުތު އެފްރިކާ، ޕާކިސްތާނާ އަދި ރާއްޖެ ގުޅިގެންނެވެ. ޤަރާރު ފާސްކޮށްފައިވަނީ ޔޫރަޕްގެ ޤައުމުތައްވެސް ބައިވެރިވެގެންނެވެ.

މި ޤަރާރުގެ ސަބަބުން ރާއްޖެއަށް 2 ގޮތަކަށް ފައިދާ ކުރާނެއެވެ. އެގޮތުން އިންޑިއާ ކަނޑުގައި މަދުވަމުންދާ ރީނދޫ އުރަހަ ކަންނެލީގެ ސްޓޮކް އިތުރުވުމަށް އެހީވުމާއި، އޮޔާދާ ކަނދުފަތި މަދުވުމުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަންނަ މަހުގެ އަދަދު އިތުރުވެގެންދާނެއެވެ.

ދާޖަހައިގެން މަސްވެރިކަންކުރާ އުޅަނދުތަކަށް ކުރިން 280 ކަނދުފަތި ދޫކުރެވޭއިރު މި ޤަރާރާއިއެކު ދެން ދޫކުރެވޭނީ 220 ކަނދުފައްޗެވެ.