ހޯމަ ދުވަހު ފަށާ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ކޮންފަރެންސްގައި ރާއްޖެއިން މުހިއްމު ދައުރެއް މިފަހަރު އަދާކުރާނެކަމަށް ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް ނުވަތަ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް، ސިޑްސްގެ 4 ވަނަ ކޮންފަރެންސް ކުރިއަށްދާނީ ހޯމަ ދުވަހުން ފެށިގެން މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އެންޓިގުއާ އެންޑް ބާބިއުޑާގައެވެ.
4 ވަނަ ސިޑްސް ކޮންފަރެންސްގައި ދިވެހިރާއްޖޭގެ ފަރާތުން މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާއިރު، މި ވަފުދުގައި އެންމެ އިސްކޮށް ހުންނަވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. ރައީސުލްޖުމްހޫރިއްޔާގެ އިތުރުން މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާބެހޭ ވަޒީރު ޠާރިޤް އިބްރާހީމާއި ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދާއި ކްލައިމެޓް އެންވޯއީ ޢަލީ ޝަރީފްވެސް މި ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޢުލޫމާތު ދެއެވެ.
ސިޑްސް ކޮންފަރެންސާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ މި ކޮންފަރެންސް އިންތިޒާމްކުރުމަށް އެކުލަވާލި ކޮމިޓީގެ ކޯ-ޗެއަރއެއްގެ ގޮތުގައި ރާއްޖެއިން މުހިއްމު މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ. އަދި މި ކޮންފަރެންސްގެ ތެރެއިން ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވާ މުހިންމު މައްސަލަތަކަށް ހައްލު ހޯދުމަށް ރާއްޖެއިން އިސް ދައުރެއް އަދާކުރާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މި ކޮންފަރެންސްގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާއި ސަރުކާރުގެ އިސް ބޭފުޅުން މަތީ ފަންތީގެ ގިނަ ހަރަކާތްތަކެއްގައި ބައިވެރިވާނެ ކަމަށެވެ. އަދި މި ކޮންފަރެންސްގެ ތެރެއިން ރާއްޖޭގެ އަޑު ބައިނަލްއަޤްވާމީ މުޖްތަމައުއަށް އިއްވޭކަން ޔަގީންކުރެވޭނެކަމަށްވެސް ވަަޒީރު ވިދާޅުވިއެވެ.
Departing for Antigua and Barbuda with President Dr. @MMuizzu to participate in the Fourth International Conference on Small Island Developing States #SIDS4.#Maldives served as Co-Chair of the Preparatory Committee for #SIDS4. We will continue to play a leading role,…
— Moosa Zameer (@MoosaZameer) May 24, 2024
ކޮންފަރެންސާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤް އިބްރާހިމް ވިދާޅުވެފައިވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުދި ޤައުމުތަކަށް ލިބޭ ގެއްލުންތަކަށް މާލީ އެހީތެރިކަން ހޯދުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މި ކޮންފަރެންސްގައި މަޝްވަރާ ކުރައްވާނެ ކަމަށެވެ. އަދި މި ކޮންފަރެންސްގެ ހަވާސާގައި ރާއްޖެއިން އިންތިޒާމުކުރާ 3 ހަރަކާތެއް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށްވެސް ވަޒީރު ވިދާޅުވެފައިވެއެވެ.
ސްޕެޝަލް އެންވޯއީ ފޯ ކްލައިމެޓް ޗޭންޖް އަލީ ޝަރީފް ވިދާޅުވީ ކޮންފަރެންސްގެ ތެރެއިން މިއަހަރު އެންމެ މުހިންމު ކަމެއްގެ ގޮތުގައި ރާއްޖެއިން ވަކާލާތު ކުރާނީ މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުމުން އަރައިގަތުމަށް ބޭނުންވާ ފައިސާ ހޯދުމުގައި ކުދި ޤައުމުތަކަށް ފަސޭހަ ގޮތްތަކެއް ހޯދުމަށްކަމަށެވެ.
ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް ނުވަތަ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް، ސިޑްސްގެ 4 ވަނަ ކޮންފަރެންސްގެ ޝިއާރަކީ "ޗާރޓިންގ ދަ ކޯސް ޓުވާޑްސް ރިސިލިއަންޓް ޕްރޮސްޕަރިޓީ ނުވަތަ ފާގަތިކަމާ ވިލުންތެރިކަން ހާސިލްކުރުމަށް ހިތްވަރާއެކު މަސައްކަތްކުރުމެވެ. މި ޝިއާރާ އެއްގޮތަށް މި އަހަރުގެ ސިޑްސް ކޮންފަރެންސްގައި ތިމާވެށީގެ ގޮތުން ނާޒުކު އަދި ކުދި ޤައުމުތަކަށް ފާގަތިކަމާއި، ވިލުންތެރިކަން ހާސިލްކުރުމަށް މަގުކޮށައިދިނުމަށް މުހިންމު މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.