ޚަބަރު

ރައީސްގެ މެސެޖު ދުނިޔެއަށް: އަވަސް ފިޔަވަޅުތަކެއް ނާޅައިފިނަމަ 65 މިލިއަން މީހުން ނުރައްކަލަށް ހުށަހެޅޭނެ


  • ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ "ދަ ގާޑިއަން" ނޫހުގައި ޝާޢިއުކުރެއްވި އާޓިކަލެއްގައި

  • މާލީ އެހީތެރިކަން ހޯދުމުގައި މިހާރަށް ވުރެ ފަސޭހަ ގޮތްތަކެއް ހޯދަންޖެހޭކަމަށް ވިދާޅުވި

މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ރާއްޖެފަދަ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް މާލީ އެހީތެރިކަން ހޯދުމުގައި މިހާރަށް ވުރެ ފަސޭހަ ގޮތްތަކެއް ހޯދަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދުނިޔޭގެ އެތައް މިލިއަން ބަޔަކު ކޮންމެ ދުވަހަކު ކިޔާ "ދަ ގާޑިއަން" ނޫހުގައި ޝާޢިއުކުރެއްވި އާޓިކަލެއްގައެވެ.

ދަ ގާޑިއަންގައި ލިޔުއްވި އާޓިކަލްގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ މޫސުން ބަދަލުވުމުގެ ސަބަބުން އޮތް ނުރައްކަލާއި ޚާއްޞަކޮށް ކަނޑުގެ ލޮނުގަނޑު އުފުލުމަކީ، ދިވެހިރާއްޖެ ދިގު ޒަމާންތަކެއް ވަންދެން ކުރިމަތިލަމުން އަންނަ ނުރައްކަލެއްކަމަށެވެ. އަދި 1989 ވަނަ އަހަރު މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލަ ފުރަތަމަ ފަހަރަށް ބައިނަލްއަގުވާމީ ދުނިޔޭގެ ސަމާލުކަމަށް ގެނައީވެސް ރާއްޖެއިންކަން ރައީސުލްޖުމްހުރިއްޔާ ފާހަގަކުރެއްވިއެެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލަ ބައިނަލްއަގުވާމީ ދުނިޔޭގެ ސަމާލުކަމަށް ރާއްޖެއިން ގެނައިތާ މިއަދު 35 އަހަރުވީއިރު، އެކަމަށް އެކަށީގެންވާ ގޮތެއްގައި އިޖާބަ ދީފައިނުވާކަމަށެވެ. އެކަން ސާބިތުކޮށްދެނީ މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް އެހީ ފޯރުކޮށްދިނުމުގައި އަމަލުކުރަމުންދާ ގޮތުންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދުނިޔެ ހޫނުވުމުގެ ސަބަބުން އެންމެ ބޮޑަަށް ނުރައްކަލަށް ހުށަހެޅޭ ގައުމުތަކަކީ ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށްވާއިރު، އެކަމުން އަރައިގަތުމަށް ލިބިފައިވަނީ ކުޑަ އެހީއެއް ކަމަށެވެ. އަދި މުއްސަނދި ގައުމުތަކުން ރާއްޖެފަދަ ގައުމުތަކަށް އެހީވާންޖެހޭކަމަށާއި ނަމަވެސް، މޫސުމީ މައްސަލަތަކުން އަރައިގަތުމަށް ދޭ މާލީ އެހީގެ ތެރެއިން ރާއްޖެފަދަ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ލިބެނީ އެންމެ 14 އިންސައްތަކަން ރައީސުލްޖުމްހުރިއްޔާ ފާހަގަކުރެއްވިއެެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގެއްލުންތަކުން އަރައިގަތުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް މިހާރު ގެންގުޅޭ އުސޫލުތައް ބަދަލު ކުރަންޖެހޭކަމަށެވެ. އަދި މިހާރު އޮންނަ އުސޫލުގެ ތެރެއިން ގައުމުތައް ވަޒަން ކުރާއިރު ރާއްޖެފަދަ ކުދި ޖަޒީރާ ގައުމުތަކުގައި ތަނަވަސްކަން ވަޒަންކޮށްފައި ވަނީ ރަނގަޅަށް ނޫންކަމަށެވެ. އެކަމުގެ ސަބަބުން މާލީ އެހީ ހޯދުމަށް އޮންނަ ފުރުސަތުތައް ގެއްލިގެންދާކަމަށް ރައީސުލްޖުމްހޫރިއްޔާ. ވިދާޅުވިއެވެ.

ރާއްޖެއަކީވެސް ތަރައްގީވަމުން އަންނަ ގައުމެއްގެ ގޮތުގައި ރޭންކު ކޮށްފައިވާތީ، އެންމެ ކުޑަކޮށް އާމްދަނީ ލިބޭ ގައުމުތަކަށް ދޫކުރާ މާލީ އެހީގެ ދޮރު ރާއްޖެއަށް ބަންދުވެފައިވާކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ ނުރައްކާތައް އެންމެ އެކަށީގެންވާ ގޮތެއްގައި މާލީ އެހީދޭ މުއައްސަސާތަކުން ވަޒަން ނުކުރާ ކަމަށެވެ. އަދި އެކަމަށް ހައްލެއް އަންނާނީ އެހީދޭ ގޮތާއި އިންޓަރެސްޓް ރޭޓްތައް ކަނޑައަޅާ އުސޫލުތައް ބަދަލުކޮށްގެންކަމަށްވެސް ރައީސުލްޖުމްހުރިއްޔާ ވިދާޅުވިއެވެ. އެހެން ނޫންނަމަ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގައި އުޅޭ އެތައް މިލިއަން ބައެއްގެ ގެދޮރު ނެތުމުގެ ނުރައްކާ އޮންނާނެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖެއިން ވަނީ މޫސުމަށް އަންނަ ބަދަލުތަކާއެކު އުޅޭނެ ގޮތްތަކެއް ހޯދާފައިކަމަށާާއި، އޭގެ އެއް މިސާލަކީ ކަނޑުގެ ދެ މީޓަރަށްވުރެ އުސްކޮށް، ތިމާވެއްޓާއި ރަށްޓެހި ސިފަތަކެއް ހިމެނޭގޮތަށް ހަދާފައިވާ ހުޅުމާލެކަމަށެވެ. އަދި އެމަނިކުފާނުގެ ސަރުކާރުން ފައްޓަވާފައިވާ ރަސްމާލެ މަޝްރޫއުއަކީ އިންޑިއާ ކަނޑުގައި ތަރައްގީކުރާ ފުރަތަމަ އީކޯ ސިޓީކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިފަދަ އާރބަން ސެންޓަރުތައް ތަރައްގީކުރާއިރުވެސް، ތިމާވެއްޓަށް ގެއްލުން ނުލިބޭނެހެން މަސައްކަތް ކުރުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާކަމަށެވެ. ނަމަވެސް މިފަދަ އާރބަން ސެންޓަރުތަކާއި އިއާދަކުރުވަނިވި ހަކަތައިގެ މަޝްރޫއުތައް ހިންގުމަށް އޮތް ހުރަހަކީ ކްލައިމެޓް ފަނޑުތަކުން މިކަމަށް މާލީ އެހީ ނުލިބުންކަން ރައީސުލްޖުމްހުރިއްޔާ ފާހަގަކުރެއްވިއެެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުރިއަށް އޮތް ސިޑްސްގެ 4 ވަނަ ބައްދަލުވުމުގައި މަލްޓި ޑައިމެންޝަނަލް ވަލްނަރަބަލިޓީ އިންޑެކްސްއެއްް އެކަށައަޅަން ރާއްޖެއިން ގޮވާލާނެކަމަށެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ގައުމުތަަކަށް އޮތް ނުރައްކާ ވަޒަންކުރާ މި އިންޑެކްސްގެ ސަބަބުން ކުދި ޖަޒީރާ ގައުމުތަކަށް ބޭނުންވާ މާލީ އެހީ ލިބުމަށް ފަސޭހަވެ، އެކި މަޝްރޫއުތައް ހިންގުމަށް ފަސޭހަ ވެގެންދާނެކަމަށްވެސް ރައީސުލްޖުމްހުރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިކަމުގަައި ބައިނަލްއަގުވާމީ މާލީ އިދާރާތަކާއި މުއްސަނދި ގައުމުތަކުގެ އެހީތެރިކަން ވަރަށް މުހިއްމުކަމަށެވެ. އަދި އަވަސް ފިޔަވަޅުތަކެއް ނާޅައިފިނަމަ ކުދި ޖަޒީރާ ގައުމުތަކުގައި އުޅޭ 65 މިލިއަން މީހުން ނުރައްކަލަށް ހުށަހެޅޭނެކަމަށް، ދަ ގާޑިއަން ޝާއިޢު ކުރެއްވި އާޓިކަލްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.