މިދިޔަ މަހު 168 މީހަކަށް ޒަކާތު ފަންޑުން އެހީދީފައިވާކަމަށް މޯލްޑިވްސް ޒަކާތު ހައުސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުން މައިގަނޑު 5 ކަމަކަށް ޒަކާތު ފަނޑުން އެހީ ދީފައިވެއެވެ. އެއީ ކެންސަރު ބައްޔަށް ފަރުވާ ކުރުމަށާއި، ހިތުގެ އޮޕަރޭޝަން ކުރުމަށާއި، ނިއުމޯނިއާއަށް ފަރުވާ ކުރުމަށާއި، ހަށިގަނޑުން ބައެއް ފިހުމުން ފަރުވާ ހޯދުމަށާއި، ސިކުނޑީގެ އޮޕަރޭޝަންތައް ކުރުމަށެވެ. އަދި އެހިނެހެން ބޭނުންތަކަށްވެސް ޒަކާތު ފަންޑުން އެހީ ދީފައިވެއެވެ.
• ކެންސަރަށް ފަރުވާކުރުމަށް 3 ލައްކަ ރުފިޔާ
• ހިތުގެ އޮޕަރޭޝަންކުރުމަށް 1.06 ލައްކަ ރުފިޔާ
• ނިއުމޯނިއާއަށް ފަރުވާކުރުމަށް 1 ލައްކަ ރުފިޔާ
• ހަށިގަނޑުގެ ބައެއް ފިހުމުން ފަރުވާއަށް 1.65 ލައްކަ ރުފިޔާ
• ސިކުނޑީގެ އޮޕަރޭޝަންކުރުމަށް 25 ހާސް ރުފިޔާ
• އެހެނިހެން ކަންކަމަށް 7.31 މިލިޔަން ރުފިޔާ
ޒަކާތު ހައުސްއިން ވިދާޅުވީ އޭޕްރީލް މަހު އެހީގެ ގޮތުގައި ދިނުމަށް ހަމަޖެހިފައި އޮތީ 1.5 މިލިޔަން ރުފިޔާ ކަމަށެވެ. ނަމަވެސް މިދިޔަ މަހު 5 ލައްކަ ރުފިޔާ އެހީގެ ގޮތުގައި ދީފައިވާ ކަމަށާއި މީގެ ތެރޭގައި މާރޗް މަހު އެހީ ހަމަޖެހިފައިވާ ފަރާތްތަކުގެ ޚަރަދުތައް ހިމެނޭކަމަށް ޒަކާތު ހައުސްއިން ވިދާޅުވިއެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުން މިދިޔަ މަހު 9.2 މިލިޔަން ރުފިޔާ ފިޠުރުޒަކާތުގެ ގޮތުގައި ޒަކާތުގެ ޙައްޤުވެރީންނަށް ދީފައިވެއެވެ. އަދި 4.8 ލައްކަ ރުފިޔާ މުވައްޒަފުންގެ އުޖޫރައިގެ ގޮތުގައި ޒަކާތު ހައުސްއިން ވަނީ ޚަރަދުކޮށްފައެވެ.
މީގެ ކުރިން ފިޠުރުޒަކާތް ނެގުމާއި ޒަކާތް ބެހުމުގެ މަސައްކަތް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރައްވަމުން ގެންދެވި ނަމަވެސް މިހާރު އެ މަސައްކަތް ކުރަމުން އަންނަނީ އެކަމަށް ޚާއްސަކޮށް އުފައްދަވާފައިވާ މޯލްޑިވްސް ޒަކާތު ހައުސްއިންނެވެ. މޯލްޑިވްސް ޒަކާތު ހައުސް ރައީސް އުފައްދަވާ، މި އިދާރާ އިފްތިތާޙް ކޮށްފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.