ޚަބަރު

ބޭނުންވަނީ އިންސާފާއި ހަމަހަމަކަން؛ މޫސުމީގޮތުން ނުރައްކާ އެންމެ ބޮޑީ ރާއްޖެއަށް: ރައީސް


  • ރާއްޖެއަކީ ހަމައެކަނި ފަތުރުވެރިކަމުގެ މަންޒިލެއް ނޫންކަން ފާހަގަކުރެއްވި

  • އުމްރާނީގޮތުން ކުރިއެރުންތަކެއް ހޯދަމުންދާކަން ފާހަގަކުރެއްވި

  • ތަރައްޤީގެ މަސައްކަތްތައް ގުޅިފައިވަނީ ތިމާވެއްޓާކަން ފާހަގަކުރެއްވި

ޖައްވު ހޫނުވުމުގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކާއެކު ކުރިމަތިވާ ނުރައްކާތަކުން އަރައިގަތުމަށް ރާއްޖެފަދަ ޤައުމުތަކުން ގޮވާލަނީ އެހީ ހޯދާކަށް ނޫންކަމަށާއި، ނަމަވެސް އިންސާފާއި ހަމަހަމަކަން ޤާއިމްކުރުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދަ ގާޑިއަން ނޫހުގައި ޝާޢިއު ކުރެއްވި އާޓިކަލްއެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކުރިއަށް އޮތް ކުދި ޖަޒީރާ ޤައުމުތަކުގެ ކޮންފަރެންސް، ނުވަތަ ސިޑްސްގެ 4 ވަނަ ބައްދަލުވުމުގައި މަޝްވަރާކުރާނެ ކަންކަމާއި ހައްލު ހޯދަންޖެހޭ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

ދަ ގާޑިއަން ޝާޢިއު ކުރެއްވި އާޓިކަލްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ދުނިޔޭގެ ގިނަ ބަޔަކު ޤަބޫލުކުރަނީ ރާއްޖޭފަދަ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަކީ، ހަމައެކަނި ފަތުރުވެރިން ޒިޔާރަތްކުރުމަށް ހުންނަ ރީތި ރަށްތަކެއް ހިމެނޭ މަންޒިލްތަކެއްކަމަށެެވެ. ނަމަވެސް ރާއްޖޭގެ ވެރިރަށް މާލެ ސިޓީއަކީ ސައިޒުގެ ގޮތުން ބަލާއިރު އެމެރިކާގެ ނިއު ޔޯކު ސިޓީގެ ސެންޓްރަލް ޕާކަށް ވުރެ ދެ ގުނައެއްހާ ބޮޑުމިނުގެ ތަނެއްކަމަށާއި، އަދި މިއީ ޤައުމުތަކުގެ ވެރިކަންކުރާ ސިޓީތަކުގެ ތެރެއިން އެންމެ ތޮށްޖެހިފައިވާ ވެރިކަން ކުރާ ސިޓީކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މާލެއަށް ދިމާވެފައިވާ ތޮށްޖެހުމުގެ މައްސަލައަށް ހައްލު ހޯދުމަށް ހުޅުމާލެ ހިއްކާ ތަރައްޤީކޮށްފައިވާކަމަށާއި، މިއީ ކަނޑުގެ ލޮނު ގަނޑަށްވުރެ 2 މީޓަރު އުސްކޮށް ތަރައްްޤީކުރި ސަހަރެއްކަމަށެވެ. މީގެއިތުރުން ހުޅުމާލެއަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ގެއްލުންތައް ކުރިމަތިނުވާނޭ ގޮތަށް ރައްކާތެރި ރަށެއްގެ ގޮތުގައި ތަރައްޤީކޮށްފައިވާ ތަނެއްކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ހުޅުމާލެ ތަރައްޤީކޮށްފައިވަނީ ހިއްކާފައިވާ ރަށާއި ވަށައިގެންވާ ފަރުވެސް ހިމާޔަތްކުރުމަށް ބަފަރ ޒޯންތަކެއް ޤާއިމްކޮށްގެންކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ހުޅުމާލެއަކީ ވަރަށް ބޮޑު ނުރައްކަލަކުން ސަލާމަތްކޮށްދިން ތަރައްޤީގެ ޕްލޭނެއްކަމަށާއި، މިއަދު އެ ތަނަކީ އިޤްތިޞާދީގޮތުންނާއި އުމްރާނީގޮތުން ތަރައްޤީވެ، ކުރިއަރަމުން އަންނަ އަރބަން ސެންޓަރެއްކަމަށެވެ. އަދި އެމަނިކުފާނުގެ ސަރުކާރުން ފަށާފައިވާ ރަސްމާލެ މަޝްރޫޢު ނިމުމުން އެތަން ވެގެންދާނީ ތިމާވެއްޓާއި ރަށްޓެހި، އަދި މޫސުމަށް އަންނަ ބަދަލުތަކުން ކުރާ އަސަރު ނުވަތަ ގެއްލުން ކުޑަވާނެ ގޮތަށް އިންޑިއާ ކަނޑުގައި ތަރައްޤީކުރާ ފުރަތަމަ އީކޯ ސިޓީއަށްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކަލަކަށް ތައްޔާރުވެ ތިބުން ނުވަތަ ކްލައިމެޓް އެޑަޕްޓޭޝަންގެ ފުރިހަމަ މިސާލެއްކަމަށެވެ.

ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތް ރާއްޖެއިން ކުރަމުންދާއިރު ތިމާވެއްޓަށް ގެއްލުން ނުވާނޭ ގޮތަށް ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަކީ ސަރުކާރުން ވަރަށް ބޮޑަށް ސަމާލުކަންދޭ ކަމެއްކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެގޮތުން ދުނިޔެ ހޫނުވުމާއި ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކަށް މި ދުވަސްވަރު ކުރިމަތިވެެގެން އުޅޭ ފަރު ހުދުވުމުގެ މައްސަލަ ރާއްޖެއަށްވެސް ކުރިމަތިވެފައިވުމުން، ތަރައްޤީގެ ވަރަށް މުހިއްމު މަޝްރޫޢުތަކެއް މަޑުޖައްސާލާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރަސްމާލެފަދަ މަޝްރޫއުތަކަކީ ތިމާވެށި ހިމާޔަތްކުރުމާއި ދެމެހެއްޓެނިވި ތަރައްޤީގެ ތަސައްވުރާއެކު ކުރިއަށްގެންދާ އެތައް މިލިއަން ޑޮލަރެއް ހޭދަވާނެ މަޝްރޫޢުތަކެއް ނަމަވެސް، މިއީ ވިޔަފާރިއާއި އިޤްތިޞާދާއި ގުޅޭ އިންފްރާސްޓްރަކްޗަރ މަޝްރޫޢުތަކެއް ކަމަށް ބުނެ ކްލައިމެޓް ފަންޑުތަކުންނާއި މަލްޓިލެޓަރަލް ބެންކުތަކުން މާލީ އެހީތެރިކަން ފޯރުނުކޮށްދޭން ދެކޮޅު ހަދާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މި މަސައްކަތްތަކަށް މާލީ އެހީ ލިބިއްޖެނަމަ ޖަޒީރާ ރަށްތައް ރައްކާތެރިކޮށް، އަދި އެރަށް އަނެއް ރަށާއި ގުޅާލުމަށް ހިންގާ ބްރިޖާއި ކޯސްވޭ މަޝްރޫޢުތައް ކުރިއަށްގެންގޮސް، އުމްރާނީ ތަރައްްޤީ ފުޅާވެގެންދާނެކަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އުމްރާނީ ތަރައްޤީ ފުޅާވުމުން ފެންވަރު ރަނގަޅު ތައުލީމާއި، ސިއްހީ ހިދުމަތްތަކެއް ގިނަ ބަޔަކަށް ފޯރުކޮށްދިނުމުގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކަށް ތައްޔާރުވެފައިވާ މުޖްތަމައުތަކެއް ޤާއިމްކުރެވޭނެކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އަވިން ހަކަތަ އުފެއްދުން ފަދަ އިއާދަކުރަނިވި ހަކަތަައިގެ މަޝްރޫޢުތަކަށް ކުރާ އިންވެސްޓްމަންޓްތަކާއެކު އިއާދަކުރަނިވި ހަކަތަ ބޭނުންކުރުން އިތުރުކުރުމަށް ރާއްޖެއިން ކުރާ މަސައްކަތްވެސް ކާމިޔާބުވާނޭކަން ޔަގީންކުރެވިގެންދާނޭޭކަމަށެވެ. ނަމަވެސް މިކަންކަން ހަގީގަތަކަށް ހެދޭނީ މާލީ އެހީ ފޯރުކޮށްދޭ ފަރާތްތަކުން މިމަސައްކަތަށް އެއްބާރުންދީގެންކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްުޔާ ވިދާޅުވީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް ނުވަތަ ސިޑްސްގެ 4 ވަނަ ބައްދަލުވުން ފެށިގެންދާއިރު ޤަބޫލުކުރަންޖެހޭ ހަގީޤަތަކީ ދުނިޔޭ ހޫނުވުމަށް މެދުވެރިވާ ވިހަ ގޭސްތައް ޖައްވަށް ދޫކުރުމުގައި ރާއްޖެފަދަ ކުދި ޖަޒީރާ ޤައުމުތަކުގެ މާބޮޑު ހިއްސާއެއް ނެތްކަމެވެ. ނަަމަވެސް، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ އަވަހަށް ގެއްލުންތަކާއި ނުރައްކާތަކާއި ކުރިމަތިލާންޖެހެނީ ސިޑްސްގެ ޤައުމުތަކުންކަން ބައިނަލްއަޤްވާމީ މުޖްތަަމަޢުއިން ޤަބޫލުކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްުޔާ ވިދާޅުވިއެވެ. އެކަން އެހެން އޮތް ނަމަވެސް ޖަޒީރާ ޤައުމުތަކުން ބައިނަލްއަޤްވާމީ މުޖްތަަމަޢުއަށް ގޮވާލަނީ އުނދަގޫ ކަންތައްތަކެއް ކޮށްދޭން ނޫންކަމަށާއި ނޫނީ އެހީގެ ގޮތުގައި ފައިސާތަކެއް ހޯދާކަށްވެސް ނޫންކަމަށެވެ. އޭގެބަދަލުގައި ކުދި ޖަޒީރާ ޤައުމުތަކުން ބޭނުންވަނީ އެ ޤައުމުތަކުގެ މާ ބޮޑު ދައުރެއް ނެތި ކުރިމަތިވެފައި އޮތް މޫސުމީ ކާރިސާއަކުން ސަލާމަތްވުމަށް އިންސާފުވެރި، ހަމަހަމަ ފުރުސަތުތަކެއްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.