ޚަބަރު

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް އައިޓީބީ ޗައިނާގައި ބައިވެރިވެއްޖެ


  • މިފެއަރ ކުރިއަށްދަނީ މިމަހުގެ 29އަށް ޝެންހާއީގައި

  • ފެއަރގައި ރާއްޖެއިން ބައިވެރިވަނީ 'އޮފިޝަލް ޑެސްޓިނޭޝަން ޕަރޓްނަރު'ގެ ގޮތުގައި

  • މިފެއަރގައި ރާއްޖޭގެ 45 ކުންފުންޏަކުން 100 މަންދޫބުންވަނީ ބައިވެރިވެފައި

ޗައިނާގައި ބާއްވާ ފަތުރުވެރިކަމުގެ އެންމެ ބޮޑު ފެއަރ، އައިޓީބީ ޗައިނާގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.

މިމަހުގެ 29-27އަށް ޝެންހާއީ ވޯލްޑް އެކްސްޕޯ އެންޑް އެގްޒިބިޝަން ސެންޓަރުގައި ބާއްވާ މި ފެއަރގައި ދިވެހިރާއްޖެ ބައިވެރިވަނީ 'އޮފިޝަލް ޑެސްޓިނޭޝަން ޕަރޓްނަރު'ގެ ގޮތުގައެވެ.

މިފެއަރގައި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީއާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ 45 ކުންފުންޏަކުން 100 މަންދޫބުންވަނީ ބައިވެރިވެފައެވެ.

އައިޓީބީ ޗައިނާއަކީ ޗައިނާގެ ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ ބޮޑު ސަމާލުކަމެއް ލިބޭ އެންމެ ބޮޑު އެއް ފެއަރއެވެ. މިއީ ޗައިނާގެ ފަތުރުވެރިކަމުގެ މަތީ ފަންތީގެ ފަރާތްތަކާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވަމުންދާ ޗައިނާގެ ފަތުރުވެރިކަމުގެ ދާއިރާގެ ފަންނުވެރިން އެއްތަނަކުން ދިމާވާ ފަދަ ޕްލެޓްފޯމެކެވެ. މި ފެއަރގައި ވިޔަފާރީގެ ފުރުސަތުތައް އިތުރުކޮށް އެންމެ ފުރިހަމައަށް ބޭނުންކުރުމަށް ނެޓްވޯކިން އިވެންޓްތަކާއި ޒަމާނީ ސިސްޓަމްތައް ބޭނުންކުރެވެއެވެ.

އައިޓީބީ ޗައިނާގެ ރާއްޖޭގެ ސްޓޭންޑު ފަރުމާކޮށްފައިވަނީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ފަތުރުވެރިންނަށް ރާއްޖެއިން ލިބެންހުރި ތަޖުރިބާތައް ފެންނާނެ ގޮތަކަށެވެ. އެމްއެމްޕީއާރުސީން ވިދާޅުވީ ސްޓޭންޑުގައި ރާއްޖޭގެ ސަގާފީ ނެށުންތައް ދައްކާލާ، އާދަކާދަޔާ ދިވެހި ބަހުން ލިޔުމާއި މީރު ލުއިކާނާ ތަޖުރިބާކޮށްލުމުގެ ފުރުސަތު ވެސް ލިބިގެންދާނެކަމަށެވެ.

އައިޓީބީ ޗައިނާގެ ހަވާސާގައި އެމްއެމްޕީއާރުސީން ގިނަ ހަރަކާތްތައް ހިންގުމަށްވަނީ ރާވާފައެވެ. މީގެ ތެރެއިން ފެއަރގެ ފުރަތަމަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ 'މޯލްޑިވްސް މީޑިއާ މީޓް' ނަމުގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުން ފާހަގަކޮށްލެވެއެވެ.

މިނޫސްވެރިންގެ ބައްދަލުވުމުގައި ޗައިނާއާއި ދުނިޔޭގެ މީޑިއާގެ އިސް މަންދޫބުންނަށް މަންޒިލާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން ކުރިއަށް އޮތް ފޯރިގަދަ ހަރަކާތްތަކާއި ފަތުރުވެރިކަމާ ގުޅޭ ސިޔާސަތުތަކުގެ އަޕްޑޭޓްތައް ދޭނެއެވެ. އަދި ބައްދަލުވުމަގައި އެމްއެމްޕީއާރުސީ އާއި ޗައިނާގެ 'ވެއިޒިން ޕޭ'އާ ދެމެދު އެއްބާރުލުމުގެ އެމްއޯޔޫއެއްގައި ސޮއިކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ޗައިނާއަކީ ރާއްޖޭގެ ފަތުރުވެރިކަމަށް މުހިއްމު މާރކެޓެކެވެ. އެގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ. މިއާއެކު މި މަރކެޓަށް އަމާޒުކޮށް އެމްއެމްޕީީއާރުސީން ދަނީ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.