ޚަބަރު

ތަރައްޤީ އައު އުސްމިންތަކަށް ވާސިލުވުމަށް މާލީ އެހީތެރިކަން ފަސޭހައިން ލިބެންޖެހޭ: ރައީސް


  • މިދިޔަ 20 ވަރަކަށް އަހަރުތެރޭގައި ސިޑްސްގެ ޤައުމުތަކަށް ލިބެމުންދިޔަ އެހީ މަދުކަން ފާހަގަކުރެއްވި

ތަރައްޤީގެ ރޮނގުން އައު އުސްމިންތަކަށް ވާސިލުވުމަށް ކުދި ޖަޒީރާ ޤައުމުތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފަސޭހައިން ލިބޭނެ އިންތިޒާމްތަކެއް ހަމަޖައްސަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ކުދި ޖަޒީރާ ޤައުމުތަކަށް ބޭނުންވާ އެހީތެެރިކަން ހޯދުމާއި ގުޅޭގޮތުން، އެންޓީގާ އެންޑް ބާބިޔުޑާގައި މިހާރު ކުރިއަށްދާ 4 ވަނަ ސިޑްސް މަހާސިންތާގެ ހަވާސާގެ ތެރެއިން ބޭއްވި ބައްދަލުވުމެއްގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސިޑްސްގެ ޤައުމުތަކަށް ތަރައްޤީއާއި ކްލައިމެޓް ފައިނޭންސް ފޯރުކޮށްދިނުމަށް މީގެކުރިން ބޭއްވި އެތައް ކޮންފަރެންސެއްގައި ބައިނަލްއަޤްވާމީ މުޖްތަމައުއިން ވައުދުވިޔަސް، މިދިޔަ 20 ވަރަކަށް އަހަރުތެރޭގައި ސިޑްސްގެ ޤައުމުތަކަށް ލިބެމުންދިޔަ އެހީ ވަނީ މަދުވާން ފަށާފައިކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިހާެރު ކުރިއަށްދާ ސިޑްސްގެ 4 ވަނަ ބައްދަލުވުމުގެ ތެރެއިންވެސް މާލީ އެހީތެރިކަން ހޯދަން މަސައްކަތްކުރަމުންދާއިރު، ސިޑްސްގެ ޤައުމުތަކަށް ތަރައްޤީއާއި ކުރިއެރުމުގައި އައު އުސްމިންތަކަށް ވާސިލުވެވޭނީ ފަސޭހަ އިންތިޒާމެއްގެ ތެރެއިން މާލީ އެހީތެރިކަން ލިބިގެންކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ރާއްޖެއާއެކު ސިޑްސްގައި ހިމެނޭ ގިނަ ޤައުމުތަކެއް އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުން ކުރިއަށް ޖެހިލާފައިވާއިރު، އެކަމުގެ ސަބަބުން ބައެއް ދަތިތައްވެސް ކުރިމަތިވެފައިވާކަމަށެވެ. އެގޮތުން ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ފައިނޭންސް ހޯދުމުގައި އުފުލަންޖެހޭ ބުރަބޮޑުކަމުގެ ސަބަބުން، ޤައުމުތަކުގެ މާލީ ހާލަތު ގޯސްވެފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މިކަންކަމުގެ ސަބަބުން ޤައުމުތަކުގެ އިޤްތިޞާދީ ކުރިއެރުން މަޑުޖެހި، އެތައް ދަތިތަކެއް ކުރިމަތިވަމުންދާކަން ރައީސުލްޖުމްހޫރިއެްޔާ ފާހަގަކުރެއްވިއެވެ.

މާލީ ގޮތުން ކުރިމަތިވެފައިވާ ދަތިތަކުގެ ސަބަބުން ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގައި އިސްކަންދޭނެ ތަރުތީބުތަކެއް ކަނޑައަޅަން މަޖުބޫރުވެފައިވާކަމަށާއި، އަދި މިއީ މިކަން އޮންނަންޖެހޭ ގޮތް ނޫންކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މާބޮޑު ބުރަތަކެއް އުފުލުމެއް ނެތި މާލީ އެހީތެރިކަން ލިބިއްޖެނަމަ ތަރައްޤީގެ ރޮނގުން ކުރިއަށްދިއުމަށް ވަަރަށް ބޮޑަށް ފަސޭހަވެގެންދާނެކަމަށެވެ. އެހެންކަމުން އިންޓަރނޭޝަނަލް ފައިނޭންޝަލް އާކިޓެކްޗަރއަށް ބަދަލުތަކެއް ގެނެސް، ފަސޭހައިން ފައިނޭންސް ލިބޭނެ ގޮތްތަކެއް ފަހިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއެްޔާގެ ވާހަކަފުޅުގައި ގޮވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއެްޔާގެ ވާހަކަފުޅުގައި ވަނީ ސިޑްސްގެ ޤައުމުތަކަކީ އެހީ ހޯދަން އުޅޭ ޤައުމުތަކެއްގެ ގޮތުގައި ނުދެކި، ތަރައްޤީގެ ބައިވެރިންގެ ގޮތުގައި ދެކެންޖެހޭކަމަށެވެ.

ކުދި ޖަޒީރާ ޤައުމުތަކަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމުގައި ފަސޭހަ ގޮތްތަކެއް ހަމަޖައްސަން ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވިއިރު، މިފަހަރުގެ ސިޑްސް މަހާސިންތާގައި ރާއްޖެއިން އެންމެ ބޮޑަށް ވަކާލާތުކުރަމުންދަނީވެސް އެކަމަކަށްކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ސިޑްސްގެ ހަވާސާގެ ތެރެއިން ކުރިއަށްދާ ހުރިހާ ހަރަކާތެއްގައިވެސް ރާއްޖެއިން ވަނީ މާލީ އެހީތެރިކަން ފަސޭހައިން ހޯދުމުގެ މުހިއްމުކަން ފާހަގަކޮށްފައެވެ.