ދިވެހިރާއްޖޭގެ ޝަރުޢީ އަދި އިޖުތިމާޢީ ދާއިރާގައި ހުރި މައްސަލަތައް ހައްލުކުރަން ބޭޏުންވާ އަވަސް ފިޔަވަޅުތަކެއް އެޅުމަށް މަޖިލީހުން އިސްކަން ދެއްވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގުރާމުގައި ވާހަކަދައްކަވަމުންނެވެ.
ރާއްޖޭގައި ހުރި އިޖުތިމާޢީ މައްސަލަތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި ދުންފަތުގެ އިސްތިޢުމާލުކުރާ މީހުންގެ އަދަދު ގިނަވުމަކީ ރާއްޖެއަށް ދިމާވެފައިވާ ބޮޑު އިޖުތިމާޢީ މައްސަލައެއް ކަމަށެވެ. އެ މައްސަލަތައް ޤާނޫނުތަކަށް އިސްލާހު ގެނެސްގެން ނަމަވެސް ހައްލުކުރަން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަތައް ހައްލު ނުކުރެވެނީ ޤާނޫނީ ހުރަސްތަކެއް ހުރުމުންކަމަށް އެފަދަ މައްސަލަތައް ހައްލުކުރަން ރާއްޖޭގައި މަސައްކަތްކުރާ ފަރާތަތްކުން ފާހަގަކުރައްވާ ކަމަށެވެ. އެހެންކަމުން މައްސަލަތައް ހައްލުކުރަން ހުރި ޤާނޫނީ ހުރަސްތައް ދެނެގަނެ ޤާނޫނުތައް އިސްލާހުކުރަން ކޮމިޓީތަކުން ވީހާވެސް އަވަހަކަށް މަސައްކަތް ފަށްޓަވަންޖެހޭ ކަމަށާއި، އެކަމުގައި މަޖިލީހުގެ ރިޔާސަތުން ފުރިހަމައަށް އެއްބާރުލުންދެއްވާނެކަމަށް ނާޒިމް ވިދާޅުވިއެވެ.
"މަސްތުވާތަކެތި ބޭނުންކުރުމުގެ ސަބަބުން މީހުން މަރުވެފައި އޮންނަ ތަން ފެނޭ. އެހެންވީމަ އަޅުގަނޑުމެން އެބަ ޖެހޭ ކޮން ޤާނޫނެއް ކޮން ގަވައިދެއް ކޮން ގޮތަކަށް އޮންނާތީތޯ މަސްތުވާތަކެތީގެ މައްސަލަ ހައްލު ނުވެގެން މިއުޅެނީ ބަލަން. ދައުލަތުން ފުދޭވަރުގެ ބޮޑު ބަޖެޓެއް ދެމުންދަނީ ނެޝެނަލް ޑްރަގް އެޖެންސީއަށް. އަދި ރީހެބިލިޓޭޝަނަށްވެސް. އެކަމަކު ރީހެބިލިޓޭޓްކޮށްގެން މީހުން މުޖުތަމަޢަށް ނެރެވޭ ތަނެއް ނުފެނޭ. އެހެންވީމަ ކޮށްދެއްވީ ކޮންކަމެއްތޯ އަޅުގަނޑުމެން އެބަ ޖެހޭ ބަލަން. އަންނަ ހަފްތާގައި ޑްރަގް އެޖެންސީއާ އަޅުގަނޑުމެން ބައްދަލުކުރާނަން. މި ބައްދަލުވުމުގައި ބަޖެޓާ ގުޅޭގޮތުންވެސް އަދި ޤާނޫނީ ގޮތުން ހުރި ހުރަސްތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރެވޭނެ." މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ ދުންފަތުގެ އިސްތިޢުމާލުކުރާ މީހުންގެ އިތުރަށް ރާއްޖޭގައި ވޭޕު ބޭނުންކުރާ ޒުވާނުންގެ ޢަދަދުވެސް އިތުރުވެފައިވާ ކަމަށެވެ. އަދި މިކަންކަމަކީ ޞިއްޙަތަށް ނުރައްކާތެރި ކަމެއްކަން ފާހަގަކުރައްވަމުން ނާޒިމް ވިދާޅުވީ ވޭޕު ބޭޏުންކުރުން ހުއްޓުވުމަށް ޤަވާއިދުތައް ކަނޑައަޅަންޖެހޭ ކަމަށެވެ.
"ދިގު މުއްދަތަކަށް ވޭޕު ބުއިމަކީ މިހާރު ވަރަށް ގިނަ ދިވެހި ޒުވާނުން ކުރާ ކަމެއް. އެމީހުން ބަލިވީމާ އާސަންދައިގެ ދަށުން އެއަށް ފަރުވާ ހޯދަދޭން ޖެހެނީ. ވޭޕު ކުރުން މިހާ ޢާންމުވެގެން މިއުޅެނީ ކިއްވެގެންތޯ އަޅުގަނޑުމެން ބަލަން ޖެހޭ. އެއީ ވޭޕަށް ޓެކްސް ނުނެގޭތީ. ދުންފަތާބެހޭ ޤާނުނު ދަންނަ އެއްޗެއް ނޫން ވޭޕަކީ. އެހެންވީމަ ސިގިނރޭޓަށް ޓެކްސް ނަގާ ގޮތަށް ވޭޕަށް ޓެކްސް ނެގޭކަށް ނޯވޭ. އަގުހެޔޮވެގެން ގޮއްސަ މީތި ޢާންމުވެގެން މިއުޅެނީ." މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވަނީ ޝަރުޢީ ދާއިރާގައި ހުރި މައްސަލަތަކާ ގުޅޭގޮތުންވެސް ވާހަކަދައްކަވާފައެވެ. އެގޮތުން ކޯޓުތަކުގައި މައްސަލަތައް ފުނިޖެހިފައިވާ ވާހަކަ ގިނަ ބަޔަކު ދައްކާކަން ނާޒިމް ފާހަގަކުރެއްވިއެވެ. އެހެންކަމުން ކޯޓުތަކުގައި މައްސަލަ ބެލުން ލަސްވަނީ ކީއްވެގެންތޯ ބަލައި، އެކަމުގައި މަޖިލީހުން ކޮށްދޭންޖެހޭ ކަމެއް އޮތް ނަމަ އެކަމެއް ކޮށްދެއްވާނެކަމަށް ނާޒިމް ވިދާޅުވިއެވެ.