ޚަބަރު

1.6 ބިލިއަން ރުފިޔާގެ ޓީ-ބިލް ވިއްކަން ހުޅުވާލަނީ


  • މިއީ ޖުމްލަ 4 ޓީބިލެއް

  • ޓީ-ބިލް ވިއްކަން ފަށާނީ އަންނަ މަހުގެ 2އިން ފެށިގެން

  • ޓީ-ބިލަކީ ބަޖެޓްގެ ދަރަނި ފޫބެއްދުމަށް ވިއްކާ ދައުލަތުގެ ދަރަންޏެއް

ސަރުކާރުގެ ޚަރަދުތައް ހަމަޖައްސުމަށް އަންނަ އާދިއްތަ ދުވަހުން ފެށިގެން ޓްރެޜަރީ ބިލް (ޓީ-ބިލް) ވިއްކަން ހުޅުވާލުމަށް މާލީ ވުޒާރާއިން ނިންމަވައިފިއެވެ.

މާލީ ވުޒާރާއިން ހުޅުވާލަނީ ޖުމްލަ 1.6 ބިލިއަން ރުފިޔާގެ 4 ޓީބިލެއް ވިއްކުމަށެވެ. މި ޓީ-ބިލްތައް ވިއްކުމަށް ހަމަޖެހިފައިވާ ތާރީޚަކީ އަންނަމަހުގެ 2ވަނަ ދުވަހެވެ.

ޓީ-ބިލްތަކުގެ ތަފްސީލް:

* 28 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 982 މިލިއަން ރުފިޔާގެ ޓީ-ބިލް
* 98 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 46 މިލިއަން ރުފިޔާގެ ޓީ-ބިލް
* 182 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 169 މިލިއަން ރުފިޔާގެ ޓީ-ބިލް
* 364 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 489 މިލިއަން ރުފިޔާގެ ޓީ-ބިލް

ޓީ-ބިލްތަކުގެ އިންޓްރެސްޓް ރޭޓް އުޅެނީ 3.50 އިންސައްތައާއި 4.60 އިންސައްތައާއި ދެމެދުގައެވެ.

ޓީ-ބިލަކީ ބަޖެޓްގެ ދަރަނި ފޫބެއްދުމަށް ވިއްކާ ދައުލަތުގެ ދަރަންޏެކެވެ. ޓީ-ބިލް ވިއްކަނީ އޭގެ އަސްލު އަގަށްވުރެ ހެޔޮކޮށް، އަދި ކަނޑައެޅިފައިވާ މުއްދަތެއް ހަމަވުމުން، އޭގެ ފައިސާ އަނބުރާ ދައުލަތުން އެފަރާތަކަށް އޭގެ އަސްލު އަގު އަދާކުރާގޮތަށެވެ. މީގެ ސަބަބުން ޓީ-ބިލަށް އިންވެސްޓްކުރާ ފަރާތްތަކަށް ފައިދާ ލިބެއެވެ.

ރާއްޖޭގައި މިހާރު ޓީ-ބިލްގައި އިންވެސްޓްކުރަނީ ބޭންކްތަކާއި ޕަބްލިކް ކުންފުނިތަކާއި ޕެންޝަން އޮފީހުގެ އިތުރުން އަމިއްލަ ކުންފުނިތަކުންނެވެ.