ޚަބަރު

ޗައިނާ އީސްޓަންގެ ދަތުރުތައް ދެކުނުގެ އަތޮޅުތަކަށް ބާއްވަން މަޝްވަރާކުރައްވައިފި


  • ޗައިނާ އީސްޓަންގެ ދަތުރުތައް އަލުން ފަށާފައިވަނީ ފެބްރުއަރީ މަހު

  • ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމު

ޗައިނާގެ އެންމެ ބޮޑު އެއް އެއަރލައިންކަމަށްވާ ޗައިނާ އީސްޓަން އެއަރލައިންގެ ސީދާ ދަތުރުތައް ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ބޭއްވުމާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާތައް ކުރިއަށްގެންގޮސްފައިވަނީ މިހާރު ޗައިނާގެ ޝެންހާއީގައި ކުރިއަށްދާ އައިޓީބީ ޗައިނާ ފެއަރގެ ތެރެއިން ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހީމް ފައިސަލް، ޗައިނާ އީސްޓަން އެއަރލައިންގެ އެގްޒެކެޓިވް ވައިސް ޕްރެސިޓެންޓު، އީވީޕީ، ވަން ޗިންގޗާއޯ އާއި އެކު ބޭއްވި ބައްދަލުވުމުގައެވެ.

ޗައިނާ އީސްޓަން އެއަރލައިންގެ ދަތުރުތައް މިދިޔަ ފެބްރުއަރީ މަހުގެތެރޭވަނީ އަލުން ރާއްޖެއަށް ފަށާފައެވެ. އެ އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް މެދުކަނޑާލީ ކޯވިޑާއި ގުޅިގެންނެވެ.

މި ބައްދަލުވުމާއި ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހީމް ފައިސަލް ވިދާޅުވީ، ޗައިނާ އީސްޓަން އެއަރލައިންގެ އީވީޕީ އާއިއެކު ބޭއްވި ބައްދަލުވުމުގައި ގުޅިގެން ރާއްޖެ ޕްރޮމޯޓުކުރުމަށް ކުރެވޭނެ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާކަމަށެވެ. އަދި އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް އިތުރުކުރުމަށް ހުރި ފުރުސަތުތަކާއި، ރާއްޖޭގެ ދެކުނުގެ އަތޮޅުތަކާއި ޗައިނާ އާއި ގުޅާލުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާކަމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހީމް ފައިސަލް ވަނީ ވިދާޅުވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ފަތުރުވެރިކަމުގެ ރޮނގުން ގުޅުން ބަދަހިކުރުމަށް މުހިއްމު މަޝްވަރާތަކެއް ބާއްވަވާފައެވެ. އެ މަޝްވަރާގެ ތެރެއިން ވަނީ ރާއްޖެ އަންނަ ޗައިނާގެ އެއަރލައިންތަކުގެ ޢަދަދު އިތުރުކޮށް، ޗައިނާގެ ވީހާވެސް ގިނަ މަންޒިލްތަކަކުން ރާއްޖެއަށް ދަތުރުތައް ފެށުމަށް މަޝްވަރާކުރައްވާފައެވެ. ޗައިނާ އީސްޓަންގެ ދަތުރުތައްވެސް އަލުން ރާއްޖެއަށް ފަށާފައި ވަނީ ރައީސުލްޖުމްހުރިއްޔާ ބޭއްވެވި މަޝްވަރާގެ ތެރެއިންނެވެ.

އަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެއަށް ލައްކައަކާއި ގާތްކުރާ އަދަދަކަށް ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނަ ޢަދަދަކަށް ފަތުރުވެރިން އަންނަ ޤައުމެވެ.