ޚަބަރު

ގުރައިދޫ މަރުކަޒު ހިންގުމަށް ބޮޑު ބަދަލެއް، ފަރުވާއަށްފަހު އަނބުރާ މުޖުތަމަޢުއަށް ނެރޭ މަރުކަޒަކަށް


  • ގުރައިދޫ މަރުކަޒަށް ގިނަ ބަދަލުތަކެއް ދަނީ ގެންނަމުން

  • ފިރިހެނުންނަށް ޚާއްޞަ ވާރޑަކާއި ކުޑަކުދިންނަށް ޚައްޞަ ވާރޑެއް ޤާއިމްކުރަނީ

  • މިހާރު ވަނީ ނަފްސާނީީ ފަރުވާއަށް ޚާއްޞަ ވާރޑެއް ހުޅުވާފައި

  • ގޭތެރޭގެ ހުނަރުތައް އެތަނުގައި ދަސްކޮށްދޭ

  • މިހާރު އެތަން ހިނގަނީ ފަރުވާއަށްފަހު އަނބުރާ ޢާއިލާއާ ހަވާލުކުރާގޮތަށް

ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ހިންގުމަށް ބޮޑު ބަދަލުތަކެއް ގެނެސް، މިހާރު އެތަނަކީ ފަރުވާއަށްފަހު މީހުން އަނބުރާ މުޖުތަމަޢުއަށް ނެރޭތަނަކަށް ހަދާފައިވާކަމަށް އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަކީ ޒަމާނުއްސުރެވެސް އެކި ސަބަބުތަކާ ހެދި ޢާއިލާތަކުން އަޅާނުލައި، މުޖުތަމަޢަށް ދޫކޮށްލެވިފައިވާ މީހުން ބަލަހައްޓަމުން އަންނަ ތަނެކެވެ.

ވޭތުވެދިޔަ 6 މަސްދުވަހު ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރައްވާފައިވާ މަސައްކަތްތަކުގެ މައުލޫމާތު ނޫސްވެރިންނާއި ހިއްސާކުރެއްވުމަށް ބޭއްވެވި ބައްދަލުވުމުގައި އެވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ އާމިނަތު އިސްމާޢީލް ވިދާޅުވީ ގުރައިދޫ މަރުކަޒަށް ބަދަލުތަކެއް ގެންނަމުންދާކަމަށެވެ.

ގުރައިދޫ މަރުކަޒުގައި މިހާރު ޖުމްލަ 221 މީހުން ތިބިއިރު، މި ހުރިހާ މީހުންގެވެސް މެޑިކަލް ރިވިއު ހަދާފައިވާ ކަމަށް ޑެޕިއުޓީ މިނިސްޓަރު ވިދާޅުވިއެވެ. އަދި ކޮންމެ މީހަކަށްވެސްކޭސް ވޯކަރއެއް ހަމަޖައްސާފައިވާކަމަށާ، މަސައްކަތް ކުރަމުންދަނީ ފަރުވާއަށްފަހު އެމީހުން އަނބުރާ މުޖުތަމަޢުއަށް ނެރުން ކަމަށް ޑެޕިއުޓީ މިނިސްޓަރ އައިމިނަތު ވިދާޅުވިއެވެ.

ގުރައިދޫ މަރުކަޒުގައި ތިބޭތާ 20 އަހަރު ނުވަތަ 30 އަހަރުވެފައިވާ މީހުންވެސް އެބަތިބިކަން ފާހަގަކުރައްވާ އައިމިނަތު ވިދާޅުވީ ފަރުވާއަށްފަހު މުޖުތަމަޢުއަށް އެމީހުން ނެރުމުގެމަސައްކަތް ކުރަމުން އަންނަކަމަށެވެ. އެގޮތުން މިދިޔަ ޑިސެމްބަރުމަހުވެސް 15 މީހަކު އަނބުރާ ޢާއިލާ އާއި ހަވާލުކޮށްފައިވާކަން އާމިނަތު ފާހަގަކުރެއްވިއެވެ. އަދި މިހާރުވެސް 24 މީހެއް އަނބުރާ ޢާއިލާއާއި ހަވާލުކުރުމަށް ތައްޔާރުވަމުންދާކަމަށްވެސް އާމިނަތު ވިދާޅުވިއެވެ.

"ނަފްސާނީ މައްސަލަތަކަށް ފަރުވާ ހޯދާ 183 ފަރާތެއް، އުމުރުން ދުވަސްވީ 31 ފަރާތެއް އަދި އެނދުމަތިވެފައިވާ 15 މީހުން އެބަތިބި، އަދި މިދިޔަ ޑިސެމްބަރުމަހު 15 ފަރާތެއް އަނބުރާ އާއިލާއާއި ވަނީ ހަވާލުކޮށްފައި،" ޑެޕިއުޓީ މިނިސްޓަރު އާމިނަތު އިސްމާޢީލް ވިދާޅުވިއެވެ.

6 ޖޫން 1976ގައި ޤާއިމްކުރި ގުރައިދޫ މަރުކަޒަށް ގެންނަމުންދާ ބަދަލުތަކާއި ގުޅޭގޮތުން ޑެޕިއުޓީ މިނިސްޓަރ އައިމިނަތު ވިދާޅުވީ މި ފެށޭ ހަފްތާތެރޭގައި ފިރިހެނުންނަށް ޚާއްޞަ ވާރޑަކާއި، ކުޑަކުދިންނަށް ޚާއްޞަ ވާރޑެއް ހުޅުވުމަށް ތައްޔާރުވެފައިވާކަމަށެވެ.

ދާދިފަހުން އެ މަރުކަޒުގައި ވަނީ ގޭތެރޭގެ ދިރިއުޅުން ދަސްކޮށްދިނުމަށްޓަކައި ރީ- އިންޓަގްރޭޝަން ވާރޑެއްވެސް ހުޅުވާފައެވެ. މިއީ އެމަރުކަޒުގައި ތިބޭ މީހުންނަށް ޞިއްޙީ، ނަފްސާނީ އަދި އިޖުތިމާޢީ ހުނަރު ޕްރޮގްރާމްތަކާއެކު، ފަރުވާ ފުރިހަމަކުރުމަށްފަހު ޢާއިލާތަކަށް ރުޖޫޢަވުމުގެ ކުރިން ގޭތެރޭގެ ދިރިއުޅުން ދަސްކޮށްދިނުމަށް ޤާއިމްކުރި ވާރޑެކެވެ. އަލަށް ހުޅުވި މި ވާރޑް ޚާއްޞަކުރެވިފައިވަނީ ނަފްސާނީ ބައްޔަށް ފަރުވާ ހޯދަމުންދާ، މުޖުތަމަޢަށް ނިކުތުމަށް ތައްޔާރުވެފައިވާ އަންހެނުންނަށެވެ.

ގުރައިދޫ މަރުކަޒުން ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން އާމިނަތު ވިދާޅުވީ އެތަނުގައި ތިބި ބަލިމީހުންނަށް ބޭނުންވާ ޒަރޫރީ ބޭނުންތައް ފުއްދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ.

"މުޅި މަރުކަޒުގެ އެސެސްމަންޓެއް ހެދިން، ޒަރޫރީ ބޭނުންތައް ފުއްދައިދިނުމަށް އިސްކަން ދިނުން، މިހާރު މަރުކަޒުގެ ހުރިހާ ޕޭޝަންޓްސް ނިދާނީ އެނދުގައި، ކޮންމެ ވާރޑަކުން ބޯފެން ލިބޭނެ، ކެއުންވާނީ ރަނގަޅުކޮށްފައި،" ޑެޕިއުޓީ މިނިސްޓަރު ވިދާޅުވިއެވެ.

ޑެޕިއުޓީ މިނިސްޓަރ އާމިނަތު ވިދާޅުވީ ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ގެންނަން ބޭނުންވެގެން އެކަމަށް އެދިފައި ތިބި ވަރަށް ގިނަ ބަޔަކާއި ވާހަކަދައްކާ، ބޭނުންވާ ފަރުވާ އެ ރަށެއްގެ ސިއްހީ މަރުކަޒުން ލިބޭނެ އިންތިޒާމް ހަމަޖައްސާދީފައިވާ ކަމަށެވެ. މިކަމުގެ ސަބަބުން ބެކްލޮގަށް ލުޔެއް އައިސްފައިވާކަމަށް ވިދާޅުވިއެވެ. އެގޮތުން މި ހަފްތާގައި ގެންނަ 2 މީހުންނާއެކު ދެން ބެކްލޮގްގައި ހިމެނޭނީ އެންމެ މީހެއްކަމަށް އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ އާމިނަތު އިސްމާޢީލް ވިދާޅުވިއެވެ.