ޓެކްނޮލޮޖީ މެދުވެރިކޮށް ކައުންސިލްތަކާއި ވުޒާރާތަކާމެދު މުޢާމަލާތުކުރެވޭނެ ފަހި ނިޒާމެއް ޤާއިމު ކުރަންޖެހޭކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
ސިޓީތަކާބެހޭ ވުޒާރާއިން މި ދައުރުގައި ޙާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތަކާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅުތައް ފުއްދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް އެކަށައަޅާ އެކުލަވާލުމަށް ހަދާ ސްޓްރެޓިޖިކް އެކްޝަން ޕްލޭންގެ މަސައްކަތް އެ ވުޒާރާއިން މިއަދު ވަނީ ފަށާފައެވެ.
އެކްޝަން ޕްލޭން އެކުލަވާލުމުގެ މަސައްކަތް ފަށްޓަވާދެއްވާ ވާހަކަފުޅުދައްކަވަމުން ސިޓީތަކާއި އިދާރީދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ވިދާޅުވީ އެކްޝަން ޕްލޭންގައި ކައުންސިލްތަކާއި ސަރުކާރުގެ ވުޒާރާތަކާއި މުއައްސަސާތަކާ ދެމެދު ފަސޭހައިން މުޢާމަލާތު ކުރެވޭނެ ނިޒާމެއް ޤާއިމްކުރަން މަޝްވަރާކުރަންޖެހޭ ކަމަށެވެ.
ވަޒީރު ވިދާޅުވީ މީގެ ކުރިން ސަރުކާރުގެ އެކި މުއައްސަސާތަކާ ބައްދަލުކުރަން ކައުންސިލްތަކުން މާލެ އައިސް، ދަތުރުފަތުރަށް ބޮޑެތި ޚަރަދުތަކެއް ކޮށްފައިވާ ކަމަށެވެ. ޓެކްނޮލޮޖީގެ ގޮތުން ދުނިޔެ ކުރިއަރާފައިވާއިރު، ކައުންސިލްތަކުން މާލެ ނައިސް ޓެކްނޮލޮޖީގެ ވަޞީލަތްތައް ބޭނުންކޮށްގެން މުއައްސަސާތަކާ ބައްދަލުކޮށް މަޝްވަރާކުރުމުގެ މަގު ކައުންސިލްތަކަށް ފަހިވެފައި އޮންނަންޖެހޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.
"މާލޭގައި ހުންނަ މުއައްސަސާތަކާ ބައްދަލުކުރުމަށް ކައުންސިލްތަކުން މިހާރު ކުރާ ދަތުރުތައް މަދުކޮށް ޓެކްނޮލޮޖީއާއި ޓެލެކޮމިޔުނިކޭޝަންގެ އެކި ވަޞީލަތްތައް މެދުވެރިކޮށް އަޅުގަނޑުމެންނަށް މިހާރަށްވުރެ ރަނގަޅަށް ކައުންސިލްތަކާއި މިނިސްޓްރީތައް ގުޅުވާލަދީ ކަންކަން އިންތިޒާމްކުރެވިދާނެ ގޮތްތައް އޮވެދާނެތޯ ބެލުމަކީވެސް އަޅުގަނޑު ދެކޭގޮތުގައި މި އެކްޝަން ޕްލޭން ތައްޔާރުކުރަމުންދާއިރު ވިސްނަންޖެހޭ ކަމެއް." ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވިއެވެ.
ކައުންސިލްތަކުގެ ބޭނުންތައް ފުއްދައިދީ، ކައުންސިލްތަކާ ބައްދަލުކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރަށްރަށަށް ޒިޔާރަތްކުރައްވާ ޖުމްލަ 160 ކައުންސިލަކާ ބައްދަލުކުރައްވާފައެވެ. އަދި ވަޒީރު އާދަމް ޝަރީފްވެސް ވަނީ ރަށްރަށަށް ޒިޔާރަތްކުރައްވާ ކައުންސިލްތަކާ ވަރަށް ގާތުން ބައްދަލުކުރައްވާ، ދެ ރަށެއްގައި ލާމަރުކަޒީ ނިޒާމާ ގުޅޭގޮތުން މަހާސިންތާ ބާއްވަވާފައެވެ.
މީގެ އިތުރުން ކައުންސިލްގެ އެދުންތަކަށް ވީހާވެސް ގާތުން ޖަވާބުދިނުމަށްޓަކައި ސިޓީތަކާބެހޭ ވުޒާރާއިން ވަނީ ކޮންމެ އަތޮޅެއްގެ ކަންކަން ވިލަރެސްކޮށް މޮނިޓަރކޮށް ބަލަހައްޓާނެ މީހުން ކަނޑައަޅާފައެވެ. މިގޮތުން ކޮންމެ އަތޮޅަކަށްވެސް ދޭއް ނުވަތަ އެއަށްވުރެ ގިނަ މީހުން ކަނޑައަޅައި، އަތޮޅުތައް ގުރޫޕުކޮށްގެން އެ ގުރޫޕެއްގައި ހިމެނޭ އަތޮޅުތަކުގެ ކަންކަން ބަލަހައްޓަން ސްޓޭޓް މިނިސްޓަރުން ފެންވަރުގެ ބޭފުޅުންވެސް ކަނޑައަޅުއްވާފައިވެއެވެ.