ޚަބަރު

އަންނަމަހު 10 ބައި-އިލެކްޝަނެއް ބާއްވަން ނިންމާ ކުރިމަތިލާން ހުޅުވާލައިފި


  • ބައި-އިލެކްޝަންތައް އޮންނާނީ ޖުލައި 20ގައި

  • ލޯކަލް ކައުންސިލް 8 ބައި-އިލެކްޝަން

  • ޑަބްލިއުޑީސީގެ 2 ބައި-އިލެކްޝަން

  • ބައި-އިލެކްޝަންތަކުގައި ވާދަކުރުމަށް ފުރުޞަތު ވަނީ ހުޅުވާލާފައި

ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް ހިމެނޭހެން 10 ބައި-އިލެކްޝަނެއް ޖުލައި މަހުގެ 20 ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމަވައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ އަންނަ ޖުލައި މަހުގެ 20 ވަނަ ދުވަހު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ 2 ކޮމިޓީއެއްގެ ބައި-އިލެކްޝަން ބާއްވަން ނިންމާފައިވާ ކަމަށެވެ. މިއީ ޅ. ހިންނަވަރާއި ފ. ބިލެތްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރަން ބާއްވާ ބައި-އިލެކްޝަންތަކެއްކަމަށް އެކޮމިޝަނުން ވިދާޅުވިއެވެ. އަދި މިއިން ކޮންމެ ކޮމިޓީއަކަށްވެސް އިންތިޚާބުކުރާނީ އެއް މެންބަރުކަމަށް އެކޮމިޝަނުންވިދާޅުވިއެވެ.

މީގެ އިތުރުން ޖުލައި މަހުގެ 20 ވަނަ ދުވަހު އިތުރު 8 ބައި-އިލެކްޝަނެއް އޮންނާނެއެވެ. މީގެ ތެރެއިން ބައެއް ބައި-އިލެކްޝަންތަކަކީ 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ބައެއް ކައުންސިލްތަކުގައި ތިއްބެވި މެންބަރުން ހޮވިވަޑައިގެން ކައުންސިލްގެ ގޮނޑި ދޫކުރެއްވުމުން ހުސްވި ގޮނޑިތަކަށް އިންތިޚާބުކުރަން ބާއްވާ ބައި-އިލެކްޝަންތަކެކެވެ.

ކައުންސިލްތަކުގެ ބައި-އިލެކްޝަންތައް:

• ޅ. އަތޮޅު ކައުންސިލްގެ ރައީސް
• ފ. ބިލެތްދޫ ކައުންސިލްގެ ރައީސް
• ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ކުޅުދުއްފުށި އުތުރު ދާއިރާގެ ކައުންސިލަރު
• ރ. ހުޅުދުއްފާރު ކައުންސިލް މެންބަރު
• މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ ކައުންސިލް މެންބަރު
• މާލެ ސިޓީ ކައުންސިލްގެ މައްޗަންގޮޅި މެދު ދާއިރާގެ ކައުންސިލް މެންބަރު
• މާލެ ސިޓީ ކައުންސިލްގެ ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލް މެންބަރު
• ރ. ރަސްމާދޫ ކައުންސިލްގެ އަންހެން މެންބަރު

ޖުލައި 20ގައި އޮންނަ ބައި-އިލެކްޝަންތަކުގައި ވާދަކުރަން ބޭނުންވާ މީހުންނަށް ކެންޑިޑެންސީ ފޯމު ހުށައެޅުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން ވަނީ މިހާރު ހުޅުވާލާފައެވެ. އެގޮތުން މިދިޔަ މަހުގެ 30 އިން މިމަހުގެ 14 ވަނަ ދުވަހާ ހަމައަށް އެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

މި ބައި-އިލެކްޝަންތަކުގެ ވޯޓުލުން ކުރިއަށް ދާނީ 20 ވަނަ ދުވަހުގެ ހެނދުނު 8 އިން ހަވީރު 4 ޖެހުމާ ހަމައަށެވެ. އަދި ރަސްމީ ނަތީޖާ އިޢުލާނުކުރަން ހަމަޖެހިފައިވަނީ ޖުލައި މަހުގެ 22 ވަނަ ދުވަހުއެވެ.

މި ބައި-އިލެކްޝަންތަކުގައި ވޯޓުލެވޭ މީހުންގެ ފައިނަލް ލިސްޓު ޢާންމުކުރާނީ ޖުލައި މަހުގެ 14 ވަނަ ދުވަހުއެވެ.