މިއަހަރު ރާއްޖެއިން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މައްކާއަށްދިޔަ ފުރަތަމަ ގްރޫޕުގެ ޙައްޖުވެރިން ދަތުރުގެ ފުރަތަމަ ޢުމްރާ އަދާކޮށްފިއެވެ. ހައްޖުގެ އަޅުކަން އަދާ ކުރުމަށް އައި ފުރަތަމަ ގުރޫޕްގެ މީހުން ޢުމްރާގެ އަޅުކަން އަދާކޮށްފައިވަނީ ގުރޫޕްތަކަށް ބަހާލައިގެންނެވެ.
މިވަގުތު މައްކާގައި ތިބި ހުރިހާ ދިވެހި ޙައްޖުވެރިންގެ ހާލުވެސް ރަނގަޅެވެ.
ޢުމްރާގެ އަޅުކަމަށް ދިއުމުގެ ކުރިން ހޮޓަލުގައި ވަނީ ޢުމްރާއާ ގުޅޭ މަޢުލޫމާތާއި، ހަރަމްފުޅު ތެރޭގައި އުޅެންވީ ގޮތުގެ މަޢުލޫމާތު ޙައްޖު ކޯޕަރޭޝަނުގެ ފަރާތުން ޙިއްސާކޮށްފައެވެ.
ޙައްޖުވެރިން ތިބޭ ހޮޓަލާ ޙަރަމްފުޅާ ދެމެދު ހިނގާފައި 15 ވަރަކަށް މިނެޓް ތެރޭގައި ދެވޭއިރު 6 ބަޔަކަށް ބަހާލައިގެން ޢުމްރާ ކުރުމަށް ޙައްޖުވެރިން ހަރަމްފުޅަށް ދިޔައީ ހިނގާފައެވެ. ޙަރަމްފުޅަށް ދިޔަ މަގުމަތީގައި މަގު ދެއްކުމަާއި، ހަރަމްފުލުން ހޮޓަލަށް އަންނަންވީ ގޮތުގެ މަޢުލޫމާތުވެސް ހައްޖު ކޯޕަރޭޝަނުގެ ފަރާތުން ވަނީ ޙައްޖާޖީންނާ ހިއްސާކޮށްފައެވެ.
ޙައްޖުވެރިންގެ ފުރަތަމަ ގޫރޫޕް އިއްޔެ ވެލާނާ އިންޓަރނޭޝަނަލް އެއަޕޯޓުން ފުރީ ހަވީރު 4 ޖަހާކަންހާއިރުއެވެ. އަދި ޙައްޖުވެރިން ދަތުރުކުރި ބޯޓު ސަޢުދިޢަރަބިއްޔާގެ ޖިއްދާގެ ކިންގް ޢަބްދުލްޢަޒީޒް އިންޓަނޭޝަނަލް އެއަޕޯޓަށް ޖައްސާފައިވަނީ ސަޢުދީ ގަޑިން 7:40 ހާއިރުގައެވެ. އަދި ޙައްޖުވެރިން ތިބުމަށް ހަމަޖެހިފައިވާ ހޮޓެލް “އަލްބަލަދް އަލްޠައްޔިބް އަޖްޔަދް ހޮޓެލް” އަށް އާދެވުނި 3 ގަޑިއިރުގެ ދަތުރަކަށް ފަހު ރޭ 12 ޖަހާ ބޮޑުވިފަހުންނެވެ.
ޙައްޖުވެރިން ހޮޓަލަށް އައީ ސަޢުދީޢަރަބިއްޔާގެ ސަރުކާރުން ހަމަޖައްސާފައިވާ ޚާއްސަ ބަސްތަކެއްގައެވެ. ޙައްޖުވެރިން ހޮޓަލަށް އައުމުން ރަތް ދޫލައިގެ މަރުޙަބާއެއް ދިވެހި ޙައްޖު މިޝަނުގެ ފަރާތުން ކިޔާފައިވެއެވެ.
އެއަށްފަހު ޙައްޖުވެރިންގެ ޝަރަފުގައި ރޭގަނޑުގެ ކެއުން ކުރިއަަށް ގެނދިޔައެވެ. ރޭގަނޑުގެ ކެއުމަށް ތައްޔާރުކޮށްފައިވަނީ ދިވެހި ރަހަތައް އެކުލެވޭ ކެއުމެވެ.
ޙައްޖު މިޝަނުން ވިދާޅުވީ ރާއްޖެއިން މިއަހަރު ޙައްޖަށް ސަޢުދީއަށް ދާ ދެވަނަ ފްލައިޓުގެ މީހުންނަށް މަރުޙަބާ ކިޔުމަށް ތައްޔާރުވަމުން އަންނަކަމަށެވެ. ދެވަނަ ގްރޫޕުގެ ޙައްޖުވެރިން ފުރާނީ މިމަހުގެ 3 ވަނަ ދުވަހުއެވެ.