މިއަހަރުގެ ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށްޓަކައި ބާއްވާ ހަރަކާތްތައް ފަށައިފިއެވެ.
މިއަހަރުގެ ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް 10 ހަރަކާތެއް ކުރިއަށް ގެންދިއުމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ވަނީ ނިންމާފައެވެ.
ކޮންމެ އަހަރެއްގެވެސް ޖޫން މަހުގެ 8 ވަނަ ދުވަހު ފާހަގަކުރަނީ ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެގޮތުގައެވެ.
ދުނިޔޭގެ ކަނޑުތަކުގެދުވަސް ރާއްޖޭގައި ކުލަ ގަދަކޮށް ފާހަގަކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކާއި ގުޅޭގޮތުން މައުލޫމާތުދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާގެ ސްޓޭޓު މިނިސްޓަރ މުޙައްމަދު މުއްޠަލިބް ވިދާޅުވީ އަމާޒަކީ ވީހާވެސް ގިނަ ބަޔަކު ބައިވެރިކޮށްގެން ހަރަކާތްތައް ހިނގުން ކަމަށެވެ.
މިމަހުގެ 8ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ ހަރަކާތްތަކުގެތެރޭގައި ކުރެހުމުގެ މުބާރާތަކާއި، މަޒުމޫނު ލިޔުމުގެ މުބާރާތަކާއި، ކުއިޒް މުބާރާތަކާއި، މައުލޫމާތު ދިނުމުގެ ސެޝަނެއް ބޭއްވުމާއި، މަސް ރޭހެއް ބޭއްވުމާއި، ސާފުކުރުމުގެ ހަރަކާތަކާއި، "އެންމެން މޫދަށް" ނަމުގައި މޫދު ހަރަކާތެއް ބޭއްވުމާއި، ޑިސްކަވާ ޑައިވް ހަރަކާތް ހިމެނެއެވެ.
މި ހުރިހާ ހަރަކާތްތައް ނިންމާލުން ފާހަގަކުރުމަށްޓަކައި ޖޫން 8ވަަނަ ދުވަހު 'އޯޝަން ޑޭ ފެސްޓިވަލް'އެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ސްޓޭޓު މިނިސްޓަރ މުޙައްމަދު މުއްޠަލިބް ވިދާޅުވިއެވެ. ހުޅުމާލޭގައި ބާއްވާ މި ހަރަކާތުގެތެރެއިން އެކި ކަހަލަ ހަރަކާތްތައް ކުރިއަށްދާނެ ކަމަށް މުއްޠަލިބް ވިދާޅުވިއެވެ.
" މިއީ ފުލްޑޭ އިވެންޓެއް، ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަކީ އެދޭކަމެއް، މި ހަރަކާތުގެތެރެއިން އެކި އެކި މުބާރަތް ކުރިއަށްދާނެ، ސްޓޯލްތައް ހުންނާނެ، ވަރަށް ބޮޑު ވަރަށް ފުރިހަމައަށް ގެންދެވޭ ހަރަކާތަކަށްވާނެ،" ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބް ވިދާޅުވިއެވެ.
މުއްޠަލިބް ވިދާޅުވީ މި ހުރިހާ ހަރަކާތެއްގެ ތެރެއިންވެސް އެންމެ އިސްކަމެއް ދޭނީ ކަނޑުތަކާއި ގުޅޭގޮތުން އާއްމުން ހޭލުންތެރިކުރުމަށްކަމަށެވެ. އެގޮތުން ސްކޫލް ކުދިންނަށް އަމާޒުކޮށް ގިނަ ހަރަކާތްތަކެއް ރާވާފައިވާކަންވެސް މުއްޠަލިބް ފާހަގަކުރެއްވިއެވެ.
ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ކުރިއަށް އޮތްތަނުގައި ޤައުމީ ފެންވަރުގައި ފާހަގަކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.