ފަލަސްތީނުގެ ރައްޔިތުންނާދެކޮޅަށް ހިންގާ ލާއިންސާނީ ޙަމަލާތައް ހުއްޓާލުމަށާއި، ފަލަސްތީނުގެ ރައްޔިތުންނަށް ބޭނުންވާ ސިއްޙީ އެހީތެރިކަން އަވަހަށް ފޯރުކޮށްދިނުމަށް ރާއްޖެއިން އަނެއްކާވެސް ގޮވާލައިފިއެވެ.
މިއަހަރުގެ ވޯލްޑު ހެލްތު އެންސެމްބުލީގައި ރާއްޖޭގެ ފަރާތުން ސިއްޙީ ވަޒީރު ޑރ.ޢަބްދުﷲ ޚަލީލު ބައިވެރިވެވަޑައިގެންވަނީ ފަލަސްތީނުގެ ރައްޔިތުންގެ ހައްޤުގައި އަޑު އުފުލާފައެވެ.
އެގޮތުން މި އެސެމްބްލީގައި ތަޤްރީރުކުރައްވަމުން ސިއްޙީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލުވަނީ ދިވެހިން އަބަދުވެސް ތިބޭނީ ފަލަސްޠީނުގެ ރައްޔިތުންނާއި އެކުގައިކަމަށް ވިދާޅުވެފައެެވެ. އަދި މިހާރު އެޤައުމުގެ ރައްޔިތުންނާއި ދެކޮޅަށް ހިނގަމުންދާ ލާއިންސާނީ އަމަލުތައް ރާއްޖެއިން ވަނީ ކުށްވެރިކޮށްފައެވެ.
ޑރ. ޚަލީލު ވަނީ އިންޓަރނޭޝަނަލް ހިއުމަނިޓޭރިއަން ލޯ އާއި ޚިލާފަށް އެތައް ކަމެއް ފަލަސްތީނާއި ދެކޮޅަށް ހިނގަމުންދާކަން ފާހަގަކުރައްވާފައެވެ. އެގޮތުން ސިއްޙީ ޚިދުމަތްދޭ ތަންތަނަށް އަމާޒުކޮށް ހަމަލާދެމުންދާ ކަމަށާއި، މިފަދަ އަމަލުތައް ހުއްޓުވަން ޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ.
އަދި ވޯލްޑު ހެލްތު އޯގަނައިޒޭޝަން ނުވަތަ ދުނިޔޭގެ ސިއްޙަތު ޖަމުޢިއްޔާއިން ފަލަސްތީނަށް ދެމުންދާ އެހީ އިތުރުކޮށް، ސިއްހީ ޚިދުމަތްދޭ ފަރާތްތަކާއި ތަންތަނަށް ލިބެން ޖެހޭ ރައްކާތެރިކަން ކަށަވަރުކުރުމަށް މަސައްކަތްކުރުމަށް ވަޒީރު ގޮވާލެއްވިއެވެ.
“Despite our shared commitment to the Universal Declaration of Human Rights and the principle that “health is a human right,” we observe troubling conditions in conflict zones, particularly Gaza”@abkhaleel #WHA77 pic.twitter.com/eifU2wFh5h
— Ministry of Health (@MoHmv) May 29, 2024
ހައްދުފަހަނަ އަޅާފައިވާ ޔަހޫދީ އިސްރާޢީލުގެ ޢަމަލުތައް ކުށްވެރިކޮށް ޑރ. ޚަލީލުވަނީ ޤާނޫނުތަކާއި ގަވާއިދުތަކަށް ބޯލަނބައި، ފަލަސްތީނަށް އެހީދޭން ތައްޔާރަށް ތިބި ފަރާތްތަކަށް އެ ފުރުސަތު ދިނުމަށްވެސް ގޮވާލައްވާފައެވެ.
ވޯލްޑް ހެލްތު އެސެމްބްލީގައި ފަލަސްތީނާއި ގުޅޭގޮތުން ނެގި ވޯޓުގައި ރާއްޖެއިންވަނީ ބައިވެރިވެފައެވެ. އެގޮތުން ރާއްޖެއިން ވަނީ އެޤައުމުގެ ސިއްޙީ ހާލަތު ރަނގަޅު ކުރުމަށް ވޯޓު ދީފައެވެ.
77ވަނަ ވޯލްޑް ހެލްތު އެސެމްބްލީ ކުރިއަށް ދިޔައީ ސުވިޓްޒަލޭންޑުގެ ޖެނީވާގައެވެ. 192 ޤައުމެއްގެ ހެލްތު މިނިސްޓަރުން ބައިވެރިވެވަޑައިގެންނެވި މި އެސްމްބްލީގެ މިއަހަރުގެ ޝިއާރަކީ "އޯލް ފޯ ހެލްތު، ހެލްތު ފޯ އޯލް' އެވެ. އެގޮތުން ދުނިޔެއަށް ކުރިމަތިވެފައިވާ ސިއްހީ ގޮންޖެހުންތަކާއި ކުރިމަގުގައި އިސްކަންދޭނެ ދާއިރާތަކާއި ގުޅޭގޮތުން މި ބައްދަލުވުމުގައި ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފައެވެ.