ޚަބަރު

ފަތުރުވެރިން އައި އަދަދަށް %10 ކުރިއެރުމެއް، ޗައިނާއިން އެކަނިވެސް އެއްލައްކަ ފަތުރުވެރިން


  • 5 މަސް ދުވަހުގެތެރޭގައި ރާއްޖެއަށް 892245 ފަތުރުވެރިން ޒިޔާރަތްކުރި

  • ޗައިނާއިން 101202 ފަތުރުވެރިން އައިސްފައިވޭ

  • އެވްރެޖްކޮށް ކޮންމެ ދުވަހަކު 3519 ފަތުރުވެރިން އާދޭ

މިއަހަރުގެ ފުރަތަމަ 5 މަސް ދުވަހުގެތެރޭގައި ރާއްޖެއަށް 892245 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން އެންމެ ފަހުން އާއްމުކޮށްފައިވާ ޑެއިލީ އަޕްޑޭޓު ރިޕޯޓުގައިވާގޮތުން މިއަހަރުގެ ފުރަތަމަ 5 މަސް ތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދުވަނީ މިދިޔަ އަހަރުގެ މިމުއްދަތުގައި ޒިޔާރަތްކުރި ފަތުރުވެރިންނާ އަޅާ ބަލާއިރު 10 އިންސައްތަ އިތުރުވެފައެވެ. މިދިޔަ އަހަރުގެ މިމުއްދަތުގައ ރާއްޖެ އައިސްފައިވަނީ 809244 ފަތުރުވެރިންނެވެ.

ވަކިވަކި މަސްމަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު:

* ޖަނަވަރީ – 192385 ފަތުރުވެރިން
* ފެބްރުއަރީ – 217392 ފަތުރުވެރިން
* މާރޗް – 194،227 ފަތުރުވެރިން
* އޭޕްރީލް – 168366 ފަތުރުވެރިން
* މޭ – 119875 ފަތުރުވެރިން

ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 3519 ފަތުރުވެރިން އާދެއެވެ. އަދި ރާއްޖޭގައި ފަތުރުވެރިން 7 ދުވަހުގެ ޗުއްޓީއެއް ހޭދަކުރެއެވެ.

ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރަނީ ޗައިނާއިންނެވެ. އެގޮތުން އެގައުމުން ރާއްޖެއަށް އަހަރުގެ މިހާތަނަށް ވަނީ ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމުތައް:

* ޗައިނާ – 101202 ފަތުރުވެރިން
* ރަޝިއާ – 90336 ފަތުރުވެރިން
* އިނގިރޭސިވިލާތް – 85208 ފަތުރުވެރިން
* އިޓަލީ – 75123 ފަތުރުވެރިން
* ޖަރުމަނުވިލާތް – 72462 ފަތުރުވެރިން

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގައި މިވަގުތު ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް 1193 ތަނެއް ވަނީ ހުޅުވާފައެވެ. މި ތަންތަނުގެ ބެޑް ކެޕޭސިޓީ 62254 އަށް އަރައެވެ.

ރާއްޖެއިން މިއަހަރު އަމާޒު ހިފާފައިވަނީ 2 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށެވެ. މިއަހަރުގެ ފުރަތަމަ 4 މަސްދުވަހުގެ ތެރޭގައި ފަތުރުވެރިކަމުން ހާސިލްކުރަން ކަނޑައެޅި އަމާޒުގެ %25 ހާސިލްވެފައިވާކަމަށް ސަރުކާރުން ވިދާޅުވެއެވެ.