ޚަބަރު

އިހުގެ ކުޅިވަރުތަކާއެކު ޤައުމީ ފެންވަރުގައި ބޮޑު ޢީދު ފާހަގަކުރާ 3 ރަށުގައި ގިނަ ހަރަކާތްތަކެއް


  • ޤައުމީ ފެންވަރުގައި ޢީދު ފާހަގަކުރަނީ އުނގޫފާރާއި ކުޑަހުވަދޫއާއި ވިލިނގިލީގައި

  • ތާރަ ޖެހުމާއި ދަފި ނެގުމާއި ލަނގިރި ޖެހުންފަދަ ހަރަކާތްތައް ރަށްތަކުގައި އޮންނާނެ

  • އަޟްހާ ޢީދު ދުވަހަކީ މިމަހުގެ 17

އިހުގެ ކުޅިވަރުތަކާއެކު ޤައުމީ ފެންވަރުގައި އަޟްހާ ޢީދު ފާހަގަކުރާ 3 ރަށުގައި ގިނަ ހަރަކާތްތަކެއް ބާއްވަން ނިންމާފައިވާކަމަށް އެ ރަށްރަށުން ހާމަކޮށްފިއެވެ. މިކަން ހާމަކޮށްފައިވަނީ ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއިން ޤައުމީ ފެންވަރުގައި ޢީދު ފާހަގަކުރަން ޕްރޮޕޯސަލް ހުށައަޅަން ރަށްތަކަށް ހުޅުވާލި ފުރުޞަތުގައި 26 ރަށަކުން ޕްރޮޕޯސަލް ހުށައެޅިއެވެ. ޕްރޮޕޯސަލް ހުށައެޅި ރަށްތަކުގެ ތެރެއިން 1445 ވަނަ އަހަރުގެ ޢީދު ފާހަގަކުރަން ނިންމަވާފައިވަނީ 3 ރަށެއްގައެވެ. އެއީ ރާއްޖޭގެ 3 ސަރަހައްދުން 3 ރަށެވެ.

އަޟްހާ ޢީދު ޤައުމީ ފެންވަރުގައި ފާހަގަކުރަން ނިންމާފައިވާ 3 ރަށަކީ ރާއްޖޭގެ އުތުރުން މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރާއި މެދުތެރޭ އަތޮޅުތަކުން ނިލަންދެ އަތޮޅު ދެކުނުބުރީ ކުޑަހުވަދޫއާއި ދެކުނުން ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިއްޔެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ދިވެހިބަހާ ބެހޭ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް އާތިކާ އިބްރާހީމް ވިދާޅުވީ ޢީދު ފާހަގަކުރަން ކަނޑައެޅި 3 ރަށުގައި ޢީދުގެ ހަރަކާތްތަކަށް ތައްޔާރުވުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

"މެހްމާނުންނަށް މަރުހަބާ ކިޔުމަށާއި ސަގާފީ ކުޅިވަރުތައް ކުޅުމަށް ރަށްރަށުން ދަނީ ވަރަށް ފުރިހަމައަށް ތައްޔާރުވަމުން. އަދި ތިން ރަށަށް ދިމާވާ ދަތިތައް ހައްލުކުރުމަށް ވުޒާރާއިން ދަނީ މަސައްކަތް ކުރަމުން." އާތިކާ ވިދާޅުވިއެވެ.

އުނގޫފާރުގައި ކުރިއަށްގެންދާ ހަރަކާތްތަކާ ގުޅޭގޮތުން ކައުންސިލްގެ ރައީސް ޢަބްދުﷲ ރަޝީދު ވިދާޅުވީ އުނގޫފާރުގައި ހަރަކާތްތައް ކުރިއަށް ގެންދާނީ އިހުގެ ސާގާފީ ގޮތްތަކަށް ކަމަށެވެ. އެގޮތުން ޢީދު ކޯޑި، ބޮޑުމަސް ކުޅުން، ކުރުފަލި ޖެހުން، ދަފި ނެގުން ފަދަ ސަގާފީ ހަރަކާތްތައް އެ ރަށުގައި އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މުސްކުޅި ޢުމުރުން ދުވަސްވީ ބޭފުޅުންގެ އައިޓަމެއް އޮންނާނެ. ދިވެހި ސާގަފަތާއި ގުޅުންހުރި ގޮތަކަށް މި އައިޓަމްތައް ކުރިއަށްދާނީ. އަދި މެދު ޢުމުރުފުރާއިގެ މީހުންނާއި ޒުވާނުންގެ ހަރަކާތްތައް އޮންނާނެ. ދިވެހި ލަނގިރި، ދަފި ނެގުން، ކުރުފަލި ޖެހުންފަދަ ހަރަކާތްތައް ބޮޑަށް ހުންނާނީ." ޢަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

ކުޑަހުވަދޫގައި ބާއްވާ ހަރަކާތްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން އެ ރަށު ކައުންސިލްގެ ފަރާތުން އަޙްމަދު މުޢާޛު ވިދާޅުވީ ކުޑަހުވަދޫގައި ޢީދު ސައި އުލްހިޔާ ކަތިލުން ފަދަ ހަރަކާތްތައް ޢީދު ދުވަހު އޮންނާނެ ކަމަށެވެ. އަދި ފަލަސްޠީނުގެ މުސްލިމުންގެ ޙައްޤުގައި ބާއްވާ ހިނގާލުމެއްގެ އިތުރުން ޢީދުގެ ކޮންމެ ރެއަކުވެސް ނައިޓު މާކެޓު އޮންނާނެކަމަށް އޭނާ ވިދާޅުވިއެވެ.

"ހަވާ އެރުވުން އޮންނާނެ. ސަގާފީ ގިނަ ހަރަކާތްތަކެއް އޮންނާނެ. އެގޮތުން ލަނގިރި ޖެހުމާއި ބޮޑުބެރު ޖެހުމާއި ތާރަ ޖެހުމާއި ބޮޑު މަސް ނެރުން އޮންނާނެ. އަދި މި ހުރިހާ ހަރަކާތްތަކެއް ވެސް ބާއްވާނީ އެންމެންނަށްވެސް ބައިވެރިވެވޭ ގޮތަށް." މުޢާޛު ވިދާޅުވިއެވެ.

ވިލިގިލީގައި ހިންގާ ހަރަކާތްތަކާ ގުޅޭގޮތުން ޓީމް ލީޑަރ ޢައްބާސް ވިދާޅުވީ ޢީދުގެ ހަރަކާތްތައް ފަށާނީ ޢީދު ވިލޭރޭ އޮންނަ ކުލަގަދަ ކުޅިވަރުތަކަކުން ކަމަށެވެ. އެގޮތުން ޢީދު ވިލޭރޭ ޢީދު މަޅި ރޯކުރުމާއި، ވެދުމާ ދިއުމާއި، ހަވާ އެރުވުން އޮންނާނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޢީދު ތަށިބަރި ބަދަލު ކުރުމުގެ ޚާއްސަ ހަރަކާތަކާއި ގިނަ ހަރާކާތްތަކެއް ހިމެނޭހެން ޕެރޭޑެއް އޮންނާނެކަމަށް އޭނާ ވިދާޅުވިއެވެ.

"ކުޅިވަރުތައް ގެންދާނީ ޕެރޭޑެއްގެ ގޮތުގައި. ބަނޑިޔާ ޖެހުމާއި ތާރަ ޖެހުން އޮންނާނެ. ސްޓޭޖް ޝޯ އޮންނާނެ. ޢީދު ކުޅިވަރުތަކުގައި ބޭނުންކުރާނީ ރަށުބަހުން ތައްޔާރުކޮށްފައިވާ ލަވަތައް. އައިޓަމްތަކުގައި ސަގާފީ ހެދުން ބޭނުންކުރާނީ. ކުޑަކުދިންގެ ހަވީރެއް އޮންނާނެ." އައްބާސް ވިދާޅުވިއެވެ.

އިސްލާމީ މުނާސަބާތަށް ކުލަގަދަކޮށް ޤައުމީ ފެންވަރުގައި ފާހަގަކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. އެގޮތުން މާލެއާއި ހުޅުމާލޭގެ އިތުރުން އަތޮޅު ވެރިކަންކުރާ ރަށްރަށް މިދިޔަ ފިޠުރު ޢީދާ ދިމާކޮށް އިސްލާމީ ޝިޢާރުތައް ރަމްޒުވާ ކުލަބޮކިތަކުން ވަނީ ދިއްލާލާފައެވެ. އަދި މާލޭގައި ގިނަ ކުޅިވަރުތަކެއް މިދިޔަ ފިޠުރު ޢީދާ ދިމާކޮށް ސަރުކާރުގެ އެކި މުއައްސަސާތަކުން އިސްނަގައިގެން ވަނީ ބާއްވާފައެވެ.

ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ އަޟްހާ ޢީދު ދުވަސް ދިމާވަނީ މިމަހުގެ 17 ވަނަ ދުވަހާއެވެ.